Advertisement

މި އަހަރު ވެސް އެހެން ގައުމުތަކުން ހައްޖަށް ނުދެވޭނެ

މިދިޔަ އަހަރު ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ


މި އަހަރު ވެސް އެހެން ގައުމުތަކުން ހައްޖަށް ނުދެވޭނެ

ރިޔާދް، ސައުދީ އަރަބިއްޔާ (ޖޫން 13) - މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބޭނީ ކޮވިޑް ވެކްސިން ޖަހާފައިވާ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ 60،000 މީހުންނަށް ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.

އެއާއެކު އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ނުލިބި މިއީ ޖެހިޖެހިގެން ދެ ވަނަ އަހަރެވެ.

ހައްޖުގެ އަޅުކަމަށް އާއްމުކޮށް އެކި ގައުމުތަކުން އެތައް މިލިއަން ބަޔަކު ޖަމާވެ އެވެ. އެހެންކަމުން މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި ހަލުވިކަމާއެކު ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމަކަށް ވާތީ ސައުދީ އަރަބިއްޔާއިން މިދިޔަ އަހަރުން ފެށިގެން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނީ ޖުލައި މަހު އޮންނަ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ އަދި އެހެން ގައުމުތަކުގެ ވެކްސިން ޖަހާފައިވާ 60،000 މީހުންނަށް ކަމަށެވެ. އެ މީހުންނަކީ ބޮޑު ބައްޔެއް ނެތް، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހެ އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނީ އެންމެ 10،000 މުސްލިމުންނަށެވެ. މިއާ ހިލާފަށް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ. ހުއްދަ ލިބޭނެ 60،000 މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ކިހާ އަދަދެއްގެ މީހުން ހިމެނޭނެކަން ސައުދީން އާއްމުކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު ފުރުސަތު ލިބުނު މީހުންގެ 70 ޕަސެންޓަކީ އެހެން ގައުމުތަކުގެ ރައްޔިތުންނެވެ. ބާކީ 30 ޕަސެންޓަކީ ސައުދީ ރައްޔިތުންނެވެ.

ސައުދީ އަރަބިއްޔާގައި ކޮވިޑާ ދެކޮޅަށް ފައިޒާ، މޮޑާނާ، ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރަޒެނެކާގެ ވެކްސިން ދަނީ ބޭނުން ކުރަމުންނެވެ.

ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންގެ ތެރެއިން މިދިޔަ މޭ މަހުން ފެށިގެން ގައުމުން ބޭރަށް ދަތުރު ކުރެވެނީ ވެކްސިން ޖަހާފައިވާ މީހުންނަށް އެކަންޏެވެ. އޭގެ އިތުރުން އޮގަސްޓް މަހުން ފެށިގެން ކިޔަވައިދޭ ތަންތަނާއި، މުނިފޫހިފިލުވުމުގެ މަރުކަޒުތަކާއި ޕަބްލިކް ދަތުރުފަތުރުގެ ނިޒާމް ފަދަ އެތައް ކަމެއް ބޭނުންކުރެވޭނީ ވެސް ހަމައެކަނި ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ވަނީ އަންގާފަ އެވެ.