Advertisement

އެއާޕޯޓް ހިންގަން ގެނައި ބަދަލުން މިނިވަންކަން ގެއްލޭ، އިސްލާހު ގެންދޭ: އިދިކޮޅު

14 ޖޫން 2021 - 15:40 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ހުސައިން މުހައްމަދު ލަތީފާއި އާދަމް ޝަރީފް: އެއާޕޯޓް އިސްލާހު އަނބުރާ ގެންދަން ގޮވާލެއްވި-- ފޮޓޯ: ޕީޕީއެމް


އެއާޕޯޓް ހިންގަން ގެނައި ބަދަލުން މިނިވަންކަން ގެއްލޭ، އިސްލާހު ގެންދޭ: އިދިކޮޅު

14 ޖޫން 2021 - 15:40 0

ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހު ކުރުމާއެކު ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ސިޔާސަތަށް މިއައި ބަދަލުގެ ސަބަބުން މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ އެވެ.

މީގެ ކުރިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ހުއްދަ ދެވޭނީ އެންމެ ގިނަވެގެން ބޭރުގެ ފަރާތެއްގެ 75 ޕަސަންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އިއްޔެ ގެނައި އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް ވެސް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން މި އިސްލާހު ކުރިން އޮތްގޮތަށް އަނބުރާ ގެންދިއުމަށް މިސަރުކާރަށް އަޅުގަނޑު ގޮވާލަން. މިއީ ވަރަށް ނާގާބިލު ވަކި ބަޔަކަށް ކޮމްޕްރަމައިޒް ވެފައި އޮތް ސަރުކާރެއް،-- ހުސައިން

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމުން އެ އެއާޕޯޓް އަނބުރާ ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ހުސެއިން ފާހަގަ ކުރެއްވި އެވެ.

ހުސައިން ވިދާޅުވީ އާ އިސްލާހު އޮތީ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ބޭރުގެ މީހުންނަށް ދޭ ގޮތަށް ކަމަށެވެ.

ޕްރެސް ކޮންފަރެންސް ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުން ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫނުކޮށްލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.

ހުސެއިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާއަށް ދިނުމަކީ މިކަންކަމުގެ ފެށުން ކަމަށެވެ.

އޭގެ ސަބަބުން މިނިވަން ކަމަށް އަސަރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މިސްރާބު މިއޮތީ ރާއްޖޭގެ އަމިއްލަ ވަންތަކަމާ ދެކޮޅަށް. ގައުމެއް ވެއްޖެއްޔާ އެ ގައުމެއްގެ އަމިއްލަ ވަންތަކަން އޮންނާނެ. އަމިއްލަ ސިޔާދަތެއް އަމިއްލަ މިނިވަންކަމެއް އޮންނަން ޖެހޭނެ،" ހުސައިން ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް އެއާޕޯޓް ހިންގަން ދީފިނަމަ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"ކޮންމެ ބަޔަކުވިޔަސް ތިބޭފުޅުން ގަބޫލު ކުރައްވާނެ އެބައެއްގެ ހިއްސާ އޮންނަ އެބަޔަކަށް ފައިދާވާނެ ބަޔަކު، ބޭރު މީހުން ގެނެސް އެ އެއާޕޯޓްގެ އެކި ހިސާބުތަކުގައި ރުކުރުވައިލާނެ،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭން މިހާރު ފެންނަމުން މިދަނީ ފެއިލްވެފައިވާ ސްޓޭޓެއްގެ ސިފަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެއާޕޯޓުތަކުގެ ފުލް ކޮންޓްރޯލް ބޭރުގެ ފަރާތެއްގެ އަތް މައްޗަށް ދޫކޮށްލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އެއީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނިންމުމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.