Advertisement

ނަތަންޔާހޫ ދުރުކުރެވުމަކީ "އެންމެ ގޯސް އެއް ދުވަސްވަރު" ނިމުމަކަށް ގެނެވުން: ފަލަސްތީނުގެ ބޮޑު ވަޒީރު

ފަލަސްތީނުގެ ބޮޑު ބަޒީރު މުހައްމަދު އިޝްތަޔާ.-- ފޮޓޯ: ރޮއިޓާޒް


ނަތަންޔާހޫ ދުރުކުރެވުމަކީ "އެންމެ ގޯސް އެއް ދުވަސްވަރު" ނިމުމަކަށް ގެނެވުން: ފަލަސްތީނުގެ ބޮޑު ވަޒީރު

ރާމަﷲ، ފަލަސްތީން (ޖޫން 14) - އިޒްރޭލުގެ ބޮޑު ވަޒީރުގެ މަގާމުން ބެންޖަމިން ނަތަންޔާހޫ ދުރުކުރެވުމަކީ އިޒްރޭލާއި ފަލަސްތީން މައްސަލައިގެ "އެންމެ ގޯސް އެއް ދުވަސްވަރު" ނިމުމަކަށް ގެނެވުން ކަމަށް ފަލަސްތީނުގެ ބޮޑު ބަޒީރު މުހައްމަދު އިޝްތަޔާ ވިދާޅުވެއްޖެ އެވެ.

"އިޒްރޭލުގެ ބޮޑު ވަޒީރު 12 އަހަރު ވެރިކަމުގައި ހުންނެވުމަށް ފަހު މަގާމުން ވަކިވުމަކީ އިޒްރޭލް-ފަލަސްތީން މައްސަލައިގެ ތާރީހުގައި އެންމެ ގޯސް އެއް ދުވަސްވަރަށް ނިމުމެއް ގެނެވުން،" ފަލަސްތީނުގެ ކެބިނެޓުން ކޮންމެ ހަފްތާއަކު ބާއްވާ ކެބިނިޓެ ބައްދަލުވުން ފެށުމުގެ ކުރިން އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކަނޭސެތުން ވަނީ ނަތަންޔާހޫ މަގާމުން ދުރުކޮށް، މުޅިން އާ ސަރުކާރެއް ވެރިކަމަށް ގެންނަން ފާސްކޮށްފަ އެވެ. އަށް ޕާޓީގެ ކޯލިޝަން ސަރުކާރުގެ ބޮޑު ވަޒީރަކީ ނަފްތާލީ ބެނެޓް އެވެ.

އާ ސަރުކާރަށް އިޝާރާތް ކުރައްވާ އިޝްތަޔާ ވިދާޅުވީ އެ ސަރުކާރުން ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މި އާ ސަރުކާރަކީ ކުރީ ސަރުކާރަށް ވުރެ ރަނގަޅު ސަރުކާރެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ޔަހޫދީން އާބާދު ކުރުމަށް ތާއީދު ކުރާކަން އިއުލާނު ކުރައްވާފައި ވާތީ އެކަން އަޅުގަނޑުމެން ކުށްވެރިކުރަން،" އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ނިސްބަތް ކުރައްވާ އިޝްތަޔާ ވިދާޅުވި އެވެ.

"ފަލަސްތީނު ރައްޔިތުންގެ ކުރިމަގާއި އެ މީހުންގެ ހައްގުތަކާ މެދު ނުވިސްނާ ނަމަ މި އާ ސަރުކާރަށް ވެސް އެއްވެސް ކުރިމަގެއް ނުލިބޭނެ،" އޭނާ ފާހަގަކުރެއްވި އެވެ.