Advertisement

އަނިޔާ އާއި ނިޔާގެ އަރާރުން

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އަނިޔާ އާއި ނިޔާގެ އަރާރުން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 25 މައްސަލައެއް މި އަހަރުގެ ފެބުރުއަރީ މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ހުށަހަޅާފައިވެ އެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 18 މައްސަލައެއް މި އަހަރުގެ މާރިޗު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ހުށަހަޅާފައިވެ އެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 13 މައްސަލައެއް މި އަހަރުގެ އެޕްރިލް މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ހުށަހަޅާފައިވެ އެވެ.

އަނެއްކާވެސް މި ދުވަސްވަރަކީ ކުޑަކުދިންގެ ޙައްޤުތަކުގެ އަޑު ވައިގައި ހިފާލާފައިވާ ދުވަސްވަރެކެވެ. އަނެއްކާވެސް ތަފާސްހިސާބުތަކަށް އިތުރުވީ އެވެ. މި ފަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކެވެ. ގިނަ ބަޔަކު ދެކެނީ މީގެ ޒިންމާ ނަގަން ޖެހޭނީ ޖެންޑާ މިނިސްޓްރީންކަމުގަ އެވެ. މީހަކު ހައްޔަރުވެސް ކޮށްފި އެވެ. އޭނާގެ މައްޗަށް ނުރައްކާތެރި ތުހުމަތުތަކެއްވެސް އެބަކުރެވެ އެވެ. އެހެން ނަމަވެސް ކުށްވެރިވަނީ ބެލެނިވެރި ފަރާތެވެ. އަގުވެއްޓެނީ ނަން ހާމަނުކުރާ ކުޑަކުއްޖާގެ އެވެ. މައިންބަފައިންގެ ލޯބި ލިބިގެން، ގެވެށި މާހައުލުގައި ތިއްބާ އަނިޔާ ލިބޭ ކުދިންނަށް އަނިޔާ ލިބޭ ހިނދުވެސް ކުށްވެރިވަނީ މައިންބަފައިންނެވެ. ހަލާކު ވަނީ އެ ކުއްޖާގެ މުސްތަޤުބަލެވެ. ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބެނީ އެ ކުއްޖާއަށެވެ.

އަނިޔާ ދޭ މީހާ ހައްޔަރުކުރެވޭ މަދު ހާލަތްތަކުގައި ހެއްކާއި ޤަރީނާ އާއި އިޤުރާރާއި އިޢުތިރާފުގެ މާނަކުރުންތަކުގެ ތެރޭގައި އޭނާގެ ޙައްޤުތައް އުފުލި، އޭނާގެ ޝިކާރައަކަށްވީ ކުޑަކުއްޖާގެ ޙައްޤުތައް ވަޅުލެވިގެންދަނީ މަދު ފަހަރަކު ނޫނެވެ. އަނިޔާ ސާބިތުކުރުމުގެ އަނިޔާވެރި މަރުހަލާގެ ތެރޭގައި ނިޔާ ލިބޭނޭ ކަމުގެ އުއްމީދު ހަނިވެގެންދެ އެވެ. އިންސާފުގެ ނިޔާ ލިބުނުކަމުގައިވިޔަސް، އިންސާފަށް ވާޞިލުވުމަށް ކުރާ ދަތުރުގެ ރާސްތާ ދިގެވެ. ތަޖުރިބާ ހިއްޗެވެ. އެ ތަޖުރިބާއަށްފަހު މަޢުޞޫމިއްޔަތުގެ ޒައްރެއްގެ މިންވަރަށް ވެސް އެ ކުއްޖާގައިގައި ހަރުލާނޭ ފުރުޞަތު ލިބިއްޖެނަމަ ސަހަރޯއެވެ.

ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާއާ ގުޅުންހުރި ސުރުޚީއެއް ފެންނަ ކޮންމެ ޙާލަތެއްގައި ހިތަށް ހިތާމައާއި ރުޅިވެރިކަމާއި މާޔޫސީއާއި ނަފުރަތުގެ އިހުސާސްތައް ވެރިވެގަނެ އެވެ. އެހެންނަމަވެސް އެ ފަދަ ސުރުޚީއެއް ފެނުމުން، ތިމާގެ ޢަމަލުތައް ބެހެއްޓޭ ގޮތާމެދު ސުވާލުކުރެވެނީ ކިތައް މީހުންނަށް ބާވަ އެވެ؟ ކުޑަކުއްޖަކަށް އަނިޔާއެއް ކުރާ މަންޒަރު ފެނި، އެހެންނަމަވެސް "ބެހޭ ކަމެއް ނޫން" ކަމަށް ދެކިގެން ނުވަތަ ރިޕޯޓުކުރީ ކާކުކަން އެނގިދާނޭކަމުގެ ބިރަށް އެ ފަދަ ކަންކަން ރިޕޯޓު ނުކުރާ ކިތައް މީހުން އުޅޭނޭބާވަ އެވެ؟ ރިޕޯޓުކޮށްގެން ލިބޭނޭ ފައިދާއެއް ނޯވެދާނެތީ ރިޕޯޓު ނުކުރާ ކިތައް މީހުން އުޅޭނޭ ބާވަ އެވެ؟ އަނިޔާ ދޭކަމަށް ތުހުމަތުކުރެވޭ މީހާއަކީ ތިމާގެ ގާތް މީހެއްކަމުން އޭނާ ހިމާޔަތްކުރުމުގެ ނިޔަތުގައި ކޯޓުގައި ދޮގު ހެކިދިން ކިތައް މީހުން އުޅޭނޭބާވަ އެވެ؟ އޭނާއަކީ ނުފޫޒުގަދަ، ބާރުގަދަ މީހެއްކަމުން، އޭނާއާ ދެކޮޅަށް ހުށަހެޅޭނޭ ހެއްކާއި ޤަރީނާ ފޮރުވައިދިން ކިތައް މީހުން އުޅޭނޭބާވަ އެވެ؟

ކުއްޖަކަށް މިފަދަ އަނިޔާއެއް ލިބޭ ހިނދު އެއީ ކާކުގެ ދަރިއެއްތޯ، އެ ކުއްޖާގެ ނަމަކީ ކޮބައިތޯ ބަލަން އަހަރެމެން އެހާ ކެތްމަދުވަނީ ކޮން ސަބަބަކާ ހުރެތޯ އެވެ؟ ޖެހިލުމެއްނެތި ސޯޝަލް މީޑިއާގައި އެ މަޢުލޫމާތުތައް ހާމަކުރަމުން ދަނީ، ޤާނޫނުން އެ ފަދަ ކުޑަކުދިންނަށް ލިބިދޭ ހިމާޔަތް ބޮލާލާ ޖަހާފައި ނޫންތޯ އެވެ؟ އެއްބަޔަކު މި ތަޙުޤީޤު ހިންގާއިރު، އަނެއްބަޔަކު އެ ކުއްޖާއަކީ ތުއްތު ކުއްޖެއްތޯ، ފުރާވަރުގެ ކުއްޖެއްތޯ، ލައިގެން ހުރީ ކޮން ހެދުމެއްތޯ އޮޅުންފިލުވުމަށް ތަޙުޤީޤު ހިންގަ އެވެ. މަޤްޞަދަކީ އަހަރެމެންގެ ވަގުތީ މުނިފޫހިފިލިވުން ނޫން ކޮންކަމެއްތޯ އެވެ؟

ކޮންމެ ފަހަރަކުވެސް މި ފަދަ ޚަބަރެއް ލިބުމާއެކު، އަހަރެމެން އެންމެ އެކްޓިވިސްޓު ބެޖުން ހިރަފުސްފޮޅާލާފައި ހެދުމުގައި ހަރުކޮށްލަމު އެވެ. އިންސާފަށް އަޑުއުފުލާ ސްޓޭޓަސްތަކުން ސޯޝަލް މީޑިއާ ފުރާލަމު އެވެ. ޕްރޮފައިލް ފްރޭމްތައް ވެސް ބޭނުންކުރަމު އެވެ. ބައެއް ފަހަރު މުޒާހަރާތަކުގައިވެސް ބައިވެރިވަމު އެވެ. އެހެންނަމަވެސް އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް އިންސާފު ލިބެންދެން އެ "ބޭންޑްވެގަން"ގައި ކެތްކޮށްލެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ؟