Advertisement

ކެނެޑާގެ މުސްލިމް އާއިލާގެ ސަޕޯޓުގައި އެތައް ހާސް ބަޔެއްގެ ހިނގާލުމެއް

ކެނެޑާގެ ހިނގާލުމުގައި ބައިވެރިވި މީހުން ޕޯސްޓަރުތައް ހިފައިގެން.-- ފޮޓޯ: ޓޮރޮންޓޯ ސިޓީ ނިއުސް


ކެނެޑާގެ މުސްލިމް އާއިލާގެ ސަޕޯޓުގައި އެތައް ހާސް ބަޔެއްގެ ހިނގާލުމެއް

ކެނެޑާގައި މިދިޔަ އާދީއްތަ ދުވަހު ދުއްވާފައި ދިޔަ ޓްރަކަކުން ޖައްސައި، މުސްލިމް އާއިލާއެއްގެ ހަތަރު މެމްބަރުން މަރާލި މައްސަލާގައި، އެ އާއިލާއާއެކު ތިބިކަން އަންގައި ދިނުމަށް އެތައް ހާސް ބަޔަކު ހިނގާލުމެއް ބާއްވައިފި އެވެ.

އުމުރުން 20 އަހަރުގެ ނަތާނިއެލް ވެލްޓްމޭން ދިން އެ ހަމަލާއަކީ މުސްލިމުންނާ ދެކޮޅަށް ހިންގި ނަފުރަތުގެ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަ އެވެ. ވެލްޓްމޭން ހައްޔަރުކޮށްފައި ވާއިރު، އެ ހަމަލާގައި ސަލާމަތްވީ އުމުރުން ނުވަ އަހަރުގެ ކުއްޖަކު އެކަންޏެވެ.

ހަމަލާ ދިން އޮންޓާރިއޯ ޕްރޮވިންސްގެ ލަންޑަން ސިޓީގައި އެތައް ހާސް ބަޔަކު އިއްޔެ ވަނީ މަގުތަކަށް ނިކުމެ ހަތް ކިލޯމީޓަރު ހިނގާފަ އެވެ. އެ މީހުންގެ ހިނގާލުން ނިންމާލީ މިސްކިތެއް ކައިރިންނެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ ނަފުރަތު އުފެއްދުމާ ދެކޮޅަށާއި، މުސްލިމުންނަށް ތާއީދުކޮށް އަދި ހަމަލާ އަމާޒުވި އާއިލާއާއެކު ތިބިކަން އަންގައިދޭ ޕޯސްޓަރުތައް އުފުލާފަ އެވެ. ލަންޑަން ސިޓީގެ އިތުރުން ކެނެޑާގެ އެހެން ބައެއް އާބާދީ ބޮޑު ސިޓީތަކުގައި ވެސް އިއްޔެ ހިނގާލުން ބޭއްވި އެވެ.

މުސްލިމް އާއިލާއަށް ދިން ހަމަލާއާ ގުޅިގެން ކެނެޑާގެ އާއްމުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާއިރު، އިސްލާމޮފޯބިއާ ނުވަތަ އިސްލާމްދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެއްދުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.