Advertisement

ބިލިއަނަރު ބެޒޯސް އާއެކު ޖައްވަށް ދާން 28 މިލިއަން ޑޮލަރު ދައްކައިފި

ޖެފް ބެޒޯސް.-- ފޮޓޯ: ރޮއިޓާޒް


ބިލިއަނަރު ބެޒޯސް އާއެކު ޖައްވަށް ދާން 28 މިލިއަން ޑޮލަރު ދައްކައިފި

ވޮޝިންޓަން، އެމެރިކާ (ޖޫން 13) - އެމެޒޯންގެ ފައުންޑަރު އަދި ބިލިއަނަރު ޖެފް ބެޒޯސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންއިން އިންސާނުން ގޮވައިގެން އަންނަ ޖުލައި މަހު ޖައްވަށް ދާ ފުރަތަމަ މިޝަންގައި ބައިވެރިވުމަށް ނަން ހާމަ ނުކުރާ ފަރާތަކުން 28 މިލިއަން ޑޮލަރު ދައްކައިފި އެވެ.

މިދިޔަ ހަފްތާގައި ބެޒޯސް ބުނީ އެ ދަތުރުގައި އޭނާ އާއި އޭނާގެ ބޭބެ ބައިވެރިވާނެ ކަމަށެވެ. ނިއު ޝެޕާޑް ޖައްވީ އުޅަނދުގައިވާ ތިން ވަނަ ސީޓު ލިބޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހަކަށް ކަމަށް ވެސް ބުނެފައި ވެއެވެ. އެ ދަތުރު ކުރާނީ ޖުލައި 20 ވަނަ ދުވަހު އެވެ.

ޗެރިޓީ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ނަން ހާމަ ނުކުރާ ފަތާރަކުން 28 މިލިއަން ޑޮލަރު ދައްކާފައި ވާއިރު، ޖައްވީ ފަތުރުވެރިއެއްގެ ގޮތުގައި ނަން ހާމަ ނުކުރާ ހަތަރު ވަނަ މީހަކު ވެސް އެ ދަތުރުގައި ބައިވެރިވާނެ އެވެ.

"އެންމެ ބޮޑު އަގު ހުށަހެޅި މީހާގެ ނަން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އާއްމު ކުރެވޭނެ،" ބްލޫ އޮރިޖިންއިން ކުރި ޓްވީޓެއްގައި ވެ އެވެ.

"އޭގެ ފަހުން، ކްރޫގެ ހަތަރު ވަނަ އަދި އެންމެ ފަހު މެމްބަރުގެ ނަން ވެސް އިއުލާނު ކުރާނެ."

މޭ 19 ވަނަ ދުވަހު ފެށި ޗެރިޓީ ހަރަކާތް އިއްޔެ ނިންމާލިއިރު، 28 މިލިއަން ޑޮލަރު ދައްކައިގެން ކުރި ހޯދީ 20 މީހުންނާ ވާދަކޮށްގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހަޅާފައި އޮތީ 4.8 މިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ފަހުން ކުއްލިއަކަށް ބޮޑެތި އަގުތަކެއް ހުށަހަޅަން ފެށި އެވެ.

އެ ހަރަކާތުން ލިބުނު ފައިސާ ދޭނީ ބްލޫ އޮރިޖިންގެ ކްލަބް ފޯ ދަ ފިޔުޗާ އަށެވެ. އެ ޖަމިއްޔާއަކީ ސްޓެމް ނުވަތަ ސައިންސާއި ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތެމެޓިކްސްއަށް ކުރިއަރާފައިވާ ކުރިމަގުގެ ޖީލެއް ބިނާކުރަން މަސައްކަތް ކުރާ ބަޔެކެވެ.

ނިއު ޝެޕާޑްއަކީ ޖައްވުން އެނބުރި ދުނިޔެއަށް އައިސް، ސީދަލަށް ބިމުގައި ޖެއްސުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. އެ އުޅަނދަށް ނަން ދިނީ ޖައްވަށް ދިޔަ ފުރަތަމަ އެމެރިކާ މީހާ އެލަން ޝެޕާޑްގެ ހަނދާނުގަ އެވެ.

ބްލޫ އޮރިޖިންގެ ވެބްސައިޓުގައި ބުނެފައި ވަނީ އިންސާނުން ގޮވައިގެން ދާ ފުރަތަމަ މިޝަންގައި ދުނިޔޭގެ ބިމަށް ވުރެ 100 ކިލޯމީޓަރު އުހަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ ބިމަށް ދަމާ ބާރު ކެނޑުމުން ކަންކަން ވާނެ ގޮތް އިހުސާސް ކުރެވޭނެ ހިސާބެވެ.

އެ ދަތުރު ކުރުމުގެ ދެ ހަފްތާ ކުރިން އެމެޒޯންގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިނުމަށް ބެޒޯސް ވަނީ ރާވާފަ އެވެ. އޭގެ ބަދަލުގައި ދެން އޭނާ ހުންނާނީ އެމެޒޯންގެ އެގްޒެކްޓިވް ޗެއާމަންގެ ގޮތުގަ އެވެ.