ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފަހު ދެން ބޭނުންވާނީ ހިޔާލު ފާޅުކުރުމުގެ ވަސީލަތެވެ. ފާރު ނޫސްތަކުން ފެށުނު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރު ފުޅާވެފައި އޮތީ އިމެއް ނެތް ދަރަޖައަށެވެ. އޭގެ ތެރެއިން ވެސް ޓުވިޓާއަކީ ސަރުކާރުތައް ޖެހިލުންވާ ވަރުގެ ވަރުގަދަ އެޕްލިކޭޝަނެކެވެ. އަރަބް ސްޕްރިންގް ފަދަ އިންގިލާބުތައް ގެނެވުމުގައި ބޮޑު ދައުރެއް އަދާކުރި މެދުވެރިޔަކީ ވެސް ޓުވިޓާ އެވެ.
ޓުވިޓާ ބޭނުންކުރާ ފަރާތްތަކުގެ ހިޔާލާއެކު އެ ޕްލެޓްފޯމު އިތުރަށް މުއްސަނދި ކުރުމަށްޓަކައި ޓުވިޓާއިން ތައާރަފްކުރަނީ "ބުލޫ ޓްވިޓާ" އެވެ. މި ހިދުމަތް ޖޫން 3 ވަނަ ދުވަހު ވަނީ ތައާރަފް ކުރެވިފަ އެވެ.
ޓުވިޓާ ބުލޫ ބޭނުންކުރެވޭނީ ފީ އެއް ދައްކައިގެންނެވެ. ފީ ކަނޑައެޅިފައިވަނީ ހިދުމަތް ހޯދާ ރީޖަންތަކަށް އެކި ވަރަށެވެ. މިވަގުތު އެ ހިދުމަތުގެ ފީ އަކީ 3.49 ޑޮރަލަރާއި 4.49 ޑޮލަރާއި ދެމެދުގެ އަދަދެކެވެ. މި އަގަށް ލިބޭނޭ ހިދުމަތްތަކާ އަޅާބަލާއިރު ޓުވިޓާ ބުލޫ ބޭނުންކުރަން ފެށުން ރަނގަޅުތޯ ވަޒަންކޮށްލައްވާށެވެ.
ކަމުދާ ޓުވީޓެއް ފެނިއްޖެނަމަ މިހާރު ކުރެވިދާނޭ ކަމަކީ އެ ޓުވީޓަކަށް ހަމައެކަނި ލައިކެއް ޖަހާލުމެވެ. ލައިކް ކޮށްފިކަން ވެސް ޓުވިޓާގައި ފޮލޯކުރާ އެހެން ޓުވީޕުންނަށް އެނގޭނެ އެވެ. ޓުވިޓާ ބުލޫ އިން މިކަމަށް ދޭ ހައްލަކީ ޓުވީޓްތައް ބުކްމާކް ކުރެވި، ގުޅުންހުރި ފޯލްޑަރަކަށް ޓުވީޓް ވައްޓާލެވުމެވެ. ފަހުން ބަލަން ބޭނުންވީމާ އެ ފޯލްޑަރެއް ހުޅުވާލަންވީ އެވެ. މިއީ ތަރުތީބު ގޮތަކަށް ވާނެ އެވެ.
ދުލުން ބުނާ ބަހަކީ އަނބުރާ ގެނެވޭނޭ އެއްޗެއް ނޫނެވެ. ޓުވީޓާގައި ވެސް އޮތީ އެ ހަމަ އެވެ. ޓުވީޓް ކޮށްލުމަށްފަހު ފަހުން އެ ޓުވީޓެއް ފުހެލި ނަމަވެސް އެ ޓުވީޓް އެއޮތީ ކުރެވިފަ އެވެ. ޓުވީޓާ ބުލޫ އިން މިކަމަށް ދޭ ހައްލަކީ ޓުވީޓް ކުރުމަށްފަހު އެ ޓުވީޓް އޮންނާނޭ ގޮތް ދައްކާލަ ދިނުމެވެ. އެ ޓުވީޓް ބަދަލުކުރުމަށް ގިނަވެގެން 30 ސިކުންތުގެ ވަގުތުކޮޅެއް ޓުވީޓާ ބުލޫ ގައި ސެޓު ކޮށްލެވޭނެ އެވެ. މިއީ ޓެގް ކުރަންޖެހޭ މީހަކު ޓެގް ނުކުރެވި އޮތުމާއި، ޓުވީޓުގައި ލިޔެވިފައި އޮތް އަތުކުށް ފަދަ ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެކެވެ.
ކިންޑްލްފަޔަ ހަނދާން އެބަހުރި ހެއްޔެވެ؟ އެއީ ޑިޖިޓަލް ޑިވައިޒްތަކުން ކިޔުމުގެ ތަޖުރިބާ ބަދަލުކޮށްލި ޕްރޮޑަކްޓެކެވެ. ޓުވިޓާ ބުލޫގެ ރީޑާމޯޑުން އެ ލިބެނީ އެ ފަސޭހަ އެވެ. މި ފީޗާ އޮން ކޮށްލުމުން ކިޔާލަން ފަސޭހަ ވާނޭ ގޮތަށް ޓުވިޓާ ފީޑް ބަދަލުވާނެ އެވެ.
މީގެ އިތުރުންވެސް ޓުވިޓާ ފީޑްގެ ތީމް ބަދަލުކޮށްލުމާއި، ޓުވިޓާގެ ސީދާ އިރުޝާދު ލިބިގަތުމުގެ ހިދުމަތް ހޯދުމަށް ފަސޭހަވުން ފަދަ އިތުރު ފީޗާތައް ވެސް ޓުވީޓާ ބުލޫއާއެކު ލިބިގެންދާނެ އެވެ.
Comment