Advertisement

މައްސަލައަކީ ވައުދު ނުފުއްދުންތަ؟ ބަރުލަމާނީ ނިޒާމުތަ؟

16 ޖޫން 2021 - 08:24 4

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް ސޯލިހާއި ރައީސް ނަޝީދު: ރައްޔިތުންނަށް އެކުގައި ވެވަޑައިގަތް ވައުދުތަކަށް ފަހު ދައުރު ދެބައިވި އިރު މިސްރާބު ވަނީ ދެ ކަފިވެފައި. -- އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)/ އަދަދު


މައްސަލައަކީ ވައުދު ނުފުއްދުންތަ؟ ބަރުލަމާނީ ނިޒާމުތަ؟

16 ޖޫން 2021 - 08:24 4

"ރައްޔިތުންގެ މިއަދުގެ ނިންމުމަކީ [ރިޔާސީ އިންތިހާބު] 23 ސެޕްޓެމްބަރުގައި ނިންމި ނިންމުމާ އެއްގޮތަށް ތިބިކަން ހާމަކުރަން ނިންމި ނިންމުމެއް،"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރާއްޖޭގެ އެއްވެސް ޕާޓީއަކަށް ލިބިފައި ނުވާ ވަރުގެ ބޮޑު އަޣުލަބިއްޔަތެއް 65 ގޮނޑިއާ އެކު އެމްޑީޕީއަށް ލިބުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެޕްރީލް 6، 2019 ގައި ލޮނުޒިޔާރަތްކޮޅުގައި ވިދާޅުވި އެވެ.

ކޯލިޝަން ވެރިކަމަކަށް ރުހުންދީ، އޭރުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ހައްގުތައް ނިގުޅައިގަތުމާއި ކިލަނބުވެފައި އޮތް ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރި ކުރުމަށާއި މަރުތަކަށް އިންސާފު ހޯދުން ފަދަ ސަރުކާރުން ފަށާފައިވާ މަސައްކަތް ހަލުވިކުރަން ކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިމަތީގައި އޮތީ އަޅުގަނޑުމެންގެ ވާޖިބު ކަމަށް ވިދާޅުވެ ނިންމަވާލެއްވި ހިސާބުން ފެއްޓެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

"ތިބޭފުޅުން ބޭނުންވީ އާއްމު ހާލަތު ރަނގަޅުކުރަން. ތި ބޭފުޅުން ބޭނުންވީ ބޯހިޔާވަހިކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުން ތި އެދިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ތި ބޭފުޅުންނަށް ހޯދައިދޭނަން،"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބުމުން ރައީސް ސޯލިހާއި ރައީސް ނަޝީދު، ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަން ބޭއްވި ހަފުލާގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ އެމްޑީޕީ


ދެން ވައުދުވެވަޑައިގަތީ ހަވާލުކުރި މަސައްކަތް އަކުރުން އަކުރަށް ރަނުން ރަނަށް ކޮށްދެއްވުމަށެވެ. އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ރައީސް ސޯލިހުގެ ވެރިކަން ދެމެެހެއްޓެނިވި އޮމާންކަމާއި އަމާންކަމާއި ހަމަޖެހުމާ އެކު ހިނގަމުން ދިއުމަށް މަގުފަހި ކުރެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ޔަގީންކަން ދެއްވައި، ސްޓޭޖުގައި ދެ ބޭފުޅުންނާ އެކު އެތުރިވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުންގެ އިތުރުން އެތަނަށް އެއްވެ ތިބި އެމްޑީޕީގެ މެމްބަރުންނާއި ޓީވީތަކުން ލައިވްކޮށް މަންޒަރު ބަލަމުން ދިޔަ ރައްޔިތުންގެ އުއްމީދު އާ ކޮށްދެއްވި އެވެ. ވޯޓު ދިން މަގަށް ސަރުކާރާއި މަޖިލިސް ހިނގާނެ ކަމުގެ މަންޒަރު ކުރެއްސެވި އެވެ.

އޭގެ ދެ އަހަރު ފަހުން މިއަދެވެ؛

ދެ ރައީސުން އެކުގައި ވެވަޑައިގަތް މި ވައުދުތައް ކޮބައި ހެއްޔެވެ؟ އެމްޑީޕީ އިސްވެ އޮވެ އުފެއްދި ވެރިކަމާ މެދު ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް އެބަވޭ ހެއްޔެވެ؟ ހެޔޮބަދަލަށް ކުރި އުއްމީދުތައް ހާސިލް އެބަވޭ ހެއްޔެވެ؟

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރައްޔިތުން ބަސް އިއްވި އެވެ. ރާއްޖެ، ހެޔޮވެރިކަމަކަށް ގެންދަން އެމްޑީޕީގެ އޮޑި އަމާޒުކުރި މިސްރާބު "ގެއްލިއްޖެ"ކަމުގެ ސާފު މެސެޖް ދިނެވެ. ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނަސް އެމްޑީޕީގެ ތާއީދު ބޮޑު ކިތަންމެ ސަރަހައްދަކުން ދެއްކީ ހިތްހަމަނުޖެހުން އޮތް ކަމެވެ. ވެރި ރަށް، މާލެ ހިމެނޭހެން ފެށުނީއްސުރެން "ރަން ރީނދޫ" ކުލައިގެ ތަންތަން އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭއްވި ކެމްޕޭން އިވެންޓެއްގައި ދެ ރައީސުން އެކުގައި: އެ އިންތިހާބުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރަހައްދުތައް ގެއްލި، ހިތްހަމަނުޖެހުން އޮތް ކަމުގެ މެސެޖް ވަނީ ދީފައި. -- ފޮޓޯ/ އެމްޑީޕީ


އެކަމަކު އެއީ، 2023ގެ ރިޔާސީ އިންތިހާބަށް ދިން އިންޒާރެއްގެ ގޮތުގައި ބަލައިގަތް ހެއްޔެވެ؟ އެހެން ނަމަ، ސިޔާސީ ހަޔާތް އެކުގައި ހޭދަކުރެއްވި ދެ ރައީސުން ދެ ފަޅިއަށް ރަނގަޅަށް އަރާވަޑައިގެން ތިއްބަވައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ރޫޅުމާ ހިސާބަކަށް ވެސް ނުދިޔައީހެވެ. އެމްޑީޕީގެ މެނިފެސްޓޯ އެއްކައިރިކޮށް ވެރިކަންކުރާތީ ވައުދުތައް ނުފުއްދޭ ކަމުގެ ބަހުސާއި، ބަރުލަމާނީގެ ވަގުތު ޖެހިއްޖެ ކަމުގެ "ތަޅާފޮޅުމުގައި" ޕާޓީ ހަމަ ރަނގަޅަށް ވެސް ދެބައިވެއްޖެ ތަން ދުރުގައި ތިބި މީހުންނަށް ބަހާއި އަމަލުތަން ސާފެވެ.

ދެބައިވީ މަސައްކަތް! އެމްޑީޕީގެ ސަރުކާރެއް ނޫން؟

އެމްޑީޕީގެ ހިޔާލުތަފާތުވުމާއި ތަޅާފޮޅުމާއި އަރައިރުން ބަލަން ތިބި މީހުންނަށް ފެންނަނީ ޕާޓީގެ ދެ ފެކްޝަނެއް އޮތް ތަނެވެ. އެ ކޯޅުން ފޮރުވަމުން އައީ، ޑިމޮކްރެޓިކް ޕާޓީތަކުގައި ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށް ދުށުމުގެ ތަހުޒީބު ވިސްނުން ކުރިއަށް ނެރެމުންނެވެ.

އެކަމަކު އެންމެ ފަހުން، ޕާޓީތެރެއިން އިސް ބޭފުޅުންތަކެއް ނުކުމެވަޑައިގެން، "މަސައްކަތް ދެބައިވެއްޖެ" ކަމަށް ދައްކައި ދެ ފެކްޝަނަކަށް ހިނގާ ކަމަށް އެއްބަސްވެވަޑައިގަތީ އެވެ. އަދި، "މިއޮތީ ވާ ސަރުކާރެއް" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް ވެސް ސާފުކޮށް ޕާޓީ ތެރެއިން އާއްމުންނާ ހަމައަށް ތިލަކޮށްދިނީ އެވެ.

މި ހިސާބަށް ޕާޓީ ތެރެ ފަޅައިގެން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތުތަކާ އެކުގަ އެވެ. މި ހަމަލާގެ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ ދެކޮޅު ހަދަނީ ސީދާ ރައީސް ސޯލިހުގެ އެންގެވުމަށް ކަމަށް ވެސް ތުހުމަތުކޮށްފި އެވެ. ރައްޔިތުންގެ ކުރިމަތީގައި އެ އިލްޒާމުން ދިފާއުވެވަޑައިގަތުމަށް ވެސް އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ އެވެ.

ބަލިކަށިވަމުންދާ އެމްޑީޕީއާ ގުޅޭ ގޮތުން މި ރިޕޯޓަށް ވާހަކަ ދެއްކެވި ރައީސް ނަޝީދު ފަޅީގައި ތިއްބެވި މެމްބަރުންނާއި ރައީސް ސޯލިހް ފަޅީގައި ތިއްބެވި މެމްބަރުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އެއް ބަޔަކުު އަނެއް ބަޔަކަށެވެ.

"އެމްޑީޕީގެ މެނިފެސްޓޯއެއް ނުހިނގާ"

ނަޝީދު ފަޅީގައި ތިއްބެވި މެމްބަރުން ވާހަކަ ދެއްކެވީ އެމްޑީޕީގެ މަސައްކަތް ދެބައިވި ސަބަބާ ގުޅޭ ގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް، ދެއްކެވި ސަބަބުތަކަށް ބާރު ދެއްވަ އެވެ. އެއީ، އެމްޑީޕީ އާއި ނަޝީދު އެކަހެރިކޮށް ވެރިކަން ކުރުމެވެ. މަރުތައް ބެލުމާއި ހިޔާނާތް ބަލައި ފިޔަވަޅު އެޅުން ފަދަ ވައުދުތައް ފުއްދުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަ ވުމެވެ. ވައުދުތައް ފުއްދުމުގައި ސަރުކާރު މާބޮޑަށް ލަސްވުމެވެ.

އެޖެންޑާ 19 އަކީ ތިމަންނާމެން ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ވަރަށް ފާޅުގައި ބުނަން ފެށީ. މަޖިލިސް ތެރެއިން ވަކި ބަޔަކު, ބައެއް ވަޒީރުންނާ ގާތްކަން އޮންނަ ބޭބޭފުޅުން ލޮބީ ކުރައްވައިގެން އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތާއި ހިލާފަށް މަސައްކަތް ކުރައްވަން ފެއްޓެވީ. -- ވައްޑެ

ރިޔާސީ އިންތިހާބަށް ނެރުނު ކޯލިޝަން މެނިފެސްޓޯގައި އަމާޒަކީ އިންސާފު ގާއިމްކޮށް ހެޔޮވެރިކަމެއް ހޯދައި ދިނުމެވެ.

މި ވެރިކަން އުފައްދަން އެކުލަވާލި ސިޔާސީ ޕާޓީތަކުގެ ލީޑަރުން: ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ ނުހިންގާ ކަމުގެ ހިތްހަމަނުޖެހުން ޕާޓީ ތެރޭގައި ބޮޑު. -- ފޮޓޯ/ ޕީއެސްއެމް


ކޯލިޝަން ޕާޓީތައް އެއް ފަރާތްކޮށް، މި ވައުދުތަކުގެ މައްޗަށް އެމްޑީޕީ އެކަނި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުމެ ހުށަހެޅީ އެ ވައުދުތައް ފުއްދަން ބޭނުންވާނެ ގާނޫނީ އޮނިގަނޑެކެވެ. "އެޖެންޑާ 19" ތަރުތީބުކޮށްފައި ވަނީ އިންސާފާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދު، މައިގަނޑު ފަސް ހައްލަކަށް ބަލައިގެންނެވެ. އެއިން ކަށަވަރު ކޮށްދެނީ އަދުލު އިންސާފާއި ދައުލަތް ޖަވާބުދާރީ ކުރުވުމެވެ. ތައުލީމާއި ސިއްހީ ހިދުމަތާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހައްގުތައް ކަށަވަރުވެ، ވަޒީފާ ޔަގީން ވުމެވެ.

"އެމްޑީޕީގެ ތެރެއިން އެ މެނިފެސްޓޯ ގަބޫލުނުކުރާ ކަހަލަ ވާހަކަތަކެއް، ހާއްސަކޮށް ސަރުކާރުގެ މަގާމްތަކަށް އައި ބައެއް މީހުން ދެކޮޅުވީ. ދެން ހަމަ އެގޮތަށް އެޖެންޑާ 19 އަކީ ތިމަންނާމެން ގަބޫލުނުކުރާ އެއްޗެއް ކަމަށް ވަރަށް ފާޅުގައި ބުނަން ފެށީ. މަޖިލިސް ތެރެއިން ވަކި ބަޔަކު, ބައެއް ވަޒީރުންނާ ގާތްކަން އޮންނަ ބޭބޭފުޅުން ލޮބީ ކުރައްވައިގެން އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތާއި ހިލާފަށް މަސައްކަތް ކުރައްވަން ފެއްޓެވީ," އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވި އެވެ.

"އެ ހިސާބުން ހަގީގަތުގައި މި ބައިބައިވުން އުފެދިގެން މި އުޅެނީ."

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު މަޖިލީހަށް ފޮނުވީ އެމްޑީޕީން އަމާޒުކުރި މިސްރާބަކަށް ނޫނެވެ. އެ ގާނޫނު ފާސްކުރީ 80 އެތައް އިސްލާހެއް ހުށަހަޅައި މުޅި އެމްޑީޕީގެ އޮނިގަނޑަށް ފައްތާފައި ކަމަށް މިސާލެއްގެ ގޮތުން ވިދާޅުވި އެވެ.

ވައްޑެ ދެން ވިދާޅުވީ މިނިމަމް ވޭޖް ބިލަށް އެމްޑީޕީގެ ހުށަހެޅުންތަކާ ދެކޮޅަށް ފާޅުގައި ޗެލެންޖްކުރައްވާފައި އެބަހުރި ކަމަށެވެ.

"ނަޒާހަތްތެރި މަޖިލީހަކަށް ވި ވައުދަށް ވެސް އިންކާރު ކުރައްވާ ވާތަން ފެނޭ. ޕާޓީގެ ވިޕްލައިން ވެސް ނެރެން ޖެހޭނީ ވަކި މީހަކަށް ފެންނަ ގޮތަކަށް ނޫން. އެކަމަކު އެ މަގަށް މަސައްކަތް ކުރާތަން އެބަފެނޭ," ގޯހުން ހިނގާ ކަމަށް ގަބޫލުކުރައްވާ ކަންކަން ވައްޑެ ކިޔައިދެއްވި އެވެ.

"އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވިއޭ، ސަރުކާރުގެ ވިސްނުން ހުރީ މިހެންނޭ ކިޔާފައި ވަރަށް ބޮޑަށް ލޮބީ ކުރައްވާ ގައުމީ މަޖިލިސް ތެރޭގައި ވެސް. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއޭ ކިޔައިގެން ވޯޓު އަނބުރާލަން މަސައްކަތް ކުރައްވާފައި އެބަހުރި ބައިވަރު."

މިގޮތަށް ހިނގަންވާނެ ނުވަތަ ނުފޫޒު ފޯރުވިގެންވާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވްކުރަން މެމްބަރަކު ހުށަހެޅުއްވީ، ވައްޑެ ވިދާޅުވި ގޮތުގައި، ވޯޓާ މެދު މިގޮތަށް ބައެއް މެމްބަރުން ފާޅުގައި ވިދާޅުވާ މައްސަލައިގަ އެވެ.

އެމްޑީޕީ އާއި ކޯލިޝަން ޕާޓީތަކާ އެކު ރައީސް ސޯލިހް ވެރިކަން ހިންގަވާ ގޮތް ދިފާއުކުރައްވާ މެމްބަރުންގެ ތުހުމަތަކީ، ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކުރައްވުމުގެ ކަންބޮޑުވުމެވެ. އެކަމަކު އެ ތުހުމަތަށް ވައްޑެ އިންކާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެމަނިކުފާނުގެ މުޅި މަސައްކަތް ގުޅިފައި އޮތީ ސީދާ ރައްޔިތުންނާ ކަމަށެވެ. ވޯޓު ދިން މަގްސަދާ އެއްގޮތަށް ސަރުކާރު ނުހިނގާތީ އާއި ވައުދުތައް ލަސްވުމާއި ޖަވާބުދާރީނުވުމާ ދެކޮޅަށް އެކަމާ އެމަނިކުފާނު ވާހަކަ ދައްކަވައި މަސައްކަތް ކުރައްވަނީ އަބަދުވެސް ހެޔޮ ބަދަލަކަށް ކަމަށް ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާ އަމާޒުވުމުގެ ކުރިން ވެސް ދެއްކެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދޫ ނުދެއްވާނެ ކަމުގެ ވާހަކަ އެވެ.

ނަޝީދަށް މަރުގެ ހަމަލާއެއް އަމާޒުވި އެއް ސަބަބަކީ އެ މަސައްކަތް ކަަމަށާއި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވިއިރު ވެސް ސަރުކާރުން ބަލަނީ ޒިންމާތައް ހަވާލުކުރެވި އެކަމުގައި ޒިންމާއަދާނުކުރެއްވުނު ފަރާތްތައް ދިފާއުކުރައްވަން ކަމުގެ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެ ހަމަލާގައި އިންޓެލިޖެންސްގެ ފެއިލިއާއެއް އޮތް ކަން ވެސް މައުލޫމާތުތަކުން އެނގޭ ކަަމަށެވެ.

"ހަމަލާއާ ގުޅިގެން ގާނޫނީ ބާރު އެބައޮތް [މަޖިލީހަށް] ކޮންމެ މީހަކު ހާޒިރުކުރަން. އެކަމަކު އެކަން ކުރަން ދެކޮޅު ހެއްދެވި ހިސާބުން، މި ފެންނަނީ ރީތިކޮށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ހުރަސް ކުރިމަތުކުރާ ކަމެއްގެ ގޮތުގައި. ވަކިވަކި ސިފައިން ހާޒިރުވާން ހުރަސްއަޅައި އެސްޕީޖީ ކުދިންގެ ބަސް ހޯދަން ދެކޮޅު ހަދާ،" ވައްޑެ ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާގެ ތަހުގީގު ހިނގާ ގޮތް ގާތުން ބަލަން ކޮމިޓީއެއް އުފައްދަން އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ކެބިނެޓުގެ އެއްވެސް ވަޒީރަކު ވާހަކަ ނުދެއްކެވުން ވައްޑެ މާނަކުރެއްވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހަމަލާއަށް ދޭން ޖެހޭ ސަމާލުކަން ނުދެއްވުމުގެ ގޮތުގަ އެވެ.

"މަޖީދީ މަގުގެ މެދުގައި ހަމަލާ ދެވުނީމަ ވެސް އެކަން މާ ކުޑައޭ, ބައެއް ބޭފުޅުންގެ އަބުރުފުޅު ބޮޑުކޮށްގެން އުޅުއްވާތަން ފެންނަނީ," ވައްޑެ ވިދާޅުވި އެވެ.

އޭނާ މައްސަލައަކަށް ދެއްކެވީ ސަރުކާރު ހިންގާ ގޮތެވެ. ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގެ ދުވެއްޔެވެ. މައްސަލައަކީ ކޯލިޝަނަކުން ވެރިކަން ކަމަށާއި އުވާލަންވީ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ގޮވާ އަޑުތަކަށް ރައީސް ސޯލިހް އިޖާބަ ނުދެއްވުމަކީ ވެސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމެކެވެ.

އެމްޑީޕީގެ ދެ ފެކްޝަނުން ވެސް ހަދާ ގޯސްތައް ދެއްކެވި ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ތަޖުރިބާ ބޮޑު، މެމްބަރަކު ވިދާޅުވީ އެމްޑީޕީން ބޭނުންވާ ހުރިހާ ގޮތަށް މި ވެރިކަމުގައި ކަންކަން ނުވެދާނެ ކަމަށެވެ ސަބަބުތައް ދައްކަވަމުން ވިދާޅުވީ ކޮންގްރެސްއަށް އެމްޑީޕީގެ މެނިފެސްޓޯއެއް ހުށަހެޅި ނަމަވެސް ކޯލިޝަނާ އެކު އެމްޑީޕީގެ ވެރިކަމެއް ފަށަން އެއްބަސްވެވުނު ހިސާބުން މެނިފެސްޓޯ ބަދަލުވެފައި އޮތުމެވެ.

އެމްޑީޕީން ހުށަހެޅި ހުރިހާ ކަމެއް ކޯލިޝަންގެ މެނިފެސްޓޯގައެއް ނެތެވެ. މިއީ، އެމްޑީޕީގެ ބައެއް މެމްބަރުންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެކެވެ.

"އެހެން ވިޔަސް އެ މެނިފެސްޓޯގެ މައްޗަށް އެކުލަވާލާފައި އޮތް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކަށް އަމަލުކުރަމުން އަންނަނީ. އެހެންވީމަ އެމްޑީޕީގެ އެ ވައުދުތައް އެބަހުރި. ކަންކުރަން ޓައިމްލައިނެއް ވެސް ކަނޑައަޅާފައި އެބައޮތް," އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެޖެންޑާ 19ގެ ކާމިޔާބީ ފާހަގަކުރަނީ: މިހާރު ހިންގަމުން އަންނަނީ ކޯލިޝަނަކުން ވެރިކަން ކުރަން އެއްބަސްވެ ނެރުނު އެމްޑީޕީގެ މެނިފެސްޓޯ


ބައެއް ކަންކަމުގެ ސްޕީޑް ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަރު ކޮމިޝަން ނަގާ ނަމަ ވެސް ނަތީޖާ ނެރުން ލަސް ކަމަަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު, މިކަންކަން ލަސް ކަމަށް މަޖިލީސް ތެރެއިން ސަރުކާރާ ދިމާލަށް ގޮވާއިރު، މަޖިލީހުން އާއްމުކޮށް ތަހުގީގަށް ހުރަސްއެޅުން ފަދަ ސަރުކާރަށް ދަތިވާ ކަންކަން ކުރިމަތިކުރުވަމުންދާކަން އޭނާ ވެސް ހިމެނޭ ގޮތުން ބައެއް މެމްބަރުން ގަބޫލުކުރައްވަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ނުހިނގާ ކަމަށް ކުރި ތުހުމަތަށް ރައްދު ދެއްވި މެމްބަރު ވިދާޅުވީ އެންމެންނަށް އެއްބަސްވެވުނީ މި ވެރިކަމުގައި އެމްޑީޕީން 40 ޕަސެންޓް ހިއްސާވާށެވެ. އެކަމަކު ކެބިނެޓުގައި ވެސް އެމްޑީޕީގެ ބޮޑު ހިއްސާއެއް މިހާރު އޮތްއިރު, ސިޔާސީ މަގާމްތަކުގައި ވެސް ގިނައީ އެމްޑީޕީ މެމްބަރުން ކަމަށް ވިދާޅުވި އެވެ.

ކެބިނެޓުގައި ޕާޓީތައް ހިއްސާވާނެ ޕަސެންޓެއް ކަނޑައަޅާފައި އޮތަސް މި ފަހުން ވަޒީރުން އައްޔަންކުރެއްވުމުގައި ގިނައިން ރައީސް ސޯލިހް ފުރުސަތު ދެއްވީ އެމްޑީޕީގެ މެމްބަރުންނަށެވެ.

ޕާޓީގައި އުފެދިގެން އުޅޭ ނުތަނަވަސްކަމާ ގުޅޭ ގޮތުން ދެ ފެކްޝަނުން ހެއްކާއި އެކު ދައްކާ ހުއްޖަތުތަކެއް އެބަހުއްޓެވެ.

ނޫން! މައްސަލައަކީ ބަރުލަމާނީ ނިޒާމް؟

ރައީސް ސޯލިހް ފަޅީގައި ތިއްބެވި މެމްބަރުން ދައްކަވާ، އެމްޑީޕީގެ މަސައްކަތް ދެބައިވާން ޖެހުނު ސަބަބަކީ ނަޝީދު އެދިވަޑައިގަތް ގޮތަށް ބަރުލަމާނީ ނިޒާމަށް ދީލައިނުލުމެވެ. ވައުދުތައް ފުއްދުން ބާއްވާފައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ކުއްލިއަކަށް ނިޒާމް ބަދަލުކުރައްވަން ނަޝީދު މަސައްކަތް ފައްޓަވައި، މަޖިލީސް ހިންގުން ވެސް އެ މަގަށް ބަދަލުކުރައްވާން އުޅުއްވުމަކީ ސަބަބެއް ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

"މިއުޅެނީކީ ނިޒާމެއްގެ މައްސަލައެއް ވެސް ނޫން. އެންމެން ވެސް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރަންވީ. އަމިއްލަ ފަރުދެއްގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު ބޮޑުވާން ޖެހޭ. -- މަޖިލިސް މެމްބަރެއް

އަޅުގަނޑު މިހިރީ 100 ޕަސެންޓް ރައީސް ސޯލިހާ އެކުގައި ކަމަށް ވިދާޅުވި މެމްބަރަކު މަސްލަހަތަށްޓަކައި ނަން ހާމަނުކުރައްވަން އެދިވަޑައިގެން ވިދާޅުވީ ވެރިކަން ހިންގުމުގައި ނިޒާމުގެ މައްސަލައެއް ނޫޅޭ ކަމަށެވެ. އެހެން އެކަން އޮއްވައި ރައީސް ސޯލިހަށް ފަސް އަހަރުގެ ދައުރެއް ނިންމަވަން ފުރުސަތު ނުދެއްވައި، ބޮޑުވަޒީރުކަމަށް ނަޝީދު ވަޑައިގަންނަވަން ޖެހޭ، ރައްޔިތުންނަށް ފައިދާވާނެ ސަބަބެއް އޮތް މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ވެރިކަން ހިންގުން ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގެންފައި އޮތް ވާހަކައަށެވެ. މައްސަލަތަކުގެ އަސްލު ގުޅިފައި އޮތީ އެކަމަށް ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ކަމަށް ރައީސް ސޯލިހާ އެކު ތިއްބެވި މެމްބަރުން ވިދާޅުވެ އެވެ.

"މިއުޅެނީކީ ނިޒާމެއްގެ މައްސަލައެއް ވެސް ނޫން. އެންމެން ވެސް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރަންވީ. އަމިއްލަ ފަރުދެއްގެ މަސްލަހަތަށް ވުރެން ގައުމުގެ މަސްލަހަތު ބޮޑުވާން ޖެހޭ," މެމްބަރު ވިދާޅުވި އެވެ.

"ފުރިހަމަ ބާރާއި އިހްތިޔާރުގައި ފަސް އަހަރުގެ ދައުރު ނިންމަން ރައީސް ސޯލިހަށް ފުރުސަތު ލިބެންޖެހޭ."

ނަޝީދާއި ޕާޓީ އެކަހެރިކުރައްވައިގެން ރައީސް ސޯލިހް ވެރިކަން ހިންގަވަނީ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ޕާޓީގެ ރައީސް އެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި. ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވުމެއް އޮތުމަކީ އޮންނަ އުސޫލެއް ނޫން ކަމަށް ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ވައުދު ފުއްދުން ލަހެއް ނޫނެވެ. ކޮވިޑް މެނޭޖްކުރި ގޮތް ދުނިޔޭގެ ގައުމުތަކާ އަޅާބަލާއިރު ރަނގަޅު ކަަމަށް ވިދާޅުވެ، މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުން ތައުރީފް ކުރެއްވި އެވެ. ހެޔޮވެރިކަމަކަށް އަމާޒުހިފައި ކިތަންމެ ހެޔޮ ބަދަލެއް އަތުވެއްޖެ ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ޝަރުއީ ނިޒާމާއި ހިލޭ ޑިގްރީއަށް ކިޔަވަން ފުރުސަތު ފަހިކޮށްދިނުން ފަދަ ކަންކަމެވެ.

"ވަރަށް ގިނަ ކަންކަން އެބަ ދޭ އެމްޑީޕީގެ މެނިފެސްޓޯ އާއެއްގޮތަށް މިސާލަކަށް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން، ބްރޭކްފާސްޓް ޕްރޮގްރާމް، މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން. ޝަރުއީ ނިޒާމު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި، އަދި ލާމަރުކަޒީ އިސްލާހުކޮށް ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދެވިފައި އެހެރީ،" އޭނާ ވިދާޅުވި އެވެ.

މީގެ ތެރޭގައި އެމްޑީޕީގެ ސިޔާސަތުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

މެނިފެސްޓޯގައި ހުރި ކަންކަން ކުރަން ވަގުތާ ފައިސާ ވެސް ބޭނުންވާނެ،" ދުވެލި ލަސް ކަމަށް ކުރާ ތުހުމަތަށް ރައްދު ދެއްވި އެވެ.

މިކަންކަން ރައްޔިތުންނަށް ފުއްދެވުމުގައި ރައީސް ސޯލިހް މަސައްކަތް ކުރައްވާ އިރު، ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅެ ގައުމު ހަލަބޮލިކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ބޮޑުވަޒީރު ކަން ކުރެއްވުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގަތުމުން، ރައީސް ސޯލިހް ޖަވާބަކަށް ވީ އެކަން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމެވެ. ރިޔާސީ ނިޒާމަކުން ވެރިކަން ހިންގަން ރައްޔިތުން ކަނޑައަޅާފައި ވަނިކޮށް، ވޯޓަކުން ނޫން ގޮތަކަށް އެ ނިންމުން ބަދަލުކުރުމުގެ ޖާގަ ދެއްވުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވަ އެވެ.

އެހެންކަމުން، ފެންނަނީ ދައުރު ދެބައިވެފައި މިއޮތް ސަރުކާރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި ބާރު ދުވެލީގައި ކުރިއަށް ދިއުމަށް ވުރެން ބަރުލަމާނީ ކޮޅިގަނޑު ޕާޓީ ތެރޭގައި ހައްތަހާ ތަނެވެ!

ކޯޅެންވީ އަމިއްލަ މަސްލަހަތަކަށް ނޫން!

މި ވެރިކަން ފެށުނީ އެތައް އުއްމީދުތަކަކުންނެވެ. އެކަމަށް ވާސިލްވުން އެއްފަރާތްކޮށް ޕާޓީގެ ހަމަނުޖެހުމާ އެކު އެހެން ހުރިހާ ކަމަކަށް ވުރެން އެކަމަށް ސަމާލުކަން ބޮޑުމިވީ، މުޅި ދުނިޔެ ހުއްޓުވާލި ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވެސް އޮއްވަ އެވެ. މި ބަލީގައި އިގްތިސާދީ އަނދަވަޅަކަށް ވެއްޓި، އެތައް ރައްޔިތުންގެ ދިރިއުޅުން ވަނީ ދަތިވެފަ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ކުރިން ލިބެމުން ދިޔަ އާމްދަނީއަށް އަސަރުކޮށް ދިރިއުޅުން ދެކޮޅު ނުޖެއްސޭ އާއިލާތައް ގިނަ އެވެ. ބޮޑެތި އަދަދުން ލޯނު ނަގާފައި ތިބި ވިޔާފާރިތަކުން ތިބީ ހަނދާނެ ގޮތް ހުސްވެފަ އެވެ.

ބަލި ކޮންޓްރޯލްކުރަން އަޅާ ފިޔަޅުތައް ސިޔާސީ ޕްރެޝަރުތަކާ ހެދި ލުއި ކުރަން ޖެހޭއިރު، އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރެ އެވެ. އެންމެ ފަހުން، މި ބަލި ރާއްޖޭގައި ފެތުރެން ދިމާވި ސަބަބަކީ ވެސް ސިޔާސީ ސިކުނޑިތަކަކުން ވިސްނައި ބޭއްވި އިންތިހާބެއްގެ ނަތީޖާ އެވެ.

ކޮވިޑާ ހެދި ގައުމު އަލުން އާރާސްތު ކުރަން ޖެހިފައި އޮތް ވަގުތެއްގައި ބޮމެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއެއް ވެސް އަމާޒުކޮށްފި އެވެ. މިފަދަ ހަމަލާތަކަކީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑާ ހެދި ހުއްޓިފައި އޮއްވައި، އޭގެ ނޭދެވޭ އަސަރު ދެ ގުނަވެގެންދާނެ ކަމެކެވެ. މިފަދަ ހައްލު ކުރަން ޖެހޭ ކިތަންމެ ބައިވަރު މައްސަލަތަކެއް އެބަހުއްޓެވެ.

މިއީ، ރައްޔިތުން އެދުނު ހެޔޮވެރިކަމަށް ކުރިމަތިވި ހައްތާވެސް ގޮންޖެހުމެވެ. ނުފުދި ލަސްވެފައި ގިނަ ވައުދުތަކެއް ހުރިއިރު އެންމެ އިސްކަންދޭންވީ ކޮން ކަމަކަށް ކަން ކަނޑައަޅައި ސަރުކާރާއި މަޖިލިސް ތެރެއިން މަސައްކަތް ކުރާންވީ ވަގުތެވެ.

މިކަންކަމަކީ ފުންކޮށް ވިސްނަން ގައުމުގައި ހުރި ކަންކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލުކުރެ އެވެ. އަމިއްލަ މަސްލަހަތު އިސްކޮށް، ވެރިކަން ހޯއްދެވުމުގެ ނުވަތަ ވެރިކަމުގައި ދެމިހުންނެވުމަށް ކަންކަން ތަރުތީބުކުރާންވީ ވަގުތާއި ހާލަތެއް ވެސް ނޫނެވެ. ރައްޔިތުން އެއް އަޑަކަށް، އިންސާފު ލަސް ކަން ވެސް އެބަ ހަނދާންކޮށްދެ އެވެ. މި ވެރިކަމުގައި ވައުދުވީ ހެޔޮ ބަދަލެއް އެކަށީގެންވާ މިންވަރަކަށް ދިރިއުޅުމަށް ނާންނަ ކަމުގެ ޝަކުވާތައް ވެސް އޮއްސަ އެވެ.

"ހައްލު ހޯދޭނެ"

އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ކޯޅުމުގައި ރައްޔިތުންނަށް އަދި ޕާޓީއަށް ވެސް މޮޅެއް ނެތެވެ. އެހެންކަމުން އޭގައި އޮތް ހައްލަކީ މަޝްވަރާކޮށް "ހުޅު ނިއްވާލުން" ކަމަށް ޕާޓީއަށް ވަފާތެރި، ގިނަ ދުވަސްވީ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ ބޭފުޅުންނަށް އޮތް އުއްމީދަކީ ހިޔާލުތަފާތުވުން ހުއްޓަސް ހައްލު ކުރެވޭނެ ކަމެވެ. ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތަކާ ވާހަކަ ދައްކައި ހައްލުތަކެއް ހޯދުނު އެމްޑީޕީ ސިޔާސީ ކަންކަމަށް ފަރިތަވުމުން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

"ޕާޓީއަށް ވެސް ފައިދާ އޮތީ. ރައްޔިތުންނަށް ފައިދާ އޮތީ ހައްލު ހޯދިގެން. ހައްލު ނުވާނެ ކަމެއް މީގައި އޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން. ހައްލުކުރެވޭނެ. މިއަށް ވުރެ މާ އުނދަގުލުގައި، އެމްޑީޕީ މަސައްކަތްކޮށްފި," ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަ ހައްލުކުރެވޭނެ ކަމަށް މެމްބަރުން ގަބޫލުކުރައްވާ.


އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ދެކެން އަދި ގާތް ވެސް ނުވެ އެވެ. ބޮޑެތި ޕާޓީތަކުގައި ފެކްޝަންތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ހިޔާލުތަފާތުވާންވީ ކޮން ހިސާބަކުންތޯ ވެސް ސާފުކުރަން ވެސް އެމްޑީޕީން ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މެމްބަރު ވައްޑެ ގަބޫލުކުރައްވާ ގޮތުގައި ވާހަކަ ދައްކަންވީ އަސްލު މައްސަލައަށެވެ.

"ރޫޅިގެން ދަނީއޭ ފުނޑިގެން ދަނީއޭ ކިޔާފައި މަޑުން ތިބެގެން ނުވާނެ. ބޮޑު މައްސަލަގަނޑެއް އުފެދިގެންނޭ މިއުޅެނީ. ބައިވަރު މައްސަލަތަކެއް އުފެދިގެންނޭ މިއުޅެނީ. އެ މައްސަލަތަކުގެ ހައްލަކަށް ވާހަކަ ދެކެވިގެން ނޫނީ މައްސަލަ ހައްލެއް ނުވާނެ," އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ބޮޑު ސިންގާ ޕާޓީއެއްގެ ގޮތުގައި ހަމައެކަނި އޮތުމަށް ވުރެން މުހިއްމޭ ރައްޔިތުންގެ އިތުބާރު މަތީގައި ދެމިތިބުން. ހަމައެކަނި ވެރިަކަން ކުރުމެއް ނޫން. ވަކި ތަރުތީބެއްގެ ދަށުން ކަންކަން ގެންދިއުމުގެ މަގުން ނުދާ ކަމަށް ވަންޏާ ދެން އަޅުގަނޑަކަށް ނުވިސްނޭ ވެރިކަމުގައި ތިބުމުގެ މާނައެއް."

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ވައުދުތައް ނުފުއްދީމާ އެ ވާހަކަ އެންމެ ގަދައަށް ގޮވީ އެމްޑީޕީންނެވެ. އެހެންކަމުން ޕާޓީ ބައިބައިވެގެން ވާނެ ގެއްލުމަށް ވުރެން ބޮޑީ އެމްޑީޕީން ބެނާތަކުގައި ދެމިހާ ވައުދުތައް ނުފުދިގެން ރައްޔިތުންނަށް ވާނެ ގެއްލުމެވެ.

އެކަމަކު އެކަމުގައި އިސްނަންގަވަން ޖެހެނީ "ބަލި އެނދުގައި އޮންނެވި ރައީސް ނަޝީދު ކަމަކަށް" ވައްޑެ ގަބޫލެއް ނުކުރައްވަ އެވެ.

ގައުމަށް ހަމަޖެހުން އޮތް ގޮތް ދެ ރައީސުންނަށް ރަނގަޅަށް ސާފުވެވަޑައިގަންނަވަ އެވެ؛ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު ރައްޔިތުންނަށް ދެއްވި ޔަގީންކަމާއި ރާއްޖެ ހިންގާނެ ގޮތުގެ މައްޗަށް ކުރައްސަވައިދެއްވި މަންޒަރުން އެކަން ސާފެވެ. އެ ޔަގީންކަމުގެ މިސްރާބު ދެ ކަފިވެފައި އޮތަސް ހައްލު އޮތީ ދެ ބޭފުޅުންނާ ހިސާބުގަ އެވެ.