Advertisement

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދެ ޖަލެއްގައި ބޮޑު އޮޕަރޭޝަނެއް

12 ޖޫން 2021 - 09:51 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މާލޭ ޖަލު: ހަމަލާއަށް މަހެއް ފަހުން ދެ ޖަލުގައި އޮޕަރޭޝަނެއް ވަނީ ފަށާފައި. -- ފޮޓޯ/ އަދަދު


ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދެ ޖަލެއްގައި ބޮޑު އޮޕަރޭޝަނެއް

12 ޖޫން 2021 - 09:51 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދެ ޖަލެއްގައި ރޭ ފަތިހު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގަނީ މާލޭ ޖަލާއި މާފުށީ ޖަލުގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގަނީ ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެންނެވެ. އެކަމަކު މާބޮޑު ތަފްސީލެއް އަދި ނުދިން ނަމަވެސް ހަތިޔާރާ އެކު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޖަލުތަކުގައި، ހައްދުފަހަނާޅާފައިވާ މީހުން އިސްވެ ތިބެ އެ ފިކުރަށް ޒުވާނުން ރެކްރޫޓްކުރެ އެވެ. ނަޝީދަށް އަމާޒުކުރި ހަމަލާއަށް ފަހު، ހައްދުފަހަނައެޅި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި، ޖަލުގައި އެ ފިކުރު ފަތުރަން އުޅުނު ބޮޑެއް ވެސް ހައްޔަރުކުރި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ބޮން ހަރުކުރި ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

މި އެންމެންނަކީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ވަކި ފިކުރެއް ކުރިއަރުވައި، ގަބޫލުކުރާ ވަކި ކަންތައްތަކަކަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިކޮޅުން ފެނުނެވެ.

ތަހުގީގަށް ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ތަހުގީގުގައި، ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ވެސް ފުލުހުން ހޯދަ އެވެ.