Advertisement

ރޯވި ބޯޓުގެ މައްސަލާގައި ލަންކާއިން ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަނީ

ސްރީލަންކާ ކައިރިން ރޯވުމުގެ ސަބަބުން އަޑިއަށް ދަމުންދާ ބޯޓުން ގޮނޑުދޮށަށް ލައްގާފައިވާ ތަކެތި ދިރާސާކޮށް ލިބުނު ގެއްލުން ބަލަނީ. -- ފޮޓޯ: އޭއެފްޕީ/ އިޝާރާ އެސް ކޮޑިކަރާ


ރޯވި ބޯޓުގެ މައްސަލާގައި ލަންކާއިން ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަނީ

ކޮލޮމްބޯ، ސްރީލަންކާ (ޖޫން 12) - ސްރީ ލަންކާ ކައިރިން ރޯވުމުގެ ސަބަބުން އަޑިއަށް ދަމުންދާ ބޯޓުގެ މައްސަލާގައި ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ޕޯޓްސް އަދި ޝިޕިން މިނިސްޓަރު ރޮހިތާ އަބްޔެގުނަވަރްދެނަ ވިދާޅުވީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓު އޮޕަރޭޓް ކުރާ އެކްސް-ޕްރެސް ފީޑާޒްއަށް އެކަން އަންގާފައިވާ ކަމަށެވެ.

ޖޫން ދެ ވަނަ ދުވަހުން ފެށިގެން ބޯޓު އޮތީ އެއްބައި ކަނޑު އަޑިއަށް ގޮސްފަ އެވެ. އޭގެ ކުރިން ދެ ހަފްތާ ވަންދެން އޭގައި ރޯވި އަލިފާންގަނޑު ނިއްވާނުލެވި އުޅެން ޖެހުނެވެ.

ބޯޓުގައި ގިނަ އަދަދެއްގެ ނުރައްކާތެރި މުދާ ހުރިއިރު، ކުދި ޕްލާސްޓިކް ކޮޅުތަކުން ލަންކާގެ ގޮނޑުދޮށް ވަނީ ތަގައްޔަރުވެފަ އެވެ. އޭގެ އިތުރުން ކަނޑުގެ ސަރަހައްދުން ތެލުގެ ފަށަލައެއް ވެސް ވަނީ ފެނިފަ އެވެ.

ލަންކާގައި ތިމާވެށި ހިމާޔަތް ކުރަން އުޅޭ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެ ގައުމުގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުމެއް ލިބޭ ގޮތަށް ދިމާވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.

"މި 40 މިލިއަން ޑޮލަރުގެ ބަދަލުގެ އިތުރުން، ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލަން ދިޔަ ހޭދަ އަނބުރާ ހޯދަން ވެސް އަޅުގަނޑުމެން އެދޭނަން،" އަބްޔެގުނަވަރްދެނަ ވިދާޅުވި އެވެ.

ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބުނު ޖުމްލަ ގެއްލުމުގެ ދިރާސާ އަދިވެސް ދަނީ ކުރަމުންނެވެ. އެކަން ކުރުމަށް ލަންކާއިން އެހީ ހޯދަނީ އޮސްޓްރޭލިއާގެ ފަރާތުންނެވެ.

ހާދިސާއާ ގުޅިގެން މަސް ބޭނުން މަނާކޮށްފައި އޮތް އޮތުން އިއްޔެ ވަނީ އުވާލާފަ އެވެ. ފިޝަރީޒް މިނިސްޓަރު ކަންޗަނާ ވިޖެސޭކެރަ ވިދާޅުވީ ބޯޓު ވަށައިގެން ހިސާބު ނޫން އެހެން ހުރިހާ ދިމާލަކުން މިހާރު މަސް ބޭނޭނެ ކަމަށެވެ.

"މަސް ބޭނުން މަނާ ކުރުމުން ގާތްގަނޑަކަށް 20،000 އާއިލާ އާއި މަސްވެރިންނަށް ވަނީ އަސަރުކޮށްފައި. ގޮނޑުދޮށަށް ލެއްގި ޕްލާސްޓިކުތައް މިހާރު ވާނީ ވަރަށް ބޮޑަށް ސާފުކޮށްފައި،" ވިޖެސޭކެރަ ވިދާޅުވި އެވެ.

އޮފިޝަލުން ބުނީ ގޮނޑުދޮށުން ނެގޮ 1،200 ޓަނުގެ ޕްލާސްޓިކް ޕެލެޓާއި އެހެނިހެން ކުނި ބަހައްޓާފައި ހުރީ 45 ކޮންޓެއިނަރުގައި ކަމަށެވެ.

މޭ 20 ވަނަ ދުވަހު ބޯޓުގައި ރޯވީ ނައިޓްރިކް އެސިޑް ލީކުވުމާ ގުޅިގެންނެވެ. އޭރު ބޯޓުން ދިޔެއީ ކޮލޮމްބޯ ބަނދަރަށް ވަންނަން މަސައްކަތް ކުރަމުންނެވެ.

ދެ ހަފްތާގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލި ނަމަވެސް، އޭތި ފެތުމުގެ ކުރިން ކަނޑުގެ ފުން ހިސާބަށް ގެންދެވޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މިހާރު ބޯޓުގެ އެއްބައި އޮތީ އަޑީގަ އެވެ.

ކޮލޮމްބޯ ބަނދަރުގެ އުތުރުން ކަނޑުގައި 0.35 ކިލޯމީޓަރުގެ ބޮޑު ތެޔޮ ފަށަލައެއް ހުރިކަން ފާހަގަވެގެން އެކަން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ބޯޓު އޮޕަރޭޓް ކުރާ ފަރާތުން ބުނީ އޭގެ ފިޔުލް ޓޭންކުން ތެޔޮ ލީކުވި ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. ނަމަވެސް ބޯޓު އަޑިއަށް ދާން ފެށި ފަހުން ކައިރީގައިވާ ފެންގަނޑު ވަނީ ކިލަނބުވެފަ އެވެ.

އޮޕަރޭޓަރުގެ ފަރާތުން ފޮނުވި ޓީމުތަކުން ދަނީ ތެޔޮ ލީކުވޭތޯ މޮނީޓާކޮށް، ތަގައްޔަރުވެފައިވާ ސަރަހައްދުތައް ސާފު ކުރަން އެހީވަމުންނެވެ.

ތިމާވެށީގެ މި ކާރިސާ ހުއްޓުވަން ފެއިލްވީ ކަމަށް ބުނެ، ލަންކާގެ ތިމާވެށި ރައްކާތެރި ކުރަން އުޅޭ އެކްޓިވިސްޓުން މިދިޔަ ހަފްތާގައި ވަނީ ސަރުކާރާއި އޮޕަރޭޓަރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.