Advertisement

ފްލޮއިޑުގެ ކަރަށް އެރި މަންޒަރު ވީޑިއޯ ކުރި ކުއްޖާއަށް އެވޯޑެއް

ޖޯޖް ފްލޮއިޑުގެ ކަރަށް ފުލުހަކު އެރުމުން އެ މަންޒަރު ވީޑިއޯ ކުރި ޑާނެއްލާ ފްރޭޒިއާ (ކ-3).-- ފޮޓޯ: ރޮއިޓާޒް


ފްލޮއިޑުގެ ކަރަށް އެރި މަންޒަރު ވީޑިއޯ ކުރި ކުއްޖާއަށް އެވޯޑެއް

މިދިޔަ އަހަރު އެމެރިކާގެ މިނިއަޕޮލިސްގެ މަގެއްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް އަރައި މަރާލި ވަގުތުގެ ވީޑިއޯ ނެގި ކުއްޖާއަށް ނޫސްވެރިކަމުގެ ހާއްސަ އެވޯޑެއް ޕުލިޓްޒާ ޕްރައިޒް ބޯޑުން ދީފި އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަވާ ނޫސްވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑުދޭ ޕުލިޓްޒާއިން ބުނީ މިހާރު އުމުރުން 18 އަހަރުގެ ޑާނެއްލާ ފްރޭޒިއާއަށް އެވޯޑު ދޭން ނިންމީ އޭނާގެ ހިތްވަރާއި ކެރުން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

ފްރޭޒިއާ ފޯނުން ވީޑިއޯ ނެގުމުން ސޯޝަލް މީޑިއާގައި އެ ވީޑިއޯ ފެނި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ބޮޑެތި އެއްވުންތައް ބޭއްވި އެވެ. އޭގެ އިތުރުން ފްލޮއިޑަށް ހަމަލާ ދިން ފުލުސް އޮފިސަރު، ޑެރެކް ޗައުވިންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކީގެ ގޮތުގައި އެ ވީޑިއޯ ބޭނުން ކުރި އެވެ.

މިދިޔަ އަހަރުގެ މޭ 25 ވަނަ ދުވަހު ފުލުހަކު ފްލޮއިޑަށް ހަމަލާ ދޭ މަންޒަރު ފްރޭޒިއާއަށް ފެނުނީ އޭނާގެ އާއިލާގެ ކުއްޖަކާއެކު މަގުމަތީގައި ހިނގާފައި ދަނިކޮށެވެ.

ފްލޮއިޑުގެ މަރުގެ ޝަރީއަތުގައި ވާހަކަ ދައްކަމުން ފްރޭޒިއާ ބުނީ އޭނާ ވީޑިއޯ ކުރަން ފެށީ ފުރާނަ ސަލާމަތް ކުރަން އެދި މީހަކު އާދޭސް ކުރާ މަންޒަރު ފެނުމުން ކަމަށެވެ.

ފުލުސް މީހާ ފްލޮއިޑުގެ ކަރަށް އަރައިގެން ހުރި ވަގުތު ނޭވާ ނުލެވޭ ކަމަށް އޭނާ ބުނަމުން ދިޔަ އަޑު އިވުނު ކަމަށް ފްރޭޒިއާ ކޯޓުގައި ބުނެފައި ވެ އެވެ.