Advertisement

ގޯނާގެ ޝިކާރައަކަށްވި ކުއްޖާއަށް އިތުރު ރައްކާތެރިކަން ދީފި

14 ޖޫން 2021 - 19:17 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރޭޕާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ގޯނާގެ ޝިކާރައަކަށްވި ކުއްޖާއަށް އިތުރު ރައްކާތެރިކަން ދީފި

14 ޖޫން 2021 - 19:17 0

ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްޖާ ބަލަހައްޓަމުން އަންނަގޮތް އިތުރަށް ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މިއަދު ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ. އޭނާގެ ބަންދު ޖެހި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ ފެނިފައިވަނީ ހައްޔަރުކުރި މީހާގެ ކޮޓަރިން ކަމާއި އެ ކުއްޖާއާމެދު ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މީހާ ކުއްޖާއަށް ކަންތައްތަކެއް ކޮށްދީ، އެ ކުއްޖާ ގްރޫމްކުރުމަށް އެމީހާ މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަކީ ނަފްސާނީ ގޮތުން ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކުދިން ކަމަށެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ އެ ކުދިންގެ މައުލޫމާތު އާންމުވުމަކީ ކުދިންގެ ނަފްސާނީ ހާލަތަށް އިތުރު ގޮންޖެހުންތަކެއް ދިމާވެ، އެ ކުދިންނާއެކު ކުރާ މަސައްކަތްތަކަށް ހީނަރުކަމެއް އަންނަ ކަމެއް ކަމަށެވެ.

"ކުއްޖެއްގެ ދިރިއުޅުމުގައި ދިމާވާ ކަންކަމަކީ ގިނަ މަސައްކަތްކޮށް އެއަށް ބަދަލު ގެންނަން ޖެހޭ ކަންތައްތަކަށްވާތީ، ކުދިންނާއި އެކު މި ކުރާ މަސައްކަތުގައި މި ސާވިސްއަށް އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވޭ،" ބަޔާނުގައިވެ އެވެ.

ކުދިންގެ މައުލޫމާތު ނުވަތަ ކުދިންނަށް އަމާޒުވާހެން މައުލޫމާތު ހިއްސާ ކުރުމަކީ ކުދިންގެ ކަރާމާތަށް ގެއްލުންވާ އަދި ކުދިންނަށް އިތުރު ދަތިތަކާ ކުރިމަތިވާ ކަމަކަށް ވާތީ އެފަދަ މައުލޫމާތު ކުދިންނަށް އަމާޒުކޮށް ހިއްސާ ނުކުރުމަށް އެ ސާވިސްއިން ބަޔާނުގައި އެދިފައިވެ އެވެ.

އެ ސާވިސްއިން ބުނީ ކުޑަކުދިން ގްރޫމްކޮށް އެކުދިންގެ އިތުބާރު ހޯދައި އެކި ބާވަތުގެ އަނިޔާ އެ ކުދިންނަށް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.