Advertisement

ސީޑް ކޯ-ވޯކް ސްޕޭސް: އެންމެންނަށް މިއޮތް ލިބުނީ އޮފީހެއް!

16 ޖުލައި 2021 - 06:07 0

އަމަން ހަލީމް

އަމަން ހަލީމް

ސީޑްގެ ފޯކަސް ވާކް ޑެސްކްތަކެއް: މި މަސައްކަތު ޖާގައިގައި އެކި ކަންކަމަކަށް ހާއްސަ ތަފާތު ހަތް ވައްތަރެއްގެ ޑެސްކު ހުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ސީޑް ކޯ-ވޯކް ސްޕޭސް: އެންމެންނަށް މިއޮތް ލިބުނީ އޮފީހެއް!

16 ޖުލައި 2021 - 06:07 0

އަލަށް ވިޔަފާރިއެއް ފަށަން ރާއްޖޭގައި ހުރި ގޮންޖެހުންތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ވިޔަފާރީގެ މޮޅު ހިޔާލުތަކާއި އީޖާދީ ވިސްނުންތަކަށް ފަސް އަޅާ ފޮރުވަން މަޖުބޫރު ވަނީ ފުރަން ޖެހޭ ފޯމްތަކާއި ކުރަން ޖެހޭ ހަރަދުތައް ގިނަކަމުންނެވެ. ބައެއް ފަހަރު ފޯރުކޮށްދޭ ހިދުމަތަށް ނޫނީ ގަންނަން ޖެހޭ މުދަލަށް ކުރާ ހަރަދަށް ވުރެ މި ހަރަދުތައް ބޮޑެވެ.

މިކަމުގެ އެންމެ ރަނގަޅު އެއް މިސާލަކީ މަސައްކަތް ކުރަން އޮފީހެއް ހޯދުމަށް ކުރަން ޖެހޭ ހަރަދެވެ. ކޮންމެ ވިޔަފާރިއަކަށް ބޮޑު އޮފީހެއް ބޭނުމެއް ނުވި ނަމަވެސް ގޭބިސީތަކުގެ މާހައުލާއި ވަސީލަތްތައް ހުންނަ ގޮތުން، އެ ހަރަދު ކުރުން ނޫން އިތުރު ގޮތެއް ގިނަ ފަހަރު ނޯވެ އެވެ. ކޮންމެހެން ބޭނުން ނުވިޔަސް ބޮޑު އަގުގައި އޮފީހެއް ކުއްޔަށް ހިފަން މަޖުބޫރު ވަނީ އެވެ.

އެކަމަކު މިހާރު މި ހަރަދުތައް ނުކޮށް ޖީބަށް ލުއި ގޮތެއް އެބައޮތެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ގާއިމްކޮށްފައިވާ "ސީޑް ބައި ބީސީސީ" ގެ މަސައްކަތު ޖާގަ ނުވަތަ ކޯ-ވޯކް ސްޕޭސް އެވެ.

ކޯ-ވޯކް ސްޕޭސްއަކީ ކޮބާ؟

ކޯ-ވޯކިން ސްޕޭސްއަކީ ގިނަ މީހުންނަށް އެއް ފަހަރާ ބޭނުން ކުރެވޭ މަސައްކަތު ޖާގަ އެކެވެ. މި މަސައްކަތު ޖާގަތަކުގައި މިތަން ބޭނުންކުރާ މީހުންނަށް ބޭނުންވާނެ އިންޓަނެޓް އަދި މަސައްކަތް ކުރާ ޑެސްކް ފަދަ ވަސީލަތްތައް ލިބެ އެވެ.

އާންމުކޮށް މި ޖާގަތަކުގެ ބޭނުން ހިފަނީ ފްރީލާންސަރުންނާއި ޕާޓް ޓައިމް މަސައްކަތްތެރިންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކުންނެވެ. އެކަމަކު އެމެރިކާގެ ނައިކީ ފަދަ ބައިނަލްއަގްވާމީ ކޯޕަރޭޝަންތަކުން ވެސް ކޯ-ވޯކް ސްޕޭސްތައް މިހާރު ބޭނުން ކުރެ އެވެ.

ސީޑް ބައި ބީސީސީގެ ތެރޭގައި އިށީނދެލައިގެން ހުންނަން ހަދާފައި ހުންނަ ޖާގައެއް: މިތަނުން ޑެސްކެއް ކުއްޔަށް ނަގާ މީހުންނަށް މިހެން ހުންނަ ތަންތަން ހިލޭ ބޭނުންކުރެވޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މިއީ އޮފީސްތަކަށް ކުރަން ޖެހޭ ބޮޑު ހަރަދު ކުރުމުގެ ބަދަލުގައި، އެ މީހަކަށް ނޫނީ ބަޔަކަށް ފަސޭހަ ވަގުތެއްގައި ގޮސް މަސައްކަތް ކޮށްލާނެ މާހައުލެކެވެ. އަދި ފަރުމާކޮށްފައި ހުންނަނީ އޮފީސް މަސައްކަތް ކުރެވޭ ގޮތަށް މި ޒަމާނުގައި މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތަކާ އެކު އެވެ.

ކޯ-ވޯކް ސްޕޭސްއިން ލިބޭ ފައިދާތަކަކީ ކޮބާ؟

ކޯ-ވޯކް ސްޕޭސް ބޭނުންކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ ވިޔަފާރި ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ފުރުސަތު ލިބުމެވެ. އެގޮތުން މި މަސައްކަތު ޖާގަތައް ބޭނުންކުރާ މީހުންނަށް ކުއްޔާއި، ކަރަންޓާއި، އިންޓަނެޓާއި، ފަރުނީޗަރާއި، އޮފީސް ވަސީލަތްތަކަށް ކުރަން ޖެހޭ ހަރަދުތަކުން ބޮޑު ޕަސެންޓެއް ސަލާމަތް ކުރެވެ އެވެ.

އަނެއް ފައިދާއަކީ އީޖާދީ ހިޔާލާއި ވިޔަފާރި ވިސްނުން ގެންގުޅޭ މީހުންނާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ މާހައުލެއްގައި މަސައްކަތް ކުރެވުމެވެ. މިއީ އަލަށް ވިޔަފާރިއެއް ފަށާ މީހަކަށް ވިޔަސް އަމިއްލަ މަސައްކަތެއް ކުރާ ފަންނުވެރިޔަކަށް ވިޔަސް ނުހަނު ބޭނުންތެރި ކަމަކަށް ވާނެ އެވެ.

ސީޑް ބައި ބީސީސީގެ އަގުތައް: މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ބަޔަކު ބޭނުންވާ ގަޑިއެއް ދުރާލާ ބުކްކޮށްލައިގެން މިތަން ބޭނުންކުރެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މިހެން ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ވިޔަފާރީގައި ބޭނުންކުރާ މޮޅެތި އުކުޅުތައް ދަސްވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެން އިއްތިފާގު ވާނެ އެވެ. މި ތަންތަން ހަރަދު ކުޑަވެފައި އެ މީހަކު ބޭނުން ވަގުތެއްގައި މަސައްކަތް ކުރެވުމަކީ މިފަދަ ވޯކް ސްޕޭސްތައް ދުނިޔޭގައި މަގުބޫލު ވަމުން އަންނަ މައިގަނޑު ސަބަބެވެ.

"ސީޑްސް ބައި ބީސީސީ" އިން ލިބެނީ ކޮން ހިދުމަތްތަކެއް؟

ރާއްޖޭގެ ފުރަތަމަ ކޯ-ވޯކް ސްޕޭސް "ސީޑްސް ބައި ބީސީސީ" އަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ޔޫއެންޑީޕީ އަދި ޖަޕާނު ސަރުކާރުގެ އެހީ ލިބިގެން ގާއިމްކުރި ތަނެކެވެ. ތަނުގެ ފަރުމާއިން ފެށިގެން ގޮސް ފަރުނީޗަރާއި ބޭނުންކޮށްފައި ހުރި ކުލަތަކުން ތަން ފެންނަނީ އެސްތެޓިކަލީ ފުރިހަމަކޮށެވެ.

ސީޑްސްއިން ލިބޭ ވަސީލަތްތަކުގެ ތެރޭގައި ހައި ސްޕީޑް އިންޓަނެޓާއި، ޕްރިންޓިން އަދި ޓީރޫމްގެ ހިދުމަތް ހިމެނެ އެވެ. އަމިއްލައަށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ވޯކް ޑެސްކާއި، ކޮލަބޮރޭޓިވް ރޫމްސް އަދި އައިޑިއާ ބޯޑުތައް ހުރެ އެވެ. އަދި ހަމަޖެހިލަން ތިބެން ބޭނުންވާ ޖާގަތަކާއި، މުހިއްމު އެއްޗެހި ރައްކާކުރަން ލޮކަރު ވެސް ހުރެ އެވެ.

ސީޑް ކޯވާކް ސްޕޭސްގައި ހުންނަ "އައި ޓު އައި" ޑެސްކެއް: މިތަނުގައި ތަފާތު އެކިކަހަލަ ބައްދަލުވުންތަކަށާއި ބޭނުންތަކަށް ހާއްސަ ޑެސްކްތައް ހުރޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މިއީ އެއް ފަހަރާ ގާތްގަނޑަކަށް 40 މީހުންނަށް މަސައްކަތް ކޮށްލެވޭ މަސައްކަތު ޖާގައެކެވެ. ބޭނުންވާ މީހުން ޖެހެނީ ފޯނުން ގުޅައިގެން ނުވަތަ ބީސީސީގެ ވެބްސައިޓަަށް ޒިޔާރަތްކުރުމަށް ފަހު ބުކްކޮށްލާށެވެ.

ދެ ފަންގިފިލާއަށް ހުންނަ ސީޑްސްގެ މޭޒާއި ގޮނޑިތަކުން ފެށިގެން ގޮސް ޓީވީތަކަކީ އެންމެ ޒަމާނީ އަދި ޓެކްނޮލިޖީއާ ރައްޓެހި ވަސީލަތްތަކެވެ. އެތެރޭގައި ހުރި ތަކެތި ހިޔާރުކުރީ ޒަރޫރީ ކަންކަމުން ފެށިގެން ގޮސް އެންމެ ކުދި އާދައިގެ ކަންކަމަށް ވިސްނާފަ އެވެ. އެ މީހެއްގެ އިސްކޮޅަށް ހެޔޮ ވަރަށް ގޮނޑިތަކާއި މޭޒުތައް އުސްކޮށް ތިރިކުރެވޭ ފަރުނީޗަރު ބެހެއްޓުން އޭގެ މިސާލަކަށް ފުދެ އެވެ.

މިއީ ރާއްޖޭގެ އިގުތިސޯދަށް ބޭނުންތެރި ވަސީލަތެއްތަ؟

އަގުތައް އިންތިހާގައި އުޅޭ ޒަމާނެއްގައި މިފަދަ މަސައްކަތު ޖާގައެއް ކޮންމެހެން ބޭނުންވެ އެވެ. ހާއްސަކޮށް އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށެވެ. ސަބަބަކީ ކުރަން ޖެހޭ ހަރަދުތައް ކުޑަވުމެވެ. އަދި ކުއްޔަށާއި އޮފީސް ވަސީލަތްތަކަށް ކުރަން ޖެހޭ ހަރަދުތައް ފޯރުކޮށްދޭ ހިދުމަތެއް ނުވަތަ މުދަލެއް ތަރައްގީކުރުމަށާއި ވިޔަފާރި ވިސްނުން އިތުރަށް ފުޅާކުރަން ބޭނުން ކުރެވުމެވެ.

ސީޑްސް ކޯ-ވޯކް ސްޕޭސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ފާހަގަކުރެއްވީ މިކަންކަމެވެ. އަދި މިއީ އޭގެ ޒާތުގައި ކުޑަ ކަމެއް ނަމަވެސް، މިހެން ކުރާ ބައިވަރު ކަންތައްތަކުގެ ނަތީޖާއަކީ އިގުތިސޯދުގައި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިއީ އޭގެ ޒާތުގައި އެހާ ބޮޑު ކަމެއް ނޫން. އެކަމަކު މިކަހަލަ ކުދި ބައިވަރު ކަންތައްތަކަކުން އަޅުގަނޑުމެންގެ ވިޔަފާރިވެރިން ކުދި މަސައްކަތްތެރިންނަށް މި ޖާގަ ކްރިއޭޓް ކުރެވުނީމަ އަސްލު އަޅުގަނޑުމެންގެ އިގުތިސޯދުގެ މައިބަދަ ވަރުގަދަ ވެގެން ދަނީ. ކުދިކުދި ބައިވަރު މީހުންތަކަށް ޖާގަ ކްރިއޭޓް ކޮށްދޭން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ސީޑްސް ކޯވާކް ސްޕޭސްގެ ތިރީ ފަންގިފިލާ: ކޮންމެ ފަންގިފިލާއެއްގެ ލޭއައުޓް ތަފާތު އަދި ތަފާތު އަށް އޮޕްޝަނަކުން ހިޔާރު ކުރެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރާނެ ތަނެއް ނެތިގެން ހަވާސާވެފައި ތިބި މީހުންގެ ހިޔާލުތައް ހަގީގަތަކަށް ހަދައި އޭގެ މަންފާ ހޯދަން މިއީ ކޮށުނު މަގެއް ކަމަށެވެ. އަދި މިއީ އޭނާ ވިދާޅުވި ގޮތުގައި އިގްތިސޯދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފަންނުވެރިންގެ ބައިވެރިވުން އިތުރުކުރަން އެޅުނު ފާލަމެއް ކަމަށެވެ.