Advertisement

ނަތަންޔާހޫއާ ދެކޮޅު ސަރުކާރާ މެދު މިއަދު ގޮތެއް ނިންމަނީ

އާ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ ނަފްތާލީ ބެނެޓް.--


ނަތަންޔާހޫއާ ދެކޮޅު ސަރުކާރާ މެދު މިއަދު ގޮތެއް ނިންމަނީ

ގުދުސް (ޖޫން 13) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެކުލަވާލި ކޯލިޝަން ސަރުކާރަށް ރުހުން ދިނުމާ މެދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.

ކަނޭސެތުން މިއަދު ނަގާ ވޯޓުގައި ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިންމާނީތޯ ނުވަތަ ދެ އަހަރުގެ ތެރޭގައި ފަސް ވަނަ އާއްމު އިންތިހާބަކަށް ދާނީތޯ ކަނޑައަޅާނެ އެވެ.

ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، އޭނާގެ ވެރިކަމުގައި ވަނީ އިޒްރޭލުގެ ސިޔާސީ ވިސްނުން ކަނާއަތު ފިޔައަށް ބަދަލުކޮށްލައިފަ އެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫގެ ވެރިކަން ނިމުމަކާ ގާތްވީ ކަމަށް ބަލައި، 2000 އަށް ވުރެ ގިނަ މީހުން ރޭ ވަނީ އޭނާ ދިރިއުޅޭ ގޭގެ ކައިރިއަށް އެއްވެ އުފާފާޅުކޮށްފަ އެވެ.

ގިނަ ފިކުރުތަކެއް ހިމެނޭ އަށް ޕާޓީގެ ކޯލިޝަނުން ނަތަންޔާހޫއާ ދެކޮޅަށް ތެދުވެފައި ވާއިރު، ޔަހޫދީ ކަނާއަތު ފިޔައިގެ މީހުންނާއި އަރަބިން ވެސް އެ ސަރުކާރުގައި ހިމެނޭނެ އެވެ.

ކޯލިޝަން އެއްބަސްވުންތަކުގައި ސޮއިކޮށް ކަނޭސެތަށް ހުށަހެޅީ ހުކުރު ދުވަހު ކަމަށް އާ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނެ ނަފްތާލީ ބެނެޓްގެ ޔަމީނާ ޕާޓީން ބުންޏެވެ.

މިއަދު ވޯޓަށް އެހުމަށް ތައްޔާރުވަމުން ދާއިރު، ނަތަންޔާހޫ މެދުނުކެނޑި މަސައްކަތް ކުރައްވަމުން ދަނީ ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ތާއީދު ހޯދައި، ވެރިކަމުގައި ދެމިހުރެވޭތޯ އެވެ.

ކަނޭސެތުގެ ޖަލްސާ ފަށާނީ މިއަދު އިޒްރޭލުގެ ގަޑިން ހަވީރު 04:00 ގަ އެވެ. ވޯޓަށް އެހުމުގެ ކުރިން ބެނެޓް އާއި ކޯލިޝަން ސަރުކާރުގެ ފަހު ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނެ ޔެއާ ލެޕިދް އާއި ނަތަންޔާހޫ ވާހަކަދައްކަވާނެ އެވެ.

ނަތަންޔާހޫ ސިފަކުރައްވާ ގޮތުގައި ކޯލިޝަން ހަދާފައިވަނީ ވޯޓު އޮޅުވާލައި މަކަރު ހަދައިގެންނެވެ. އޭނާގެ ލިކޫދް ޕާޓީން ބުނީ ނަތަންޔާހޫ ނިސްބަތްކުރެއްވީ ވޯޓު ލީ މީހުންގެ ފިކުރާ ހިލާފު ޕާޓީތަކެއް އެކުވެ ކޯލިޝަނެއް ހަދާފައި ވާތީ އެކަމަށް ކަމަށެވެ.