Advertisement

ރަޝިއާ-އެމެރިކާ ގުޅުން ވަނީ ފަހުގެ ތާރީހުގައި ގޯސް ނުވާ މިންވަރަށް ގޯސްވެފައި: ޕޫޓިން

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: ރޮއިޓާޒް


ރަޝިއާ-އެމެރިކާ ގުޅުން ވަނީ ފަހުގެ ތާރީހުގައި ގޯސް ނުވާ މިންވަރަށް ގޯސްވެފައި: ޕޫޓިން

އެމެރިކާ އާއި ރަޝިއާގެ ގުޅުން ފަހުގެ ތާރީހުގައި ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން އެހެން ވިދާޅުވިއިރު، އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

"މިހާރު މި އޮތީ ފަހުގެ ތާރީހެއްގެ ދުވަހަކު ވެސް ގޯސް ނުވާ މިންވަރަށް ގޯސްވެފައިވާ ގުޅުމެއް،" އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އާއި ބައިޑެން ބައްދަލު ކުރައްވަން ހަމަޖެހިފައި ވާއިރު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި އިނގިރޭސި ވިލާތަށް ވަޑައިގެން ބައިޑެން ވަނީ ޕޫޓިންއަށް އިންޒާރު ދެއްވާފަ އެވެ.

"އަޅުގަނޑުމެން މި އުޅެނީ ރަޝިއާއާއެކު ހަމަނުޖެހުމަކަށް ދާކަށް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހޭ އަދި ބަރޯސާވެވޭ ގުޅުމެއް ގާއިމް ކުރަން... އެކަމަކު މީގެ ކުރިން ވެސް ސާފުކޮށް މި މެސެޖު ދިނިން: ރަޝިއާގެ ސަރުކާރުން ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ ނަމަ އެމެރިކާރިން ރައްދު ދޭނީ ހަރުދަނާ އަދި މާނަހުރި ގޮތަކަށް،" ބައިޑެން ވިދާޅުވި އެވެ.

ވައިޓް ހައުސްއިން ބުނީ ޕޫޓިންއާއެކު ގިނަ ކަންކަމާ ބެހޭ މަޝްވަރާތައް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހަތިޔާރު ކޮންޓްރޯލް ކުރުމާއި މޫސުމަށް އަންނަ ބަދަލާއި، ޔޫކްރެއިނުގައި ރަޝިއާ ސިފައިންގެ ހަރަކާތްތައް ހިންގުމާއި، ރަޝިއާގެ ސައިބާ ހަމަލާތަކާއި، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ހުންނެވި މައްސަލަ ހިމެނެ އެވެ.

ޓްރަމްޕަށް ތައުރީފް

އެންބީސީއަށް ދެއްވި އިންޓަވިއުގައި ޕޫޓިން ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "އާދަޔާ ހިލާފުު، ހުނަރުވެރި" ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، ބައިޑެންއަކީ އޭގެ އިދިކޮޅު ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ވެސް އަޅުގަނޑު ދެކޭ ގޮތުގައި ކުރީގެ ރައީސް ޓްރަމްޕަކީ އާދަޔާ ހިލާފު، ހުނަރުވެރި ލީޑަރެއް. އެހެން ނޫން ނަމަ އެމެރިކާގެ ރައީސް ކަމަކަށް ނާދެވޭނެ. ޓްރަމްޕަކީ ކުލަގަދަ ލީޑަރެއް... ޕޫޓިން ވިދާޅުވި އެވެ.

ޓްރަމްޕާއި ބައިޑެންއާ ތަފާތު ވަނީ ބައިޑެންއަކީ ކެރިއަރަށް އުމުރު ހުސްކޮށްގެން ހުރި މީހަކަށް ވާތީ ކަމަށާއި، މުޅި އުމުރު ހޭދަކޮށްފައި ވަނީ ސިޔާސީ ކަންކަމުގައި ކަމަށް ޕޫޓިން ފާހަގަކުރެއްވި އެވެ.

އެމެރިކާގެ އޮފިޝަލުން އުއްމީދު ކުރަނީ ބައިޑެން އާއި ޕޫޓިންގެ ބައްދަލުވުމުން ހަރުދަނާ މަޝްވަރާތައް ކުރެވި، ޓްރަމްޕްގެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމަށެވެ.

ރަޝިއާގެ އޮފިޝަލުން ބުނެފައިވަނީ މިއީ ބައިޑެންގެ ސަރުކާރުން ނުސީދާ މެސެޖުތަކެއް ދިނުމަށް ފަހު، ސީދާ ބައިޑެންގެ ހިޔާލު ހުންނެވި ގޮތް ބެލުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.