Advertisement

ފެނަށް ޖެހިފައިވާ އުރުދުންގައި ރަތް ކަނޑުގެ ލޮނުފެން ޕްރޮސެސް ކުރަނީ

ހަނަފަސް ސަހަރާ ބޮޑު އުރުދުންގައި ފެނުގެ ދަތިކަން މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައި. -- ފޮޓޯ: އެންބީސީ ނިއުސް


ފެނަށް ޖެހިފައިވާ އުރުދުންގައި ރަތް ކަނޑުގެ ލޮނުފެން ޕްރޮސެސް ކުރަނީ

އައްމާން، އުރުދުން (ޖޫން 13) - އުރުދުންއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލު ކުރުމަށް ރަތް ކަނޑުން ނަގާ ފެން ޕްރޮސެސް ކުރެވޭނެ ޑީސެލިނޭޝަން ޕްލާންޓެއް ބަހައްޓަން ނިންމައިފި އެވެ.

އުރުދުންގެ ބޮޑު ބަޔަކީ ހަނަފަސް ސަހަރާއަށް ވާއިރު، ވާރޭ ނުވެހުމުގެ ސަބަބުން އިތުރަށް ފެނުގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. އެހެންވެ ރަތް ކަނޑުން ނަގާ ފެން ޕްރޮސެސް ކުރަން ބަހައްޓާ ޕްލާންޓް ފަސް އަހަރު ތެރޭގައި ބޭނުން ކުރަން ފަށާނެ އެވެ.

ވޯޓާ އެންޑް އިރިގޭޝަން މިނިސްޓްރީގެ ތަރުޖަމާނު އުމަރް ސަލާމެހް ވިދާޅުވީ އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ. ޕްލާންޓް ބަހައްޓާނީ އުރުދުންގެ ދެކުނުގައި ގަލްފް އޮފް އަގަބާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލާމެހް ވިދާޅުވީ އެ ޕްލާންޓުން ކޮންމެ އަހަރަކު ވެސް 250-300 މިލިއަން ކިޔުބިކް މީޓަރުގެ ފެން އުފެއްދޭނެ ކަމަށާއި 2025 ނުވަތަ 2026 ގައި އޭގެ އޮޕަރޭޝަންތައް ފެށޭވަރު ވާނެ ކަމަށެވެ.

"އެ ޕްލާންޓު ބެހެއްޓުމުން ކުރިއަށް އޮތް ދެ ގަރުނަށް އުރުދުންގައި ބޯން ބޭނުންވާ ފެން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ސަލާމެހް އިތުރަށް ވިދާޅުވީ ރަތް ކަނޑު ކައިރީގައިވާ ގަލްފް އޮފް އަގަބާގައި ބަހައްޓާ ޑީސެލިނޭޝަން ޕްލާންޓުން ކަނޑުގެ ލޮނު ފެން ޕްރޮސެސް ކުރުމަށް ފަހު ބޯން އެކަށޭނަ ފެނުގެ ގޮތުގައި ގައުމުގެ އެހެން ހިސާބުތަކަށް ފޯރުކޮށްދޭން ހޮޅި އަޅަން ޖެހޭނެ ކަމަށެވެ.

ރަތް ކަނޑަކީ ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން އެންމެ ހޫނުގަދަ އަދި ފެންގަނޑު އެންމެ ލޮނު ކަނޑެވެ.

އުރުދުންއަކީ ދުނިޔޭގައި ފެނުގެ ދަތިކަން އެންމެ ބޮޑަށް ދިމާވާ އެއް ގައުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުރުދުންގެ ތާރީހުގައި ވެސް ދިމާނުވާ ފަދަ ހަނަފަސް ދުވަސްތަކެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އުރުދުން އިން ޑީސެލިނޭޝަން ޕްލާންޓް ބަހައްޓަން އިއުލާނު ކުރުމުން 13 ބައިނަލްއަގްވާމީ ކުންފުންޏަކުން ބިޑް ކޮށްފައި ވާއިރު، ޖުލައި މަހު އޭގެ ތެރެއިން ފަސް ކުންފުނި ހޮވާނެ އެވެ.

ފެނުގައިވާ ލޮނުކަން ކަނޑުވާލައިގެން ޕްރޮސެސް ކުރުމަކީ ތެޔޮ ހަރަދު ބޮޑު ކަމަކަށް ވާތީ، ތެލުގެ ރިޒާވް މަދު އުރުދުންގައި އެކަން އީޖާދީކޮށް ކުރެވޭނެ ގޮތްތައް ދައްކަން ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.

މިދިޔަ މަހު އޭއެފްޕީއަށް ސަލާމެހް ވިދާޅުވީ އުރުދުންއަށް ކޮންމެ އަހަރަކު ވެސް 1.3 ބިލިއަން ކިޔުބިކް މީޓަރުގެ ބޯފެން ބޭނުންވާ ކަމަށެވެ.

"އެކަމަކު ލިބެން ހުންނަނީ 850 ނުވަތަ 900 ކިޔުބިކް މީޓަރުގެ ފެން. ވާރޭ ނުވެހުމާއި، ދުނިޔެ ހޫނުވުމާއި، އާބާދީ އިތުރުވުމާއި، ރެފިއުޖީން އިތުރުވުން ފަދަ ކަންކަމާ ހެދި ފެނަށް ޑިމާންޑު ބޮޑުވާއިރު ސަޕްލައި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ބޯފެން ރައްކާކޮށްފައި ހުރި ތާންގިތަކުން ފެން އެއްކޮށް ހުސްވުމާ މިހާރު ވެސް ވަނީ ގާތްވެފަ އެވެ.