Advertisement

ޖޮކޮވިޗް ދެ ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

14 ޖޫން 2021 - 02:42 0


ޖޮކޮވިޗް ދެ ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

14 ޖޫން 2021 - 02:42 0

ޕެރިސް (ޖޫން 14) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށް ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ދެ ވަނަ ފަަހަރަށް ފްރެންޗް އޯޕަން ޗެމްޕިއަންކަން ހޯދައިފި އެވެ.

ސާބިއާ އަށް އުފަން ޖޮކޮވިޗް އެންމެ ފުރަތަމަ ފްރެންޗް އޯޕަން ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ.

އުމުރުން 34 އަހަރުގެ ޖޮކޮވިޗް މި ފަހަރުގެ ފައިނަލުން މޮޅުވީ އުނދަގުލުންނެވެ. މިރޭގެ މެޗުގެ ސެޓުތައް ދިޔައީ 6-7 (6-8) 2-6 6-3 6-2 6-4. އިންނެވެ. މުހިއްމު ވަގުތުތަކުގައި ސިޓްސިޕާސް ކައިރިން އުމުރުން 34 އަހަރުގެ ޖޮކޮވިޗް ވަނީ ތަޖުރިބާގެ ބޭނުންހިފައިފަ އެވެ.

ޖޮކޮވިޗް ފައިނަލުން ފުުރުސަތު ހޯދީ ސެމީ ފައިނަލުގައި މި މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައިވާ ރަފައެލް ނަޑާލް ބަލިކުރުމަށް ފަހު އެވެ. ޗެމްޕިއަންކަން ހޯދުމަށް ފަހު ޖޮކޮވިޗް ބުނީ މިއީ އާދަޔާހިލާފު މުބާރާތެއް ކަމަށާއި މި ކާމިޔާބީގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށެވެ.

"މިއީ އަހަރެންގެ ހަޔާތާއި ކެރިއަރުގައި ވެސް ދުވަހަކު ހަނދާން ނުނެތޭނެ ވަގުތުތަކެއް. އަހަރެން މި ވޭތުވެދިޔަ 48 ގަޑިއިރު މަތިން އަބަދު ވެސް ހަނދާން ކުރާނަން. މިކަން ތާ އަބަދަށް ހަނދާން ހުންނާނެ،" ފައިނަލަށް ފަހު ޖޮކޮވިޗް ބުންޏެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ނަޑާލާއި ރޮޖާ ފެޑެރާ އޮތީ އެއްވަރުވެފަ އެވެ. އެއީ ކޮންމެ ކުޅުންތެރިއަކު 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ތަށްޓާ އެކު 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖޮކޮވިޗަށް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ނަޑާލާއި ފެޑެރާގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަކުރެވޭނެ އެވެ. އެއީ މި މަހު ފަހުކޮޅު ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްގެންނެވެ.