Advertisement

ޝާހިދަށް ދެ މަގާމު އަދާކުރެއްވިދާނެތަ؟، ބަހުސްގެ ދެ ފަރާތް!

15 ޖޫން 2021 - 08:18 5

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވުމުން، ވަޒީރުކަމުގައި ހުންނެވޭނެ ކަމާމެދު ކުރެވޭ ގާނޫނީ ބަހުސް ބޮޑު. -އާޓްވާކް: އަބްދުﷲ ޝަފީއު/ އަދަދު


ޝާހިދަށް ދެ މަގާމު އަދާކުރެއްވިދާނެތަ؟، ބަހުސްގެ ދެ ފަރާތް!

15 ޖޫން 2021 - 08:18 5

މިދިޔަ ހޯމަ ދުވަހަކީ ފަހުގެ ތާރީހެއްގައި މުޅި ރާއްޖެ އެއްބައިވެ، އެއް އަޑަކުން އެއް ޝުއޫރެއް ފާޅުކުރި މަދު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ބޮޑު ތަފާތަކުން އިންތިހާބުވި ނަތީޖާ އިއުލާނުކުރި ވަގުތުކޮޅަކީ ހުރިހާ ދިވެހިންނަށް ފަހުރުވެރި ވަގުތުކޮޅެއްގެ ގޮތުގައި ލިޔެވުނެވެ.

ޝާހިދަށް ހައްގު މުބާރިކުބާދީ އާއި ތަހުނިޔާ އޮހެމުންދިޔައިރު، ގިނަ ބަޔެއްގެ ސިކުނޑި އެނބުރުނީ އެކާމިޔާބީއާއެކު ދެން ވާނެ ގޮތަކާ ދިމާއަށެވެ. އެކަމުން ރާއްޖެއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެމަގާމަށް އިންތިހާބު ވުމުން ޝާހިދު ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ހެއްޔެވެ؟ ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވޭނެ ހެއްޔެވެ؟

އެ ސުވާލުތަކުގެ ޖަވާބު ހޯދަން ފީނައިލުމުން އުފަންވީ އެއަށްވުރެ މާ ސީރިއަސް ސުވާލުތަކެކެވެ.

ގާނޫނުއަސާސީގެ ރޫހާ ހިލާފު؟

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވުމާއެކު އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ މިނިސްޓަރުކަމުގައި ޝާހިދަށް ހުންނެވޭނެތޯ އެވެ. އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ދައުރު އަންނަ ސެޕްޓެމްބަރު 15 ގައި ފެށޭއިރު، އެ މަގާމު އަދާކުރެއްވުމަށްޓަކައި މިހާރު ހުންނެވި ފޮރިން މިނިސްޓަރު ކަމުގެ މަގާމު ދޫކޮށްލަށްވަން ޝާހިދަށް ޖެހިވަޑައިނުގަންނަވާނެ އެވެ.

ދެ މަގާމުގެ މަސްއޫލިއްޔަތު ވަކިވެފައި އޮންނަ އިރު، އދ.ގެ ގަވައިދު ބުނާ ގޮތުން މަސްލަހަތު ފުށު އެރުމެއް ނެތުމުން، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމުން ވަޒީރުކަމުގައި ޝާހިދަށް ދެމިހުންނެވުމަކަށް ހުރަހެއް ނެތެވެ.

އެކަމަކު ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރުމާއި، ވަޒީރުކަން ފިޔަވައި، ފައިދާއެއް ލިބޭފަދަ އެ ނޫންވެސް މަގާމެއް ފުރުން ހިމަނާފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ އެވެ. - ގާނޫނުއަސާސީގެ 136 (ހ)

މި މާއްދާގެ ދަށުން ވަޒީރަކު ކޮށްގެން ނުވާނޭ ކަންކަމަކީ؛

  1. ސަރުކާރުގެ އެހެން މަގާމެއް އަދާކުރުން.
  2. ފައިދާއެއް ލިބޭފަދަ އެހެން މަގާމެއް ފުރުން.
  3. ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  4. އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވުން.
  5. އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން.

ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި މިހެން ބަޔާންކޮށްފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނަނީ ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި މަގާމަކީ އދ.ގެ މަގާމެއް ނޫން ކަމަށާއި، އޭނާއަށް އެއްވެސް އުޖޫރައެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީގެ އެ ދިފާއުއާމެދު ގާނޫނީ ބައެއް ބޭފުޅުންގެ ހިޔާލު ތަފާތެވެ.

ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ގަބޫލުކުރައްވާ ގޮތުގައި، އެ މާއްދާގެ މަފްހޫމަކީ ވަޒީރަކު އިތުރު މަގާމެއް އަދާނުކޮށް، ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކަށް ހުރިހާ ވަގުތެއް ހުސްކުރުމެވެ.

އެހެންކަމުން، ޝާހިދަށް އުޖޫރައެއް ލިބިވަޑައިނުގެންނެވި ނަމަވެސް، އދ.ގެ އެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

ދެ މަގާމުގެ މަސްއޫލިއްޔަތު ފުށުއަރާތަ؟

އެއް އަހަރު ދުވަހުގެ ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވަން ޝާހިދު އަމާޒު ހިތްޕަވާފައިވާއިރު، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގައި އޭނާ ގިނައިން ހުންނަވާނީ އދ. ގެ މައި މަރުކަޒު ހުންނަ އެމެރިކާގެ ނިއުޔޯކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެއީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރައްވާނަމަ ޝާހިދަށް ވަޒީރުކަމުގައި ނުހުންނެވޭނެ ކަމަށް އުޝާމް ފާހަގަކުރައްވައި އަނެއް ނުކުތާ އެވެ.

ގާނޫނުއަސާސީގެ ފަސް ވަނަ ބާބުގައި ވަޒީރެއްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ލިޔެވިފައިވާއިރު، އެކަމަށް މަޖިލީހަށް ޖަވާބުދާރީވެ، ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ޝާހިދަށް އަދާކުރެއްވޭނެ ކަމަށް އުޝާމް ގަބޫލެއް ނުކުރައްވަ އެވެ.

ބޭރުގެ ހުރިހާ ގުޅުންތަކެއް ދެމެހެއްޓުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާއެއް. އެހެންވީމާ، އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ބޭއިންސާފެއް. ޝާހިދު ވަޒީރުކަމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އުޝާމް ވިދާޅުވި އެވެ.

މިކަމުގައި ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ވިސްނުން ކުޑަކޮށް ތަފާތެވެ. އދ. އިން ޝާހިދަށް އުޖޫރައެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން ބުނާއިރު، ވަޒީރުކަމުގެ ޝަރުތެއް ގެއްލިއްޖެ ކަމަށް ވިދާޅުވާން މުހުތާޒަށް އުނދަގުލެވެ.

ނަމަވެސް، އެހާ ގިނަ ދުވަހު ރާއްޖޭން ބޭރުގައި، އެހެން މަގާމެއްގެ ޒިންމާތައް އުފުއްލަވަން ޝާހިދު އުޅުއްވަންޖެހިވަޑައިގެންނެވުމަކީ ވަޒީރުކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވޭނެ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތްކަމެއް ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން ދާދި ފަހުން އައްޔަނުކުރުމުން އުފެދުނު ހިޔާލުތަފާތުވުމަށް އިޝާރާތް ކުރައްވައި، މިފަދަ ކަންކަން ސާފުވާންޖެހޭ ކަމަށް މުހުތާޒް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމުގެ ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގައި ހިޔާލުތަފާތުވީ ކުންފުންޏެއްގައި އޮތް ޑރ. ހުސެއިންގެ ހިއްސާގެ މައްސަލައިގަ އެވެ.

ކުރިން ވެސް ތިމާވެށި މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިނަކީ ލިޔެކިޔުންތައް ދައްކާ ގޮތުން، އަމިއްލަ ކުންފުންޏެއްގެ ފައުންޑިން ޝެއާ ހޯލްޑަރެކެވެ. ނަމަވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އޭނާ ހިމެނިވަޑައިނުގަންނަވަ އެވެ. އޭނާއަކީ އާއްމު ހިއްސާދާރެކެވެ.

ޑރ. ހުސެއިނަށް ރުހުން ދިނުމާމެދު ގޮތެއް ނުނިންމުނީ މީގެ ކުރިން ޑރ. އަބްދުﷲ މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް ރުހުން ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޑރ. މައުސޫމްގެ ހުވަޔާމެދު ސުވާލު އުފެދުނީ، ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވުމުންނެވެ. ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އެވެ. އޭގެ ސަބަބުން ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރެއްވުމުންނެވެ.

"ކުރިއަށް އޮތް ތަނުގައި މިފަދަ ސުވާލުތައް އުފެދުމުގެ ޖާގަ ނައްތާލަން އެބަޖެހޭ މިކަންކަން ސާފުވާން،" މުހުތާޒު ވިދާޅުވި އެވެ.

ވަޒީރުކަމުގައި ހުންނެވުމުން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު؟

މާނަކުރުންތަކުގެ ތެރެއިން ވަރަށް ފުޅާކޮށް ކުރެވިދާނެ މި ބަހުސްގެ ސީދާ އަނެއް ކޮޅު ނެންގެވީ ބަންޑަރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލެކެވެ.

ފޮރިން މިނިސްޓަރުގެ ޒިންމާތައް އަދާކުރައްވަނީ އާއްމުކޮށް ރާއްޖޭން ބޭރުގައި އުޅުއްވަމުން ކަމަށްވާއިރު، އދ. ގެ މަގާމު އަދާކުރެއްވުމަށް އަހަރެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަކީ މައްސަލައެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް، ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް ވަޒީރުންނަކީ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާއި ބޯޑުތަކުގައި ރާއްޖެ ތަމްސީލު ކުރައްވާ ބޭފުޅުންކަން ވެސް އެއީ މި ބަހުސްގެ ތެރެއަށް އޭނާ ދޫކޮށްލެއްވި ނުކުތާއެކެވެ. އެކަމަށް ބާރު ދެއްވަން އޭނާ މިސާލަކަށް ނެންގެވީ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ވެއްދީ އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުންނެވެ. އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ޔައުގޫބު އެހެން ވަޒީފާއެއް އަދާކުރައްވާކަމަށް ބުނެ އެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި ނަމަ އެކަން ގާނޫނާ ހިލާފުވާނެ ކަމަށާއި، އަދި އެކަން ވާނީ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ކަންކަމަށްވުރެ އިތުރަށް އުނި އިތުރު ގެނައުން ކަމަށެވެ.

ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑައެއް ނޭޅޭނެ. އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނުއަސާސީއަށް ކޯޓުން އުނި އިތުރު ގެނައުން ކަމަށް. ކޯޓުތަކަށް ދީފައިވާ ގާނޫނުއަސާސީ މާނަ ކުރުމުގައި ވެސް އެ ގާނޫނުގައި ބުނެފައިވާ އެއްޗަކަށް އުނި އިތުރެއް ގެނައުމުގެ ބާރެއް ލިބިފައެއް ނުވޭ." - ސުޕްރީމް ކޯޓު

އޭނާ ވިދާޅުވި ގޮތުގައި ޝާހިދަށް ލިބިވަޑައިގެންނެވި މަގާމު ވެސް ބެލުން ރަނގަޅީ ޔައުގޫބުގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ގާނޫނުއަސާސީ މާނަކުރި ނަޒަރުން ކަމަށެވެ.

ހާއްސަކޮށް ހާރިޖީ ދާއިރާގައި ބައިނަލްއަގުވާމީ އެފަދަ މަގާމުތަކާ ހަވާލުވެ، ރާއްޖޭން ބޭރުގައި ހިދުމަތް ކުރަންޖެހުމަކީ އާއްމުކަމެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ވެސް އެހެން ނުކުތާއަކަށް އަލިއަޅުއްވާލައްވަމުން އޭނާ މުހިއްމު ސުވާލެއް ކުރެއްވި އެވެ.

އެ މަގާމުގައި ހުރެގެން ވަޒީރެއްގެ ކިބައިން ރައްޔިތުންނަށް ލިބޭ އުނިކަމެއްތޯ ބޮޑުވާނީ؟ ނޫނީ ދެ މަގާމުގައި އެއްކޮށް ހުރުމުން ރައްޔިތުންނަށް ލިބޭ ފައިދާތޯ ބޮޑުވާނީ؟،"

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ހައިސިއްޔަތުން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާއިރު ރާއްޖޭގެ ވާހަކަތައް ވެސް ޝާހިދަށް ދެއްކެވޭނެ އެވެ. އެކަމަކު ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފިނަމަ، އެފަދަ މަޝްވަރާތަކުގައި ރާއްޖެ ތަމްސީލު ކުރެއްވުމުގެ ފުރުސަތު ބަންދުވާނެ ކަމެވެ.

އަދި ކޮވިޑް-19ގެ ހާލަތުގައި މިހާރު ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކާއި ސަރުކާރުގެ އޮފީސްތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަންޖެހިފައިވާއިރު، ޝާހިދު ރާއްޖޭން ބޭރުގައި ހުންނެވުމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އޮތް ހުރަހެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ނަމަވެސް، އެވާހަކައަށް މަޖިލީހުގެ ކެންދޫ ދާއިރާ މެމްބަރު އަލީ ހުސެއިން ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުގެ ސަބަބުން އޮންލައިންކޮށް ސަރުކާރުގެ މަސައްކަތްތައް ކުރަންޖެހުމުގެ މާނައަކީ އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އަދި އެ އިންތިޒާމަކީ ވަގުތީ ހާލަތެއް ކަމަށާއި، ފޮރިން މިނިސްޓަރުގެ ވެސް މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ، އެ މިނިސްޓްރީގެ އެހެން މުވައްޒަފުންނާއެކު އޮފީހަށް ހާޒިރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މަޖިލީހުން މާދަމާ މިނިސްޓަރާ ސުވާލުކުރަން ބޭނުންވީމާ، ކޮންމެ ފަހަރަކު އެމެރިކާގައި ހުންނަވާފައި ވަޑައިގަންނަވާނީތޯ؟ އެ ހަރަދު ކުރާނީ ކޮން ބައެއްތޯ؟،" ވަޒީރެއްގެ ހުރިހާ މަސްއޫލިޔަތުތަކެއް ޝާހިދަށް އަދާކުރެއްވޭނެކަމާމެދު ސުވާލު އުފައްދަވަމުން އަލީ ވިދާޅުވި އެވެ.

ވަޒީރަކު ކޮށްގެން ނުވާނޭ ކަމެއްކުރުމުގެ ނަތީޖާ ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނެތް!

ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުންނަންޖެހޭ ޝަރުތެއް ނޫނެވެ. އެ މާއްދާގައި ވަނީ ވަޒީރަކު ވަޒީރުކަމުގައި ހުންނަވާއިރު ކުރައްވައިގެން ނުވާނޭ ކަންކަމެވެ. އެއިން ކަމެއް ކުރެއްވައިފި ނަމަ ނަތީޖާ އަކީ ކޮބައިކަމެއް އެ މާއްދާގައި ބުނެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މެމްބަރު ޔައުގޫބުގެ މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމުގައި މި ނުކުތާއަށް އަލި އަޅުވާލާފައިވެ އެވެ. އެ ނިންމުން މި މައްސަލައިގެ ހާލަތަށް އެޕްލައި ކުރާއިރު، އަބްދުﷲ ޝާހިދު ދެ މަގާމު އެއް ފަހަރާ އަދާކުރެއްވުން ގާނޫނު އަސާސީގެ 136 ވަނަ މާއްދާއާ ހިލާފުކަމަށް ބަލާ ހާލަތުގައި ވެސް އޭގެ ނަތީޖާއަކަށް ވަނީ ވަޒީރަކު ކޮށްގެން ނުވާނެ ކަމެެއް އަބްދުﷲ ޝާހިދު ކުރައްވައިފި ކަމަށް ކަނޑައެޅިގެން ދިއުމެވެ. އެއީ ވަޒީރުކަމުގެ ޝަރުތެއް ގެއްލޭ ހާލަތަކަށް ނުވާތީ ވަޒީރުކަން ނުގެއްލޭނެ އެވެ. އެ ހާލަތުގައި އަމަލުކުރަން ޖެހޭނޭ ގޮތަކީ ކޮށްގެން ނުވާނޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަކުން ދުރުވުމެވެ.

މި ބަހުސްގެ ތެރެއިން ނެގޭނެ ނުކުތާތަކާއި އުފެއްދޭނެ ސުވާލުތައް ގިނަ އެވެ. އެކަމަށް އޮތް ފަރުވާއަކީ މުހުތާޒު ވެސް ވިދާޅުވި ފަދައިން ގާނޫނު އަސާސީގައި ނުވަތަ ޝަރުއީ ހުކުމަކުން މިކަން ސާފު ވެގެން ދިޔުމެވެ.

އަބްދުﷲ ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. ދެ މަގާމު އަދާކުރެއްވެވުމުގެ ބަހުސަކީ ފަހު ވަގުތަށް މަޑުނުކޮށް، ގޮތް ނިންމޭނޭ މާލަންތަކުގައި އެ ތާރީހުގެ ކުރިން ހުށަހެޅި އެކަމާމެދު ގޮތް ކަނޑައެޅި މުގުރުޖެހި ނިމިފައި އޮންނަންވާނޭ ބަހުސެކެވެ.