Advertisement

ރޯވި ބޯޓުން ކަނޑުގެ ދިރުންތަކަށް ލިބުނު ގެއްލުން 20 އަހަރަށް ދެމިގެންދާނެ

ސްރީލަންކާ ކައިރިން ރޯވި ބޯޓު އަޑިއަށް ދަނީ.--


ރޯވި ބޯޓުން ކަނޑުގެ ދިރުންތަކަށް ލިބުނު ގެއްލުން 20 އަހަރަށް ދެމިގެންދާނެ

ސްރީލަންކާ ކައިރިން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއެކު އަޑިއަށް ދަމުންދާ ބޯޓުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން 20 އަހަރަށް ދެމިގެން ދާނެ ކަމަށް އެ ގައުމުގެ އެންވާރަމަންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މަހިންދަ އަމަރަވީރާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެކްސް-ޕްރެސް ޕާލް ބޯޓުގައި ހުރި ކޮންޓެއިނަރުތަކުގެ ތެރޭގައި ނުރައްކާތެރި ތަކެތި ރައްކާކޮށްފައި ހުރި 193 ކޮންޓެއިނަރު ހުރި ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ޕެލެޓް ހިމެނެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެން ވާނީ އެކި ސަރަހައްދުތަކަށް ލައްގަމުންދާ ގިނަ އަދަދެއްގެ ޕްލާސްޓިކް ޕެލެޓުތައް ނަގާފައި. މަސްތައް ދިރުވާލާފައި ވަނީ ކިހާ އަދަދެއްގެ ޕެލެޓުކޮޅުތަކެއް ކަމެއް ނޭނގޭ. އަދި ކަނޑުގެ އަޑީގައި ވަނީ ކިހާ އަދަދެއް ކަމެއް ވެސް ނޭނގޭ،" ބަޔާނުގައި ވެ އެވެ.

އަމަރަވީރާ ވިދާޅުވީ މި ހާދިސާއިން ލިބިދޭ ފިލާވަޅަކީ ކޮންމެ އަހަރަކު އިމްޕޯޓު ކުރާ ޕްލާސްޓިކްގެ ގިނަކަން ކަމަށާއި އެތެރެކުރާ ޕްލާސްޓިކުގެ ތެރެއިން ރީސައިކަލް ކުރެވެނީ އެންމެ 10 ޕަސެންޓު ކަމަށެވެ. އެހެންވެ، އޭނާ ގޮވާލާފައިވަނީ އަޑިއަށް ދަމުންދާ ބޯޓުން ލިބޭނެ ގެއްލުން އަންދާޒާކޮށް، ފައިސާގެ ބަދަލު ދިނުމަށެވެ.

ބޯޓުގައި ރޯވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ތެޔޮ ލީކުވޭތޯ ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ލަންކާ ކައިރިން ކަނޑުގައި 0.35 ކިލޯމީޓަރުގެ ބޮޑު ތެޔޮ ފަށަލައެއް ހުރިކަން ފާހަގަވެގެން އެކަން ދަނީ ބަލަމުންނެވެ.

ތިމާވެށީގެ ކާރިސާއެއް

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ދެ ހަފްތާގެ މަސައްކަތަށް ފަހު މިދިޔަ ހޯމަ ދުވަހު އެވެ. ލަންކާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައި އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓު އަޑިއަށް ދާން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓުގެ އެއް ބައި މިހާރު ވެސް އަޑީގައި އޮތް އިރު، އިންޑިއާ އާއި ލަންކާ ކަނޑުގެ ސިފައިން ގުޅިގެން ބޯޓު ލަންކާއާ ދުރަށް ކަނޑުގެ ފުން ހިސާބަކަށް ގެންދެވޭތޯ ކުރާ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ކަނޑުގެ ސިފައިންނާއި ބޯޓުގެ ވެރިފަރާތުން ވެސް ބުނީ އޭގެ ފަހަތު ކޮޅު ވަނީ ކަނޑުގެ 21 މީޓަރު އަޑިއަށް ފެތިފައި ކަމަށާއި ކުރީކޮޅު ވެސް މަޑުމަޑުން އަޑިއަށް ދަމުންދާ ކަމަށެވެ.

ބޯޓުގެ ވެރި ފަރަތް އެކްސް-ޕްރެސް ފީޑާޒް އިން ވަނީ އެ ހާދިސާއާ ގުޅިގެން މައާފަށް އެދި، ތެޔޮ ލީކުވެއްޖެ ނަމަ ސާފު ކުރުމުގައި މަސައްކަތް ކުރާނެ ބޮޑު ޓީމެއް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ބޯޓުގައި ހުރި މުދަލުގެ ބޮޑު ބައިގައި ވަނީ އަނދައިހުލިވެފަ އެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި، ސޯޑިއަމް ހައިޑްރޮކްސައިޑާއި، ލުބްރިކަންޓް އަދި އެހެން ކެމިކަލް ހިމެނެ އެވެ.

ނަމަވެސް ބާކީ ހުރި ކެމިކަލާއި ފިޔުލް ޓޭންކުގައި ހުރި ތެޔޮ ކަނޑަށް ލީކުވުމުގެ ބިރު ބޮޑެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ކަނޑުގެ ދިރުންތަކަށް އަންދާޒާ ނުކުރެވޭ ވަރުގެއް ގެއްލުމެއް ލިބި، ލަންކާގެ ގޮނޑުދޮށް އިތުރަށް ތަގައްޔަރު ވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.