Advertisement

ގާޒީ ސަމީރު، އަމިއްލައަށް އެދުމުން ޑްރަގު ކޯޓަށް ބަދަލުކުރަން ނިންމައިފި

14 ޖޫން 2021 - 11:25 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރިމިނަލް ކޯޓު: ގާޒީ ސަމީރު އަމިއްލައަށް އެދިވަޑައިގަތުމުން ޑްރަގު ކޯޓަށް ބަދަލު ކުރަން ވަނީ ނިންމާފައި


ގާޒީ ސަމީރު، އަމިއްލައަށް އެދުމުން ޑްރަގު ކޯޓަށް ބަދަލުކުރަން ނިންމައިފި

14 ޖޫން 2021 - 11:25 0

ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު، ޑްރަގު ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ގާޒީ ސަމީރު، ކުރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ ފެމެލީ ކޯޓުގައި ހުންނަވަނިކޮށް 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ފެމެލީ ކޯޓުގެ ގާޒީއަކަށްވުމުގެ ކުރިން ހުންނެވީ ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ.

އެ ކޮމިޝަންގެ އެސްޖީ އިޒްމީރާ ޝިހާމް "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި، ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލުކުރަން ނިންމީ، އެކަމަށް ގާޒީ އަމިއްލައަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން ފަނޑިޔާރަކު އޭނާ މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުވުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ނިންމާ ނިންމުމެއްގެ ދަށުން އެކަން ކުރެވިދާނެ އެވެ.

ޖޭއެސްސީން ވަނީ ގާޒީ ސަމީރު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކޮށްދިނުމަށް ނިންމައި، މިހާރު ގާޒީ ސަމީރަށް ވަނީ 15 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އޭގެ ފަހުން ގާޒީ ސަމީރު މަސައްކަތް ކުރައްވާނީ ޑްރަގު ކޯޓުގަ އެވެ.

ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރު އައްޔަނު ކޮށްފައިވާ ކޯޓުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމަންވާނެ އެވެ.

އަދި އެ މުއްދަތުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމާފައި ނުވާނަމަ، އިތުރު މުއްދަތެއް ދިނުމަށް އެދި، ސަބަބުތަކާއެކު، ކޮމިޝަންގައި އެދުމުގެ އިހްތިޔާރު އެ ފަނޑިޔާރަކަށް ލިބިގެންވެ އެވެ. އެގޮތަށް އެދިއްޖެނަމަ، އިތުރު 15 ދުވަސް ދެވިދާނެ އެވެ.

މިގޮތަށް މަސައްކަތް ކުރާ ކޯޓު، އަމިއްލައަށް އެދުމުން ބަދަލުކޮށް ދެނީ ހަތަރު ޝަރުތެއް ފުރިހަމަވާނަމަ އެވެ. އެއީ، ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓަކީ އެ ފަނޑިޔާރަކު ހުރި ކޯޓާ އެއް ދަރަޖައެއްގެ ކޯޓެއްކަމުގައިވުމާއި ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓުގައި ހުސް މަގާމެއް އޮތުމެވެ.

އަދި، އެ ފަނޑިޔާރު ހުރި ކޯޓަށް އައްޔަންކުރިތާ ނުވަތަ އަމިއްލައަށް އެދިގެން އެހެން ކޯޓަކަށް ބަދަލުވިތާ މަދުވެގެން ދެ އަހަރުވުމާއި އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓަކީ ގާނޫނަކުން އެ ކޯޓެއްގައި މަދުވެގެން ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާފައިވާ ކޯޓެއްނަމަ، އެ ފަނޑިޔާރަކު އެ ކޯޓުން ބަދަލުވުމުން އެ ކޯޓުގައި ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު މަދުނުވާނަމަ އެވެ.

ޖޭއެސްސީން ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލު ކުރަން ނިންމީ މި ޝަރުތުތައް ފުރިހަމަވާތީ ކަމަށް އިޒްމީރާ ވިދާޅުވި އެވެ.