Advertisement

ޓެކްސް ދައްކާ މުއްދަތުތައް ފަސްކުރުމުން ދައުލަތުގެ އާމްދަނީ 772 މިލިއަނަށް ވެއްޓިއްޖެ

14 ޖޫން 2021 - 08:35 0

އަމަން ހަލީމް

އަމަން ހަލީމް


ޓެކްސް ދައްކާ މުއްދަތުތައް ފަސްކުރުމުން ދައުލަތުގެ އާމްދަނީ 772 މިލިއަނަށް ވެއްޓިއްޖެ

14 ޖޫން 2021 - 08:35 0

ކޮވިޑް ބަލިމަޑުކަމުގެ ހަތަރު ވަނަ ރާޅުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ފަސްކުރި ޓެކްސް މުއްދަތުތަކުގެ ސަބަބުން މޭ މަހު ދައުލަތަށް ލިބުނު އާމްދަނީ 772 މިލިއަން ރުފިޔާއަށް ވެއްޓިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޓޯޓަލް ރެވެނިއު ސީރީޒްގައި ހުރި މައުލޫމާތު ބުނާ ގޮތުން މިއީ މި އަހަރުގެ ތެރޭގައި އެންމެ މަދުން އާމްދަނީ ލިބުނު މަހެވެ.

އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެވަރެޖްކޮށް މަހަކު އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނެވެ. އަދި ފެބްރުއަރީ މަސް ފިޔަވާ އެހެން ހުރިހާ މަހެއްގައި އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނެވެ. ފެބްރުއަރީ މަހު ލިބުނީ 989 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ ދަށްވި ނަމަވެސް މިއީ މި މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 16.7 ޕަސެންޓު އިތުރު އަދަދެއް ކަމަށް ބުނެ އެވެ. އާމްދަނީ އިތުރުވީ ސަބަބުތައް ފާހަގަކޮށް މީރާގެ މަންތްލީ ރެވެނިއު ކަލެކްޝަން ރިޕޯޓުގައި ބުނި ގޮތުގައި އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އާއި، އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ނަމަވެސް މާލެ ސިޓީ ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޓެކްސް ދައްކާ ބައެއް މުއްދަތުތައް ފަސްކުރުމުގެ ސަބަބުން ބައެއް ދާއިރާތަކުން ފޯކާސްޓް ކުރި އަދަދަށް އާމްދަނީ ނުލިބެ އެވެ. އޭގެ ތެރޭގައި ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖު ހިމެނެ އެވެ.

ގޮންޖެހުންތަކާ އެކުވެސް މި އަހަރު ރާއްޖޭގައި އިގުތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ގޮތެއް ގައުމުގެ ބޮޑެތި އިގުތިސޯދީ ހަރަކާތްތަކަށް އިތުރު ބޮޑު ލޮޅުމެއް ނާންނަނަމަ މި އަހަރަށް ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީ ނުހިމެނޭ ގޮތަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 18.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ. މީގެ ތެރެއިން 10.8 ބިލިއަން ރުފިޔާއަކީ ޓެކުހުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ބާކީ އެއީ ޓެކްސް ނޫން ގޮތްގޮތުންނާއި ދައުލަތުގެ ހަރުމުދާ ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއަށް ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ.