Advertisement

"މަޒްލޫމް" އިން ރޭޕްގެ ކުރު ވާހަކަ އެއް!

14 ޖޫން 2021 - 10:08 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"މަޒްލޫމް" އިން ރޭޕްގެ ކުރު ވާހަކަ އެއް!

14 ޖޫން 2021 - 10:08 1

ކޮވިޑުގެ ހަރުކަށި އުސޫލުތަކަށް ބޯލަނބައިގެން އޮތް ދިވެހި ފިލްމީ ދާއިރާގެ އަޑު މުޅިން ކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ފަންނާނުންނަށް މިދިޔަ ދުވަސްތަކުގައި ދިމާވަމުން އައި ގޮންޖެހުންތަކާއި ޕެންޑެމިކާ ހެދި ކުރަންޖެހުނު ދަތި ތަޖުރިބާގެ ވާހަކަތައް އަދި އޮތީ އެވެ. ޕެންޑެމިކުގެ ސަބަބުން ރީތި ދިވެހި ފިލްމެއް ބަލާލެވޭނެ ކަމުގެ އުންމީދު ގެއްލިފައި އޮއްވައި މީގެ ދެ ދުވަސް ކުރިން އައި ފިލްމްސް އިން މިވަނީ ޝައުގުވެރި ޓްރެއިލާ އެއް އާންމުކޮށްފަ އެވެ.

"ބަވަތި" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ފިލްމުގެ ލީޑްތަރި ނުޒުހަތު ޝުއައިބް އަނެއްކާ ވެސް ވަރުގަދަ ލީޑަކުން ފެނިގެންދާ ފިލްމު "ނީނާ" ގެ މަސައްކަތް ވެސް މިވަގުތު ކުރަމުން އަންނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ ފަހުން އާއްމު ކުރި ޓީޒާ އަކީ ކުރު ފިލްމެއް ކަމަށެވެ.

ގާތްގަނޑަކަށް 45 މިނިޓާއި އެއްގަޑި އިރާ ދެމެދުގެ ވަގުތަކަށް ފައްތައިގެން ހަދާ މި ފިލްމަކީ ސަސްޕެންސް ތުރިއްލާ އެކެވެ. ފިލްމުގައި ކިޔައިދެނީ ރޭޕްގެ ވާހަކަ އެކެވެ.

"މި ފިލްމަކީ އަސްލު ތަރިންނަށް މިވަގުތު ދަތި ވަގުތަކަށް ވެފައި އެމީހުންނަށް ކޮންމެވެސް ކަހަލަ ފުރުސަތެއް ހޯދައިދޭންވެގެން އުފައްދާ ފިލްމެއް. އެހެންވެ އަޅުގަނޑުމެން ސްޕޮންސަރުން ހޯދުމުގެ ކަންކަން ވެސް ވަރަށް އޯޕެން ކޮށް ދޫކޮށްލާފަ މި އޮތީ،" އިއްލެ ބުންޏެވެ.

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް ގެ ކުޑައިގެ ދަށުން ނެރޭ މި ފިލްމުގެ ތަރިންގެ ގޮތުގައި ފެންނަނީ ނުޒޫގެ އިތުރުން އިފްނާޒްގެ އިތުރުން އަލަށް ފިލްމީ ދާއިރާ އާއި ގުޅޭ ޝަރަފް އަބްދުﷲ އެވެ. ނީނާގެ ލީޑް ފިރިހެން ތަރީގެ ރޯލު ވެސް ކުލެނީ ޝަރަފް އެވެ. މީގެ އިތުރުން ޒުވާން ތަރި ވާޝިޔާ މުޙައްމަދު (ޝިޔާ) ވެސް ފެނިގެން ދެ އެވެ.

އިއްލެ ބުނީ "މަޒްލޫމް" އަކީ ބެލުންތެރިން ޖަޒުބާތުގައި ޖެހިގެންދާނެ ފަދަ ކުރު އެކަމަކު ރީތި މަސައްކަތަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެން ކަމުން ފޭނުންގެ ފަރާތުން ރަނގަޅު ރެސްޕޮންސެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބުންނެވެ.

"ބަވަތީގެ ކާމިޔާބަށް ފަހު ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައީ އައިފިލްމްސްގެ އިތުރު ޕްރޮޑަކްޝަނަކަށް. ދެން ތަރިންގެ ތެރޭގައި ވެސް މި އުޅެނީ މިވަގުތު ތިބި އެންމެ ހުނަރުވެރި ބައެއް އެކްޓަރުން. އެހެންވީމަ ރަނގަޅު ޕްރޮޑަކްޓަކަށް މީތި ވާނެ ކަމަށް ގަބޫލުކުރަން،" އިއްލެ ބުންނެވެ.

މި ފިލްމު ރިލީޒްކުރާނެ ދުވަހެއް އިއްލެ ނުބުނެ އެވެ. މަޑުކޮށްގެން އަދި އެތިބީ ސޮޕޮންސަރުންނަށް ވަގުތު ދީގެން، ފިލްމު ރިލީޒްކުރަން އެންމެ ރަނގަޅު ޕްލެޓްފޯމެއް ކަނޑައެޅެންދެނެވެ. އެހެންވީމަ އެ މައުލޫމާތު ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް އިއްލެ ބުންނެވެ.

ކުރިއަށް އޮތް އިއްލެގެ އެންމެ ބޮޑު މަސައްކަތަކީ "ނީނާ" އެވެ. މި ފިލްމަކީ އޭނާގެ ބުރަ އަދި ބޮޑު ޕްރޮޖެކްޓަކަށް ވާތީ ފިލްމް ރިލީޒްކުރާނީ އޮލިމްޕަސް ހުޅުވުމުންނެވެ.