Advertisement

މޯނިން ވިއުގޭގައި ރޯވުމުން އެހީގޮތުގައި އެއް މިލިއަން ރުފިޔާ

13 ޖޫން 2021 - 16:42 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އަލިފާން ރޯވި ގޭގެ މީހުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން: އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވަނީ ދީފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


މޯނިން ވިއުގޭގައި ރޯވުމުން އެހީގޮތުގައި އެއް މިލިއަން ރުފިޔާ

13 ޖޫން 2021 - 16:42 0

މއ. މޯނިން ވިއުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ދައުލަތުން އެހީތެރިވުމުގެ ގޮތުން 1،279،000 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް މެނޭޖަރު އުމަރު ފިކްރީ ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 34 މީހަކަށް ވަގުތީ ހިޔާވަހިކަން މާލޭގެ ގެސްޓް ހައުސްތަކުން ފޯރުކޮށްދިން ކަމަށާއި މިވަގުތު ވެސް 14 މީހަކު ވަގުތީ ހިޔާތަކުގައި އެބަ ތިބި ކަމަށެވެ. އެ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

އަންނަ އަންގާރަދުވަހާ ހަމައަށް ވަގުތީ ބޯހިޔާވަހިކަމަށް އެއްލައްކަ ފަންސާސް ފަސް ހާސް ރުފިޔާ ހަރަދުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެ އާއިލާތަކަށް ކެއިންބުއިން ހަމަޖެއްސުމަށް މިހާތަނަށް އެއްލައްކަ ހާސްޅީސް އެއް ހާސް ރުފިޔާ ދީފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ޒަރޫރީ އަންނައުނު ހޯދުމަށް އެ އާއިލާތަކަށް 46،000 ރުފިޔާ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރިލީފް އެހީގެ ގޮތުގައި މިހާތަނަށް ޖުމުލަ ތިން ލައްކަ ސާޅީސް ދެހާސް ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

މޯނިންވިއު ގޭގައި ހިނގި އަލިފާންގެ ހާދިސާއާ ގުޅިގެން ހެދި އެސެސްމަންޓުން އެނގޭ ގޮތުގައި އެގޭގެ އިތުރުން އެގޭގެ ހުޅަނގު ފަރާތުގައި ހުރި ދެ އިމާރާތެއްގެ ބޭރަށް ވެސް ގެއްލުންތަކެއް ލިބިފައި ހުރި ކަމަށް އުމަރު ވިދާޅުވި އެވެ. އެއީ ޖުމުލަ އަށް ގޭބިސީ ކަމަށާއި އެ ގެތަކުގެ އިމާރާތަށް ލިބިފައިވާ ގެއްލުން އެއް މިލިއަން ތިރީސް ހާސް ތިން ސަތޭކަ ރުފިޔާއަށް އަރާ ކަމަށް އުމަރު ވިދާޅުވި އެވެ.

އެ ގެއްލުމަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި އެ ގޭބިސީތަކަށް ހަ ލައްކަ ފަންސާސް އަށް ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު ބަދަލު ދިނުމުގައި ގެންގުޅޭ އުސޫލަކީ ލިބުނު ގެއްލުން އެއްލައްކަ ފަންސާސް ހާސް ރުފިޔާއަށް ވުރެން މަތި ނުވާނަމަ އެ ގެއްލުމުގެ އަދަދު ދިނުމެވެ. އެ އަދަދަށް ވުރެން ލިބުނު ގެއްލުން ބޮޑުނަމަ ދެނީ އެއްލައްކަ ފަންސާސް ހާސް ރުފިޔާ އެވެ.

އެ އަށް ގޭބިސީގެ ހިފާފެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ދެ ލައްކަ ތިރީސް ތިންހާސް ރުފިޔާއަށް އަރަ އެވެ. އުމަރު ވިދާޅުވީ އެ ގެއްލުމަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި ސާޅީސް ހަ ހާސް ހަސަތޭކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޒަރޫރީ, ހިފާގެންގުޅޭ އެއްޗިއްސަށް ބަދަލު ދިނުމުގައި ބަލަނީ ގެއްލުމުގެ 20 ޕަސެންޓް އެހީތެރި ކަމުގެ ގޮތުގައި ދިނުމަށެވެ.

"ސަރުކާރުގެ ފަރާތުން ބަދަލަށް ބަދަލެއް ނޫން މި ދެނީކީއެއް. ހަމަ އެލިބުނު ގެއްލުމުން އަރައި ގަތުމަށް އެހީތެރިކަމެއް މި ފޯރުކޮށް ދެވެނީ،" އުމަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އާއިލާތައް އާއްމު ހާލަތަށް ރުޖޫއަވުމަށް ވެސް އެހީތެރިވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އަލިފާނުގައި ގެއްލުންވި ގޭބިސީތަކުގައި ކުއްޔަށް އުޅޭ މީހުން އަލުން ތަނެއް ހިފުމަށް ތިން މަހުގެ ކުލި ދިނުމަށް ނިންމާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ހާދިސާގައި ގެދޮރު ގެއްލުނު ދެ އާއިލާއަކަށް ތިން މަހުގެ ކުލީގެ ގޮތުގައި 92،300 ރުފިޔާ ދީފައިވާ ކަމަށެވެ.

"އެ ދެ އާއިލާ މިހާރު ވަނީ ވަގުތީ ހިޔާ ދޫކޮށް އަލުން އާ ތަނެއް ކުއްޔަށް ހިފައިގެން އެ ތަނަށް ބަދަލުވެ ނިމިފައި،" އުމަރު ވިދާޅުވި އެވެ.

އެ ގޭގެ ވެރިން ގެ މަރާމާތުކޮށްގެން ގެއަށް ވަދެވެންދެން ބޯހިޔާވިހިކަން ހަމަޖެއްސުމަށް އެއްލައްކަ ސާޅީސް ހާސް ރުފިޔާ ވަނީ ހަމަޖައްސައި ދީފަ އެވެ.