Advertisement

ކޮޕަ އެެމެރިކާ: މެސީ ހިލޭޖެހުމުން ޖެހި ގޯލާ އެކު އާޖެންޓީނާ އާއި ޗިލީ އެއްވަރު

15 ޖޫން 2021 - 04:21 0

ޗިލީގެ އަރަންހުއިޒް (ކ) ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.


ކޮޕަ އެެމެރިކާ: މެސީ ހިލޭޖެހުމުން ޖެހި ގޯލާ އެކު އާޖެންޓީނާ އާއި ޗިލީ އެއްވަރު

15 ޖޫން 2021 - 04:21 0

ރިއޯ ޑި ޖަނެއިރޯ (ޖޫން 15) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭ ލިއޮނަލް މެސީ ހިލޭ ޖެހުމަކުން އާޖެންްޓީނާ އަށް ލީޑުނަގައިދީފައި ވަނިކޮށް ޗިލީން 1-1 އިން އެއްވަރުކޮށްފި އެވެ.

ބްރެޒިލްގެ އެސްޓަޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި މެސީ ހިލޭ ޖެހުމަކުން ގޯލު ޖެހިއިރު، އެ ބޯޅަ ގޯލަށް ވަނީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަތުގައި ޖެހިފަ އެވެ. މި ގޯލާ އެކު މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ވަނީ 73 އަށް އަރައިފަ އެވެ.

ޗިލީން އެއްވަރުކުރީ ދެ ވަނަ ހާފްގަ އެވެ. އެ ޓީމުގެ ގޯލު ޖަހައިދިނީ މެޗުގެ 57 ވަނަ މިނިޓްގައި އެޑޮއާޑޯ ވާގާސް އެވެ. ލިބުނު ޕެނަލްޓީ އަކުން ޗިލީގެ އާޓޫރޯ ވިޑާލް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހިފައި ހުރަސްދަނޑީގައި ޖެހިފައި ލިބުމުން ވާގާސް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އަދި ޕެނަލްޓީގެ ރީބައުންސް އިން ވާގާސް ގޯލު ޖެހީ އަތުން ކަމަށް ބުނެ އާޖެންޓީނާގެ ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ ވަނީ ވީއޭއާރް މެދުވެރިކޮށް އެކަން ބެލުމަށް ފަހު ގޯލު ރަނގަޅުކަމަށް ނިންްމައިފަ އެވެ.

އިތުރު ވަގުތަށް މެޗުގައި ދެއްކި ހަތް މިނިޓާ އެކު އާޖެންޓީނާ އިން މި ފަަހަރުގެ ކޮޕަ އެމެރިކާ މޮޅަކުން ފެށޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު ބްރާވޯ ހުރި ޗިލީގެ ގޯލަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އެންހެލް ޑިމާރިއާ ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެެވެ.


ޗިލީއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅެފައިވާ ކޮޕަ އެމެރިކާ މެޗުތައް މެސީ އަށް ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ. މެސީ ވަނީ 2016 ވަަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެެވެ. އެކަމަކު ތިން މަހެއްހާ ދުވަސް ފަހުން އެނބުރި އަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގައި ޗިލީ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ އިން މުބާރާތުގެ ތިން ވަނަ ހޯދި މެޗުގައި މެސީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މިއީ އާޖެންޓީނާ އަށް ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި ފަހުން 14 އަހަރު ތެރޭ މެސީ އަށް ގައުމީ ޓީމުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓްކުރަން ނިންމި ދެ ގައުމުގެ ތެރޭގައި އާޖެންޓީނާ ހިމެނެ އެވެ. އާޖެންޓީނާގެ އިތުރުން ދެން އޮތީ ކޮލަމްބިއާގައި ކުޅޭ ގޮތަށެވެ. އެކަމަކު ކޮވިޑާއި ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ދެ ގައުމުގައި މުބާރާތް ނުބޭއްވި ބްރެޒިލްގައި ކުޅޭ ގޮތަށް ބަދަލުކުރީ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން ވަނީ ރޭ 3-0 އިން ވެެނެޒުއޭލާ އަތުން މޮޅުވެފަ އެވެ.