Advertisement

ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭ ގޮތް ހަދައިފި

13 ޖޫން 2021 - 23:59 1

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ރާއްޖޭގައި ގިނަ އެއާޕޯޓްތައް ހިންގަނީ ސަރުކާރުގެ ބެލުމުގެ ދަށުން ނަމަވެސް ބައެއް އެއާޕޯޓްތައް ހިންގަނީ ޕްރައިވެޓް ފަރާތްތަކުން -- ފޮޓޯ: އެމްއޭސީއެލް


ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭ ގޮތް ހަދައިފި

13 ޖޫން 2021 - 23:59 1

ސައްތައިންސައްތަ ފޮރިން އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިކޮނޮމިކް މިނިސްޓްރީން މިއަދު އިސްލާހުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި އިސްލާހުގައި ބުނީ މިއަދުން ފެށިގެން ސަރުކާރުގެ ހުއްދަ ލިބިގެން ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި 50 އަހަރުގެ މުއްދަތަށް އެއާޕޯޓް ހިންގޭނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަށް މިއައި ބަދަލުގެ ސަބަބުން މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ އެވެ.

މި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަށް ފުރަތަމަ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހެ އެވެ.

ރާއްޖޭގައި ހުރި އެއާޕޯޓުތަކުގެ ތެރެއިން ގިނަ އެއާޕޯޓުތައް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި އޮތަސް ބައެއް އެއާޕޯޓުތައް ވިޔަފާރި އުސޫލުން ހިންގަން ޕްރައިވެޓް ކުންފުނިތަކުންނެވެ.

މި ވަގުތު ޕްރައިވެޓް ކުންފުނިތަކުން އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫ އެއާޕޯޓާއި ދ. ކުޑަހުވަދޫ އެއާޕޯޓާއި އދ. މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކަކީ ބިދޭސީ ހިއްސާދާރުންގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއާޕޯޓްތައް އޮޕަރޭޓްކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އައިލެންޑް އޭވިއޭޝަން ސާވިސަސް އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނި ވުޖޫދުވީ ހިސާބުން ގިނަ އެއާޕޯޓްތައް އޮޕަރޭޓްކުރުން އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކުރެވިފަ އެވެ.