Advertisement

އިންޑިއާ ކަނޑުގެ ކަންނެލި ސްޓޮކް އާލާކުރާ ޕްލޭނަށް ޓޫނާ ކޮމިޝަނުން ތާއީދުކޮށްފި

15 ޖޫން 2021 - 07:30 1

އަމަން ހަލީމް

އަމަން ހަލީމް

ދިވެހި މަސްވެރިންތަކެއް މަސް ބާނަނީ: ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތަށް ކުރެވޭ މަސްވެރިކަމެއް -- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)


އިންޑިއާ ކަނޑުގެ ކަންނެލި ސްޓޮކް އާލާކުރާ ޕްލޭނަށް ޓޫނާ ކޮމިޝަނުން ތާއީދުކޮށްފި

15 ޖޫން 2021 - 07:30 1

އިންޑިއާ ކަނޑުގެ ކަންނެލި ސްޓޮކް އާލާކުރުމަށާއި ކަޅުބިލަމަހުގެ މަސްވެރިކަން ކޮންޓްރޯލްކުރަން ރާއްޖެއިން ހުށަހެޅި މުހިއްމު ދެ ފިޔަވަޅަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިިއޯޓީސީ)ގެ ތާއީދު ލިބިއްޖެ އެވެ.

އައިއޯޓީސީގެ 25 ވަަނަ ސެޝަންގައި މެމްބަރު ގައުމުތަކުން އެއްބަސްވުމަކަށް އާދެވުނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ސްޓޮކް އާލާކުރާ ވަގުތީ ޕްލޭން މުރާޖާކުރުމަށާއި، ކަޅުބިިލަމަހުގެ މަސްވެރިކަން ކޮންޓްރޯލް ކުރަން ފާސްކޮށްފައިވާ ގަރާރަށް ގެނެވުނު އިސްލާހަކަށެވެ.

އައިއޯޓީސީން ބަލައިގަތް މި ދެ ފިޔަވަޅަކީ އިންޑިއާ ކަނޑުގައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރުވަން ރާއްޖެ އިސްވެ އޮވެ ކަންނެލި ސްޓޮކް ބަލަަހައްޓާ، ކަންނެލި މަސްވެރިކަން ކޮންޓްރޯލް ކުރަން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ތެރެއިން އެކި ފެންވަރުގައި ކުރެވުނު މަޝްވަރާތަކަށް އެއްބަސްވެވުނު ފިޔަވަޅުތަކެވެ.

ރާއްޖޭގެ ހުށައެޅުންތަކަށް ތާއީދުލިބުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އައިއޯޓީސީން ބަލައިގަތް ފިޔަވަޅުތަކަކީ ކަންނެލި މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރަން މުސްތަގުބަލަށް އެޅުނު މުހިއްމު ފިޔަވަޅުތަކެކެވެ.

އައިއޯޓީސީގެ ސެޝަންގައި ރާއްޖޭގެ ހުށައެޅުންތައް ކޯ ސްޕޮންސާ ކުރީ ކެންޔާ، ސައުތް އެފްރިކާ އަދި ދަ ކޮމޯރޮސް އެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ މި ފިޔަވަޅުތަކަށް ތާއީދު ހޯދަން ރާއްޖެއާ އެއް ވިސްނުމެއްގައި މަސައްކަތްކުރާ އައިއޯޓީސީގެ މެމްބަރު ގައުމުތައް (ޖީ16) އަދި ރާއްޖޭގެ މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ގައުމުތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ކަންނެލި ސްޓޯކް ކޮންޓްރޯލްކުރަން އެއްބަސްވުމަކަށް އާދެވުނީ ދޫދީގެން

އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ލަފާގެ މަތިން މާޗް މަހު ބޭއްވި އައިއޯޓީސީގެ ހަތަރުވަނަ ހާއްސަ ސެޝަންގައި ރާއްޖެއިން ހުށައެޅީ 2015 ވަނަ އަހަރު ރީނދޫ އުރަހަ ކަންނެލި ބާނަމުން އައި އަދަދަށް ވުރެ 15 ޕަސެންޓު ދަށް ކުރުމަށެވެ. އެއީ ގާތްގަނޑަކަށް 346،438 މެޓްރިކް ޓަނެވެ.

މި ހުށައެޅުމުގެ ތެރޭގައި ރާއްޖެއިން ވަނީ މިހާރުގެ ޕްލޭންގައި 24 މީޓަރަށް ވުރެ ކުޑަ މަސް ދޯނި ފަހަރު އިސްތިސްނާކޮށްފައި އޮތްއޮތުން ބަދަލުކުރަން ހުށައަޅާފަ އެވެ. އެގޮތުން މިހާރު އަމަލުކުރަމުންދާ ގަރާރުގެ ތެރެއިން ހެދިފައިވާ ރީނދޫ އުރަހަ ކަންނެލި ސްޓޮކް މެނޭޖްކުރުމުގެ ޕްލޭން ފެއިލްވަމުން ދިޔުމުގެ މައިގަނޑު ސަބަބަކީ މިއީ ކަަމަށް ރާއްޖެއިން ދެކެ އެވެ.

ނަމަވެސް އައިއޯޓީސީގެ ގިނަ މެމްބަރު ގައުމުތަކުން ތަފާތު އެކި ސަބަބުތަކާ ހުރެ މި ހުށައެޅުމަށް ދެކޮޅު ހެދުމުން ރާއްޖެއިން ވަނީ އައިއޯޓީސީގެ އަހަރީ ސެޝަނަށް ހުށައެޅުންތައް ފަސްކޮށްްފަ އެވެ.

އޭގެ ފަހުން ރާއްޖެއިން އައީ އެކި ފެންވަރުގައި މެމްބަރު ގައުމުތަކާ މަޝްވަރާ ކުރުމަށްފަހު އެ ގައުމުތަކުން ބޭނުންވާ ކަންކަން އޮޅުން ފިލުވަމުންނެވެ. އަދި، ހާއްސަ ސެޝަންގައި ރާއްޖެއިން ހުށައެޅި ހުށައެޅުމަކީ މެމްބަރު ގައުމުތަކުން ބޭނުންވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު މުރާޖާކޮށްފައި ހުށައެޅި ޕްލޭނެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަން މަދުކުރާ އަދަދުތައް ވަގުތީ ޕްލޭނަށް ހުށައެޅީ އައްސޭރި ގައުމުތަކުގެ ހައްގުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހާއްސަ ހާލަތު، ހާއްސަކޮށް ކަންނެލި މަސްވެރިކަމަށް ބަރޯސާވާ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ.

މިހާރު ކޮމިޝަނުން އެއްބަސްވެފައިވާ ގޮތުން މަސްވެރިކަން ކުރާ އަދަދުތައް އެންމެ ބޮޑަށް މަދުކުރަން ޖެހެނީ ތަރައްގީވެފައިވާ ގައުމުތަކުންނާއި ދުރު ކަނޑުތަކުން މަސްވެރިކަން ކުރާ ގައުމުތަކެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މި ސެޝަންގައި ރާއްޖެއިން ކަޅުބިލަމަހުގެ މަސްވެރިކަން ކޮންޓްރޯލް ކުރަން ހުށައެޅީ މިހާރު ފާސްކޮށްފައިވާ ގަރާރުގެ ހާވެސްޓް ކޮންޓްރޯލް ރޫލްސްގެ ތެރެއިން ކަޅުބިލަމަހުގެ ސްޓޮކް މެނޭޖްކުރާނެ ފިޔަވަޅުތަކެއް އެޅުމަށެވެ. މި ޕްލޭންގެ ތެރެއިން މިހާރު ކަޅުބިލަމަހުގެ ސްޓޮކަށް ނުރައްކަލެއް ނެތް ނަމަވެސް، މުސްތަގުބަލަށް ވިސްނާފައި ކަޅުބިލަމުގެ ކޮންޓްރޯލްތަކެއް ގާއިމްކުރެވޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދޮށީގެ މަސްވެރިކަމަކީ ދުނިޔޭގައި ސިނާއީ ގޮތެއްގައި ކުރެވޭ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެވެ. ދިވެހި ސަރުކާރުން އަންނަނީ ދެމެހެއްޓެނިވި މަސްވެރިކަން ރައްކާތެރިކޮށް އެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި ލިބޭ އަގު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.