Advertisement

ބޮޑު މަހެއްގެ އަނގަ ތެރެއަށް ވަތް މީހަކު ސަލާމަތްވެއްޖެ

މައިކަލް ޕެކާޑަށް ފަރުވާ ދެނީ.-- ފޮޓޯ: ޕެކާޑް އާއިލާ


ބޮޑު މަހެއްގެ އަނގަ ތެރެއަށް ވަތް މީހަކު ސަލާމަތްވެއްޖެ

އެމެރިކާގައި އިހި ނެގުމުގެ މަސައްކަތުގައި އުޅޭ މީހަކު ބޮޑު މަހެއްގެ އަނގަ ތެރެއަށް ލޮނުގަނޑާއެކު ދަމާލުމުން ސަލާމަތްވި ގޮތުގެ ވާހަކައަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

މައިކަލް ޕެކާޑް ނަމަކަށް ކިޔާ މީހަކު މެސެޗުސެޓްސްގެ ޕްރޮވިންސްޓައުން ކައިރިން އިހި ނަގަން ފީނަން އުޅެނިކޮށް ބޮޑު މަހެއް ލޮނުގަނޑު ދަމާލި ވަގުތު އޭތީގެ އަނގަ ތެރޭގައި 30-40 ސިކުންތު އޮންނަން ޖެހުނެވެ.

ބޮޑު މަހަކީ ނޭވާލުމަށް މައްޗަށް އަރަން ޖެހޭ އެއްޗަކަށް ވާތީ، އޭތި މައްޗަށް އަރާފައި ލޮނުތައް ބާރު ސްޕީޑުގައި ބޭރުކޮށްލި ވަގުތު ޕެކާޑް ވިއްސައިގެން ގޮސް، ކަކުލަށް ވަނީ އަނިޔާވެފަ އެވެ.

އެ ހާދިސާ ހިނގުމާއެކު އިހި ނެގުމުގެ ވަޒީފާ ދޫކޮށްލަން އަންހެނުން އެދުނު ނަމަވެސް، 40 އަހަރުވީ ކެރިއަރު ހުއްޓާނުވާލެ ކަމަށް އުމުރުން 56 އަހަރުގެ ޕެކާޑް ވަނީ ބުނެފަ އެވެ.

ވޯލްޑް ލައިފް ފަންޑުން ބުނާ ގޮތުގައި ޕެކާޑްއާ ދިމާވި ވައްތަރުގެ ބޮޑު މަސް، ހަމްޕްބެކް ވޭލްއަކީ 50 ފޫޓަށް ބޮޑުވެ، ބަރުދަނުގައި 36 ޓަނު ހުންނަ މަހެކެވެ. ދުނިޔޭގައި މިހާރު އުޅެނީ އޭގެ 60،000 މަސް ކަމަށް ބެލެވެ އެވެ. މި ބާވަތުގެ ބޮޑު މަސް ކެއުމަށް ބޭނުންވާ މަސް ހޯދަނީ ލޮނުގަނޑު އަނގަ ތެރެއަށް ދަމާލައިގެންނެވެ.

ކޭޕް ކޮޑް ޓައިމްސްއަށް ދިން އިންޓަވިއުގައި ޕެކާޑް ބުނީ އޭނާ ބޯޓުން ކަނޑަށް ފުއްމާލުމާއެކު ކުއްލިއަކަށް އަޑެއް އިވިފައި މުޅި ތަން އަނދިރިވީ ކަމަށެވެ.

އޭނާ ފުރަތަމަ ހީކުރީ މިޔަރެއް ހަމަލާ ދިނީ ކަމަށެވެ. ނަމަވެސް ކުޑަ އިރުކޮޅަކުން ބޮޑު މަހުގެ އަނގައިގެ ތެރޭގައި އޮތްކަން އެނގުނު ކަމަށް ބުންޏެވެ.

ޕެކާޑް ބުނީ އެއީ މަރުގެ ވަގުތު ކަމަށް ނިންމައިގެއް ހުއްޓާ އެންމެ ހަނދާންވީ އަންހެނުންނާއި އުމުރުން 12 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ދަރިންގެ މަތިން ކަމަށެވެ.

"ކުއްލިއަކަށް އޭތި އެރީ މައްޗަށް. ދެން ބޯ ދެކޮޅަށް ތަޅުވަމުން ފެންތައް ބާރު ސްޕީޑުގައި ގޮވީ. އަހަރެން ވައިގެ ތެރެއަށް ވިއްސައިގެން ގޮސް، ދެން ވެއްޓުނީ ފެނުގެ ތެރެއަށް.... އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި،" އޭނާ ބުންޏެވެ.

ފެނުގައި ފްލޯޓުގެވެން އޮތް ޕެކާޑް ބޯޓުގެ އެހެން މީހުންނަށް ފެނުމާއެކު އޭނާ އަވަހަށް ބޯޓަށް ނަގައި ފަރުވާ ދޭން ފެށި އެވެ. އޭގެ ފަހުން ކޭޕް ކޮޑް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.