Advertisement

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ޑްރޯން ހަމަލާއެއް ސައުދީ އަރަބިއްޔާގެ ސްކޫލަކަށް

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންތަކެއް. -- ފޮޓޯ: އަނަޑޮލޫ އޭޖެންސީ


ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ޑްރޯން ހަމަލާއެއް ސައުދީ އަރަބިއްޔާގެ ސްކޫލަކަށް

ރިޔާދް، ސައުދީ އަރަބިއްޔާ (ޖޫން 14) - ޔަަމަނުގެ ހޫތީ ހަނގުރާމަވެރިން ބޮމެއް ހަރުކޮށްފައި ސައުދީ އަރަބިއްޔާއަށް ފޮނުވި ޑްރޯނެއް ސްކޫލެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނީ ދެކުނު އަސިރް ޕްރޮވިންސްގެ ސްކޫލެއްގެ ތެރެއަށް ބޮމާއެކު ޑްރޯން ވެއްޓުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އެ އޭޖެންސީން އާއްމުކުރި ފޮޓޯތަކުން ފެންނަނީ އިމާރާތެއްގެ ފުރާޅަށް ގެއްލުންވެފައިވާ މަންޒަރާއި ޑްރޯންގެ ބައިތައް ބިންމަތީގައި ހުއްޓަ އެވެ.

ސައުދީން އިސް ނަގައިގެން އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ވަނީ އިރާނުގެ އެހީއާއެކު ހަރަކާތްތެރިވާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅު ކެމްޕޭނެއް ފަށާފަ އެވެ.

ނަމަވެސް ޑްރޯން ހަމަލާދީފައި މި ވަނީ ސުލްހައަށް މަގުފަހިކުރުމުގެ ގޮތުން އަސްކަރީ ކެމްޕޭން މެދުކަނޑާލިކަން ކޯލިޝަނުން އިއުލާނު ކުރިތާ ތިން ވަނައަށް ވީ ދުވަހު އެވެ.

ޔަމަނުގެ ދައުލަތުގެ މީޑިއާއިން ބުނީ ހަމަލާތައް މެދުކަނޑާލަން ނިންމިތާ މާ ގިނައިރުތަކެއް ނުވެ އެ ގައުމުގެ އުތުރު މަރިބް ސިޓީއަށް ދިން ވައިގެ ހަމަލާތަކުގައި އަށް މީހުން މަރުވި ކަމަށެވެ.

މަރިބްއަކީ ޔަމަނުގެ އުތުރުގައި އެ ގައުމުގެ އިންތިހާބީ ސަރުކާރުގެ ކޮންޓްރޯލް އޮތް ހަމައެކަނި ސިޓީ އެވެ. އެހެންވެ އެ ސިޓީގެ ކޮންޓްރޯލް ހޯދަން ހޫތީން ހަމަލާދޭތާ އެތައް މަހެއް ވެއްޖެ އެވެ.

މި މަހުގެ ކުރީކޮޅު އޮމާންގެ އޮފިޝަލުން ވަނީ ސަންނާއަށް ގޮސް، ހޫތީންނާއެކު ސުލްހަ ގާއިމްކުރެވިދާނެ ގޮތްތަކާ ބެހޭ މަޝްވަރާ ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ ކުރިން މިދިޔަ އޭޕްރިލް މަހު ސައުދީ އަރަބިއްޔާ އާއި އިރާނުން ވެސް ވަނީ މަޝްވަރާ ފަށާފަ އެވެ. މިއީ 2016 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މެދުގައި ބޭއްވި ފުރަތަމަ ބޮޑު ބައްދަލުވުމެވެ.

ސައުދީ އަރަބިއްޔާއިން އަސްކަރީ ކޯލިޝަނަކާއެކު ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ ޔަމަނުގެ އިންތިހާބީ ސަރުކާރަށް އަލުން ބާރުތައް ހޯދައި ދިނުމަށެވެ.

އދ. އިން ބުނެފައިވަނީ ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލި، 30 މިލިއަން މީހުން އިންސާނީ އެހީއަށް ޖެހިފައިވާ ކަމަށް އދ. އިން ބުނެ އެވެ.