Advertisement

ގާނޫނީ ވަކީލް ނަޝީދުގެ ކޮލަމް: އަވަހަށް ހައްޔަރު ކުރޭ! އަވަހަށް އަދަބުދީ!

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ގާނޫނީ ވަކީލް ނަޝީދުގެ ކޮލަމް: އަވަހަށް ހައްޔަރު ކުރޭ! އަވަހަށް އަދަބުދީ!

އަޅުގަނޑުމެންގެ ބަދަލުވަމުންމިދާ ރާއްޖޭގައި، ހަމަ ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް، ކޮންމެ ކަމެއް ވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށްވުމަށެވެ. އެއްޗެއް އޯޑަރުކޮށްގެން ކާން ބޭނުންވާ މީހާ ބޭނުންވަނީ، އޯޑަރުކުރާއިރަށް އެ އެއްޗެއް އަތަށް އެރުމަށެވެ. ހިދުމަތަކަށް އެދޭ މީހާ ބޭނުންވަނީ، އެކަމަކަށް ހަމަ އެދޭ ހިނދުން އެހިދުމަތެއް ލިބުމަށެވެ. އިމާރާތެއް އަޅަންބޭނުންވާ މީހާ ބޭނުންވަނީ، އެކަންވެސް ވަގުތުންވުމަށެވެ. ތަރައްގީގެ ވަސީލަތެއް ބޭނުންވާ މީހާވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށް އެކަންވެނިމުމަށެވެ.

ހަގީގަތަކީ، މިއިން އެއްވެސް ކަމަކީ، އެކަމަށް އެދޭހިނދުން ވެދާނެ ކަންކަމެއް ނޫން ކަމެވެ. އެއިން ކޮންމެ ކަމަކަށް ވެސް އެކަމަކަށް ޖާއިޒު ވަގުތު ބޭނުންވާނެ އެވެ. އަދި، އެކަމަކަށް ދިމާވާ ހުރަސްތަކެއް ހުރިނަމަ ނުވަތަ ވާންޖެހޭ ތައްޔާރީތަކެއް ހުރިނަމަ، އެކަމެއް ހާސިލުވާން ނަގާ މުއްދަތު އަދިވެސް ދިގުވެދާނެ އެވެ. މިއީ، ހަގީގަތެވެ.

މިތާނގައި ކަމެއް ފާހަގަކޮށްލާނަމެވެ. މިދަންނަވަނީ، ކަމެއް އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކޮށްދިނުމަށް ބޭނުންވާ މީހާގެ ވާހަކަ އެވެ. ކަމެއް ނުކުރާންވެގެން ނުވަތަ ކޮށްނުދޭންވެގެން ބަހަނާ ދައްކާ މީހާގެ ވާހަކައެއްނޫނެވެ. ނުކުތާއަކީ، ތެދު ނިޔަތުގައި އިހުލާސްތެރި ހިތަކާއެކު ކަމެއް ކުރާން އުޅުނު ކަމުގައި ވީނަމަވެސް، އެކަމުގެ ޒާތާއި ބާވަތަށް ބަލައި، އެކަމުގައި ޖާއިޒު ވަގުތެއް، ޖާއިޒު މުއްދަތެއް ނަގާނެ ވާހަކަ އެވެ. ކަމެއް ނުކުރާން ބަހަނާދެއްކުން އެއީ މިލިޔުމުން ބޭރު، މުޅިން އެހެން މައުލޫއެކެވެ.

މިދެންނެވި ހަގީގަތާއިގެން މަތީގައި އެވާ މައުލޫއަށް ނަޒަރުހިންގާލާއިރު، ކުށްކުރާ މީހުން ކުށްކޮށްފިކަމުގެ ތުހުމަތު އާންމުވުމާއެކު، މީހުންގެ ޖަޒުބާތު ކެކިގަނެއެވެ. އިހުސާސްތައް އުތުރިއަރަ އެވެ. ޝުއޫރުތައް އޮއްސާލަ އެވެ. އެ ޖަޒުބާތުގައި، އެކިއެކި ޝުއޫރުތައް ބަންޑުންކުރަމުން ދާއިރު، ދުލުގެ އެންމެ ކުރީގައި އޮންނަ ޖުމުލައަކީ، ހައްޔަރުކުރަން ގޮވާލުމެވެ. އަދަބުދިނުމަށް ގޮވާލުމެވެ. އިންސާފު އަވަސްކުރުމަށް ގޮވާލުމެވެ. އެކަން ކުރުމުގައި ވަގުތު ހޭދަވެއްޖެނަމަ، އެއީ، އެކަން އޮއްބާލުމާ އެއްވަރު ކުރެވެ އެވެ. ފޮރުވުމާ އެއްވަރު ކުރެ އެވެ. ހަގީގަތް ބަދަލުކުރުމާ އެއްވަރު ކުރެވެ އެވެ. ގާނޫނުތައް ހުރިގޮތުގެ ވާހަކަ ދައްކާއިރަށް، ހުއްޖަތު ދައްކަނީ، ކަމަށް ބެލެވެ އެވެ.

މިކަހަލަ ވާހަކަތައް އަޑުއިވުމުން، ހިތަށް ވަންނަ ބައެއް ނުކުތާތައް މިލިޔުމުގައި ނޯޓުކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ، އަޅުގަނޑުމެންގެ މުޖުތަމައުގެ އާންމު ޖަޒުބާތާއި އާންމުވިސްނުން ދަތުރުކުރާ މިސްރާބާއި، އަޅުގަނޑުމެން ބައްޓަންކޮށް ބިނާކުރާ ނިޒާމާ ދިމާނުވާކަމެވެ. ދޭތެރޭ މެދުގެ ދުރުމިން ފުޅާކަމެވެ. އާންމު ޖަޒުބާތާއި ވިސްނުން އެ ހުރި ގޮތަށް ހުއްޓައި، އަޅުގަނޑުމެންގެ ނިޒާމު ބައްޓަންކޮށްފައި މިއޮތީ، އަދި އެ ނިޒާމު ފުރިހަމަކުރަމުން ވަރުގަދަކުރަމުން މިދަނީ ވެސް، މުޅިން އެހެން ދިމާލަކަށެވެ. ރައްޔިތުންގެ ޖަޒުބާތު ހުރީ، ކުށްކުރާ މީހާ ވަގުތުން ހައްޔަރުކުރުމަށް ކަމަށްވާއިރު، އަޅުގަނޑުމެންގެ ނިޒާމު އަތުރާ ނިންމައި، މިހާރުވެސް ފުރިހަމަކުރަމުން އެދަނީ، އެ ޖަޒުބާތާ ދިމާއިދިކޮޅަށެވެ.

ބައެއް ގައުމުތަކުގައި، ކުށެއް ކުރާއިރަށް ހައްޔަރުކުރުމަކީ، އާއްމު ކަމެކެވެ. އެކުރި ކުށް ކުޑަނަމަވެސް، ބޮޑުނަމަވެހެވެ. ކޮންމެ ބާވަތެއްގެ ކުށެއް ނަމަވެހެވެ. ބައެއް ގައުމުތަކުގައި، ހައްޔަރުކުރެވޭ ބާވަތުގެ ކުށާއި ހައްޔަރުނުކުރެވޭ ބާވަތުގެ ކުށް ކަނޑައަޅާފައިހުރެ އެވެ. އަޅުގަނޑުމެން މިބިނާކުރި ނިޒާމަކީ، ބުނެވިދިޔަ ދެ ނިޒާމާ ވެސް ހިލާފަށް، އެއްވެސް ކަމެއްގައި، އާންމު އުސޫލުން، ހައްޔަރުކުރުން އިސްނުކުރުމަށް ބާރުއަޅާ ނިޒާމެކެވެ. ހައްޔަރުކުރުމަކީ، ކަނޑައެޅި ބަޔާންވެގެންވާ، ވަރަށް އިސްތިސްނާ ހާލަތެއްގައި މެނުވީ، އަޅުގަނޑުމެންގެ ނިޒާމުގައި ހުއްދަވެސް ކަމެއް ނޫނެވެ.

އެ ނިޒާމަކީ، މީހެއްގެ މައްޗަށް ހިންގޭ ތަހުގީގެއް ހިންގަންވާނީ، ހައްޔަރުނުކޮށް، ބަންދުނުކޮށް، މިނިވަންކޮށް ބަހައްޓައިގެން ކަމުގައި ބާރުއަޅާ ނިޒާމެކެވެ. ހައްޔަރުކޮށްގެން ނުވަތަ ބަންދުކޮށްގެން މީހެއްގެ މިނިވަންކަން ހިފަހައްޓަންވާނީ، ޝަރީއަތެއްކުރެވި، އެޝަރީއަތުން އިއްވާ ހުކުމަކުން ކަމުގައި އާންމުއުސޫލުން ގަބޫލުކުރާ ނިޒާމެކެވެ. އަދި، ހުކުމަކާ ނުވަތަ އަމުރަކާ ނުލައި ހައްޔަރުކުރެވޭނީ ވެސް، ބަންދުކުރެވޭނީ ވެސް، އަދި އެއިން ކަމަކަށް އެދެވޭނީ ވެސް، ވަރަށް އިސްތިސްނާ ހާލަތެއްގައި ކަމަށް ގަބޫލުކުރާ ނިޒާމެކެވެ.

ދެ ވަނަ ކަމަކީ، އަޅުގަނޑުމެންގެ ފެހި ގާނޫނު އަސާސީގެ ކުރިން އޮތް ނޫ ގާނޫނު އަސާސީގައި ބުނާގޮތުން، މީހަކަށް އަސާސީ ހައްގެއް ކަށަވަރުވަނީ، ގާނޫނުގައި އެހެން ގޮތަކަށް ނުބުނާނަމަ އެވެ. މާނައަކީ، އިސްވަނީ، ގާނޫނުގައި އޮންނަ ގޮތްކަމެވެ. ހައްގެއް ލިބެންޏާވެސް ބަލަންޖެހެނީ، އެ ހައްގެއް ގާނޫނުން ލިބިދޭތޯ އެވެ.

އެކަމަކު، ފެހި ގާނޫނުއަސާސީ، އެވިސްނުން އަނބުރާލީ، އޭގެ އަނެއް ކޮޅަށެވެ. އަސާސީ ހައްގަކީ، އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިގެންވާ ހައްގެކެވެ. ގާނޫނަކުން އެހައްގަކާ ކުޅެންވާނީ، ތަހުޒީބު މުޖުތަމައުތަކުގައި އެ ހައްގެއް ހިފެހެއްޓިދާނެ ނިސްބަތަށެވެ. އަދި ހައްގެއް ގާނޫނަކުން ހަނިކޮށްފިނަމަ، އެކަން އެކުރީ ގާނޫނުއަސާސީއާ އެއްގޮތަށްތޯ ބަލާނެ ޓެސްޓެއް ވެސް ގާނޫނުއަސާސީގައި ހިމަނާފައިވެ އެވެ. ހައްގެއް ހިފަހައްޓައިގެން މައްސަލައެއް އުފެދިއްޖެނަމަ، ކޯޓަކުން ފުރަތަމަ ވެސް ބަލާނީ، އެޓެސްޓުގައި ހިމެނޭ ނުކުތާތަކަށެވެ.

މީހާގެ މިނިވަންކަމަކީ، ހައްޔަރުނުކުރެވުމަކީ، މިނިވަންކޮށް ހުރުމަކީ، އަސާސީ ހައްގެކެވެ. އެ ހިފެހެއްޓޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. މައުލޫއާގުޅޭ ވަކިވަކި ގާނޫނުތަކުގައި ވެސް ކިޔައިދީފައިވެ އެވެ. އެހެންކަމުން، މިއަދުގެ މިރާއްޖޭގައި، މީހަކު ހައްޔަރުކުރުމަކީ، އެހާ ފަސޭހައިން ކުރެވިދާނެކަމެއް ނޫންކަމަށް ގަބޫލުކުރަންޖެހެ އެވެ.

ތިން ވަނަ ކަމަކީ، ހައްޔަރުކުރުމަށްފަހު، މީހަކު ބަންދުގައި ބަހައްޓަންޖެހޭ ނަމަ، އަދި އެއީ އަޅުގަނޑުމެންގެ ނިޒާމު ބަޔާންކުރާގޮތުން، ހައްޔަރުކުރުމަށް އެދުމަށްވުރެ ވެސް އުނދަގޫ ކަމެކެވެ. ގާނޫނުއަސާސީގައި ހިމެނޭ ހަތަރު އިސްތިސްނާ ހާލަތެއްގެ ތެރެއިން ހާލަތަކަށް އެމީހަކު ފައްތަންޖެހެ އެވެ. އަދި، އެމީހާ ބަންދުކުރުން އެހާލަތަށް ފެތޭކަން ފަނޑިޔާރަކަށް ދައްކައިދޭންޖެހެ އެވެ. ސާބިތުކޮށްދޭންޖެހެ އެވެ. އެހެންނޫނީ، އެމީހާ ބަންދުން ވީއްލިގެންދެ އެވެ. މިއީ، އާންމުއުސޫލެވެ.

މިހުރިހާ ރައްކާތެރިކަމެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ހިމަނާފައިވަނީ، ކުށްކުރާ މީހާގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ނަޒަރުންނެވެ. އެއީ، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަނެ، އަމަލުކުރަމުން އަންނަ ނިޒާމެވެ.

ހަތަރު ވަނަ ކަމަކީ، މީހެއްގެ މައްޗަށް ކުރެވޭ ކުށެއްގެ ތުހުމަތަކާ ގުޅިގެން ހިންގާ ތަހުގީގަކަށް ފަހު، ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ދައުވާ ބައްޓަންކޮށް، ހިންގާ ޝަރީއަތުގެ މަރުހަލާއަކީ ވެސް، ވަރަށް ނާޒުކު، ވަރަށް ބަލައިގެންނޫނީ ކުރިއަށް ފިޔަވަޅުނޭޅޭނެ މަރުހަލާއެއްކަމެވެ. މިއީ، އަދި، މާވިސްނަންޖެހޭ، މާއުނދަގޫ މަރުހަލާއެކެވެ.

މިހެން ވާންޖެހެނީ ވެސް ސަބަބުތަކެއް ހުރީމަ އެވެ. ފުރަތަމަ ސަބަބަކީ، ކުށްކޮށްފިކަން ސާބިތުކޮށްދިނުމަކީ، އާއްމު އުސޫލުން ބަލާނަމަ، ދައުލަތުން ކުރަންޖެހޭ ކަމެކެވެ. ކުށްކުރާ މީހާ ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ، ދައުލަތުގެ ވާހަކަތަކުގައި ޝައްކު އުފައްދާލުމެވެ. ޚަލަލެއް އުފައްދާލުމެވެ. ލޮޅުމެއްއަރުވާލުމެވެ. ދެ ވަނަ ސަބަބަކީ، ދައުލަތުން މީހަކު ކުށެއްކޮށްފިކަމަށް ބުނާނަމަ، އެ ކުރިކަމަކާގުޅޭ ހެކި ހުށަހަޅަންޖެހެނީ ވެސް ދައުލަތުން ކަމަށްވުމެވެ. އަނެއްކާ، ކޮންމެ ކޮންމެ ހެއްކެއް ގަބޫލެއްވެސް ނުކުރެވެ އެވެ. އަދި، ގަބޫލު ކުރެވޭ ހެކިވެސް ބަލައިގަނެވެން އަންނަނީ، ވަކި ތަރުތީބަކުން ވަކި ގޮތަކަށް އަމަލުކޮށްގެން ހޯދާ އެއްޗަކަށް ވާނަމަ އެވެ.

ކުށް ކުރިކަން އެނގޭއިރު ވެސް، އަދި ކުށުގެ އަމަލުން ހޯދި އެއްޗެހި ލޯމަތީގައި އަތްލެވެން ހުންނައިރު ވެސް، ކުށްކުރިމީހާ ދޫވެގެންދަނީ، ކިތައްފަހަރުތޯ އެވެ. ހެކި ހޯދުމުގައި އަމަލުކުރަން އޮންނަގޮތުން، ކިރިޔާ އެ ތަރުތީބުން ކައްސާލިޔަސް ނުކުންނާނީ، އެކަހަލަ ނަތީޖާއެކެވެ.

ފަސް ވަނަ ކަމަކީ، ކުރާ ކުށަށް އަދަބު ދިނުން މުހިންމުވާ ފަދައިން، އެ މީހާގެ މައްޗަށް ތަހުގީގު ހިންގުމުގައި އާއި ޝަރީއަތްހިންގުމުގައި އަމަލުކުރަންޖެހޭ ބައިވަރު އުސޫލުތަކަކާއި ހަމަތަކަކާއި ގޮތްތަކަކާއި ތަރުތީބުތަކެއް ހުންނަކަމެވެ. މިކަންކަމަށް ވަކީލުން ބޭނުންކުރާ ބަހަކީ އިޖުރާއަތެވެ. ކުށްކުރި މީހާ ޝަރީއަތުގެ ކުރިމަތީގައި އުފުލަންޖެހޭ ޒިންމާއެކޭ އެއްމިންވަރަށް، ނުވަތަ އެއައަށްވުރެ ވެސް އިތުރަށް، މުހިންމުވަނީ ދައުލަތުން ތަބާވާންޖެހޭ އިޖުރާއަތެވެ. އިޖުރާއަތުން ކައްސާލައިފިނަމަ، އެ ކުށްވެރިޔާއަކީ، ކުށްވެރިއެއްކަމަށްވީ ނަމަވެސް، އޭނާ ސަލާމަތްވުމުގެ ފުރުސަތު އިންތިހާއަށް ފަސޭހަވެގެންދެ އެވެ.

ނިންމުން

ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކޮށްފައިއޮތީ، ތުހުމަތުކުރެވޭ މީހާގެ ހައްގުގެ ނަޒަރުންނެވެ. މުޖުތަމައުގެ ހައްގުގެ ނަޒަރަކުން ނޫނެވެ. މިހާރުވެސް އަޅުގަނޑުމެންގެ ނިޒާމު ފުރިހަމަ ކުރެވެމުންދަނީ، އެވިސްނުމުގައި އެދިމާލަށެވެ. މިދަންނަވަނީ، މިއީ ގޯސްކަމެއް ކަމަކަށް ނޫނެވެ. މި ނިޒާމާއި މިގޮތް އަޅުގަނޑުމެންގެ ތެރޭގައި ބާއްވަން ފެނޭތޯ ވާހަކަ ދެއްކުމަކީ، މިހާރު ފާއިތުވެ ގޮސްފައިވާ ބަހުސެކެވެ. ދޯނި ކަނޑިންމައިން ނައްޓާލިތާ ކިތަންމެ ދުވަހެކެވެ.

ދެންއޮތް ގޮތަކީ، އެކަން ގަބޫލުކުރުމެވެ. މި ނިޒާމު އުފަންވެފައިވަނީ، ކުށްކުރާ ކިތަންމެ ބަޔަކު ދޫވެދިޔަ ކަމުގައިވީ ނަމަވެސް، ކުށް ނުކުރާ މީހަކު ބެދުނަ ނުދިނުމުގެ ވިސްނުމުގަ އެވެ. ތަހުޒީބު މުޖުތަމައުތަކުގައި ކަންހިނގާގޮތަކީ އެއީ ކަމަށް ބަލައިގެނެވެ. ދުނިޔޭގެ ތަހުޒީބު އުސޫލުތައް ގެންގުޅޭ މުޖުތަމައުތަކުގެ ހަމަތަކަށް އަޅުގަނޑުމެންވެސް އެނބުރުމުގެ ނިޔަތުގަ އެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ ހޮޓާތަކާއި ކެފޭތަކާއި މައިޒާންތަކާއި މީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި ފާޅުކުރާ ޖަރުބާތުތައް އެހެން ހުރިކަމުގައިވީ ނަމަވެސް، މީހަކު ހައްޔަރުކުރުމަކީ، ބަންދުގައި ބެހެއްޓުމަކީ، ހުކުމެއް ހޯދުމަކީ، އަދި އެހާ ފަސޭހަކަމެއް ނޫންކަން ގަބޫލުކުރަންޖެހެ އެވެ. އަވަސް އަރުވާލައިގެން ކުރާކަންކަމުން އުފެދޭ ކުދިކުދި ވިދުތައްވެސް ބޮޑެތި ބާގަނޑަށް ހަދައިގެން ފައިދާ ނަގާނީ، ކުށުގެ ތުހުމަތުވާ މީހާކަމީ، ދެބަސްވެވެންނެތް ހަގީގަތެކެވެ. އެކަން ހިނގަނީވެސް އެހެންނެވެ.

މީހަކު ކުށެއްކުރި ކަމަށްވެގެން ލަފުގައި ހިފައިގެންގެންގޮސް ޖަލުގައި ބޭއްވުމުގެ ވިސްނުމަކީ، މިއަދުގެ މިނިޒާމުގައި މުސްތަހީލުވިސްނުމެވެ.

ހައްޔަރުކުރުމުގައި، ބަންދުގައި ބެހެއްޓުމުގައި، ޝަރީއަތުން ހުކުމެއް ހޯދުމުގައި، އަދި ކުށްކުރި މީހާއަށް ހައްގު އަދަބު ދިނުމުގައި، މިއަދުގެ ނިޒާމުގައި ހަރަކާތްތެރިވާ މީހާ، އަޅުގަނޑަށް ސިފަވަނީ، ވައިގެ ތެރޭގައި ދަމާފައި އޮންނަ ފުޅާ ވަލެއްގައި ނުވެއްޓި ވަޒަން ހަމަކުރަމުން ހިނގަމުންދާ މީހެއްގެ ގޮތުގައެވެ. ކިރިޔާ އަތަކަށް އަރިއަޅާލިޔަސް ދައުވާ ގެއްލުނީ އެވެ. ކުށްވެރިޔާ ސަލާމަތްވީ އެވެ.

އެހެންކަމުން، ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހޯދައި، އޭނާގެ މައްޗަށް ކާމިޔާބުކަމާއެކު ހުކުމެއް ހޯދުމަށް ކުރާ މަސައްކަތަކީ، ވަރަށް ވިސްނުންތެރިކަމާއެކު، ވަރަށް ބަލައިގެން، ކެތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ. ކޮންމެ ފިޔަވަޅެއްމެ އަޅަންޖެހެނީ، ކޯޓެއްގައި ބޮޑުވާބިއްލޫރި އަޅައިގެން ބަލާއިރު ވެސް، ރެނދެއް، ކޫރުމެއް ނުހުންނާނެ ގޮތަށް ބަލައިގެންނެވެ. ހައްޔަރުކުރުމާ ހުކުމާ ދެމެދު ހިނގާ އެއްވެސް މަރުހަލާއެއްގައި އުނިކަމެއް ހުރެއްޖެނަމަ، ހަތަރެސްކަން ހަމަވީ އެވެ.

އެހެންނުވުމަށް އެދޭނަމަ، އެކަމަށް ޖާއިޒު ވަގުތު ދީ، އެކަން ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު، އެކަމަށް ނަގަންޖެހޭ ވަގުތު ނަގައިގެން، އަވަސްއަރުވާނުލައި ކުރަންޖެހޭނެކަން، އަޅުގަނޑުމެން އެންމެންމެ ގަބޫލުކުރަންވާނެ އެވެ. އަޅުގަނޑުމެން އެއްބަސްވެ ބަލައިގަނެ، ގާނޫނު ފޮތްތަކަށް ލައިގެން މިއުޅޭ ނިޒާމު އޮތީ ކިހިނެއްކަން، ކަންކަމަށް އުންމީދުކޮށް އެކަންކަމަށް ވަކާލާތުކުރާ މީހުންނަށް އެނގި ފަރިތަވެފައި އޮތުމަކީ، ލައްކަ ގިނަ ހިތްހަމަނުޖެހުމުން ސަލާމަތްވެވޭނެކަމެކެވެ.

ގަބޫލުކުރަންވީ ހަގީގަތަކީ، ކަންކަންވުމަށް އުންމީދުކުރެވޭ ނިސްބަތާއި ދައުލަތުގެ ނިޒާމުގެ ތެރެއިން ކަންކަން ކުރަން އޮންނަ ގޮތާ ބަލާއިރު، ލައްކަ ބޮޑު ޖާގައާއި ދުރުމިން އޮންނަކަމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އުންމީދުތައް ހުންނަން ވާނީވެސް އެނިޒާމުގެ ދުވެއްޔާއި އިޖުރާއަތުތަކުން އުފައްދާ ހުރަސްތަކާ އެއްހަމައިގައި ކަމެވެ.