Advertisement

ނޮވަވެކްސްގެ ކޮވިޑް ވެކްސިން 90 ޕަސެންޓް އިފެކްޓިވް

ނޮވަވެކްސްއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން.-- ފޮޓޯ: ރޮއިޓާޒް


ނޮވަވެކްސްގެ ކޮވިޑް ވެކްސިން 90 ޕަސެންޓް އިފެކްޓިވް

ވޮޝިންޓަން، އެމެރިކާ (ޖޫން 14) - ކޮވިޑާ ދެކޮޅަށް ނޮވަވެކްސްއިން އުފެއްދި ވެކްސިން އެ ވައިރަހާ ދެކޮޅަށް 90 ޕަސެންޓު އިފެކްޓިވް ކަމަށް ދިރާސާއިން ދައްކައިފި އެވެ.

ނޮވަވެކްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުން ބަލި ސީރިއަސްވުމާ ދެކޮޅަށް 100 ޕަސެންޓު ރައްކާތެރިކަން ލިބޭ ކަމަށާއި އޭގެ އެފިކަސީ އުޅެނީ 90.4 ޕަސެންޓުގައި ކަމަށެވެ.

ކުންފުނިން ހެދި ދިރާސާގައި އެމެރިކާ އާއި މެކްސިކޯގެ 119 ސައިޓަކުން 29،960 މީހުން ބައިވެރިވި ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

ނޮވަވެކްސްއިން ބުނީ މި އަހަރުގެ ތިން ވަނަ ކުއާޓާގައި ވެކްސިނަށް ރަސްމީކޮށް ހުއްދައަށް އެދި އެމެރިކާގެ ކަމާ ބެހޭ ރެގިއުލޭޓަރީ އިދާރާއަށް ހުށަހަޅާނެ ކަމަށެވެ.

އޭގެ ފަހުން އެ ކުއާޓާގެ ކޮންމެ މަހަކު 100 މިލިއަން ޑޯޒް އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެ މަހަކު 150 މިލިއަން ޑޯޒް އުފައްދަން ކުންފުނިން ވަނީ ނިންމާފަ އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުން ކޮވިޑާ ދެކޮޅަށް ވެކްސިން ޖެހުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވި ނަމަވެސް ފަގީރު ގައުމުތަކަށް އުޅެނީ ވެކްސިން ޕްރޮގްރާމް ހިންގޭ ވަރަށް ވެކްސިން ނުލިބިގެންނެވެ.

ނޮވަވެކްސްއިން ބުނީ އެ ކުންފުނީގެ ވެކްސިން 2-8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނު މިނުގައި ރައްކާތެރިކޮށްފައި ބެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން މި ވެކްސިން ވެގެން ދާނީ ފަސޭހައިން ރައްކާކޮށްފައި ބެހެއްޓޭ އަދި ފަސޭހައިން އެއް ތަނުން އަނެއް ތަނަށް އުފުލޭ ވެކްސިނަކަށެވެ.