Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

14 ޖޫން 2021 - 10:53 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ރޭޕާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

14 ޖޫން 2021 - 10:53 2

ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިކަމުގެ ރިޕޯޓް ލިބިގެން އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފަ އެވެ.

އޭނާގެ ބަންދު ޖެހި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ ފެނިފައިވަނީ ހައްޔަރުކުރި މީހާގެ ކޮޓަރިން ކަމާއި އެ ކުއްޖާއާމެދު ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެއިތުރުން، އެމީހާ ކުއްޖާއަށް ކަންތައްތަކެއް ކޮށްދީ، އެ ކުއްޖާ ގްރޫމްކުރުމަށް އެމީހާ މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

ނަމަވެސް، ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ގޯނާގެ ތުހުމަތު އެކަންޏެވެ.

އެ ތުހުމަތަށް ހައްޔަރުކުރި މީހާ އިންކާރުކޮށް ބުނެފައިވަނީ، ކުއްޖާއާމެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެ ކުއްޖާއަކީ ހިޔާއިން ނުކުމެގެން އޭނާގެ ގެއަށް ގޮސް އުޅޭ ކުއްޖެއް ކަމާއި އެކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާއަކީ ކުށުގެ ވެށީގައި ކުރިން އުޅުނު މީހެއް ކަމާއި ނަމަވެސް، މިހާރު ބަދަލުވެފައިވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް ކޯޓުގައި އެދުނެވެ. އެމީހާގެ ކުށުގެ ރެކޯޑަށް ބަލާއިރު، މަސްތުވާތަކެއްޗާއި މާރާމާރީގެ ރެކޯޑް ހުއްޓެވެ.

ގާޒީ ދިބާނާޒު ފަހުމީ ނިންމަވާފައިވަނީ އެމީހާ ދޫކޮށްލައިފިނަމަ، ހެއްކަށް ނުފޫޒުފޯރުވުމާއި މުޖުތަމައުއަށް ނުރައްކަލަކަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ، އެމީހާގެ ބަންދަށް 10 ދުވަސް ޖަހަން ނިންމީ އެވެ.