Advertisement

ފްރެންޗް އޯޕަން: ނަޑާލްގެ ރެކޯޑަށް ޖޮކޮވިޗް ނިމުން ގެނެސްފި

12 ޖޫން 2021 - 08:56 0

ރޭގެ މެޗުގެ ތެރެއިން ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ


ފްރެންޗް އޯޕަން: ނަޑާލްގެ ރެކޯޑަށް ޖޮކޮވިޗް ނިމުން ގެނެސްފި

12 ޖޫން 2021 - 08:56 0

ޕެރިސް (ޖޫން 12) - ފްރެންޗް އޯޕަން ސެމީ ފައިނަލުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ރަފައެލް ނަޑާލް ދަމަހައްޓަމުން އައި ރެކޯޑަށް ދުނިޔޭގެ އެއް ވަަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ނިމުން ގެނެސްފި އެވެ.

ފްރެންޗް އޯޕަން ތަށި 13 ފަހަރަށް ހޯދާފައިވާ ނަޑާލް އަކީ އެންމެ ފަހުން ހަތަރު އަހަރުގެ ޗެމްޕިއަނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ނަޑާލް ވަނީ ޖޮކޮވިޗް ބަލިކޮށްފަ އެވެ. އެކަމަކު ރޭ ޖޮކޮވިޗް ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ނަޑާލް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 3-6 6-3 7-6 (7-4) 6-2 އިންނެވެ.

މާދަމާ ކުޅޭ ފައިނަލުގައި ޖޮކޮވިޗް ބައްދަލުކުރާނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސްއާ އެވެ. މިއީ 22 އަހަރުގެ ސިޓްސިޕާސް ކުޅޭ ފުރަތަަމަ ގްރޭންޑް ސްލޭމް ފައިނަލެވެ.

ރޭގެ މެޗަކީ ފްރެންޗް އޯޕަންގައި ނަޑާލް ކުޅުނު 108 މެޗުގެ ތެރެއިން ބަލިވި ތިން ވަަނަ ފަހަރެވެ. ސެޓެއް ވެސް ނުގެއްލި މިިދިޔަ އަހަރުތަކުގައި މި މުބާރާތް ކާމިޔާބުކުރި އުމުރުން 35 އަހަރުގެ ނަޑާލް އަތުން މި ފަހަރުގެ ސެމީ ފައިނަލުގައި ސެޓެއް ގެއްލުނެވެ.

ފައިނަލުގައި ޖޮކޮވިޗް ވަނީ ނަޑާލަށް ވަރަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ޖޮކޮވިޗް އަތުން މުހިއްމު ވަގުތުގައި މެޗު ޕޮއިންޓެއް ނުގެއްލުމަކީ ރޭގެ މެޗުން މޮޅުވާން އޭނާ އަށް ލިބުނު އެންމެ ބޮޑު ފަސޭހަ އެެވެ.

ރޭގެ މެޗުގެ ތެރެއިން ނަޑާލް (ކ) އާއި ޖޮކޮވިޗް ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕި


"މިއީ ހަޔާތުގައި ވެސް ހަނދާން ހުންނާނެ ފަދަ މެޗުތައް. މިއީ ހަގީގަތަށް ބުނާކަމަށްވަންޏާ އަހަރެންގެ ކެރިއަރުގެ ގަދަ ތިން މެޗުގެ ތެރޭގައި ހިމެނޭނެ މެޗެއް. މި ކޯޓުގައި ރަފާ (ނަަޑާލް) ބަލިކުރާނަމަ ކުޅެން ޖެހޭނީ އެ މީހެއްގެ އެންމެ މޮޅު ގޭމް. އެކަން މި ކުރެވުނީ،" އުމުރުން 34 އަހަރުގެ ޖޮކޮވިޗް ބުންޏެވެ.

ނަޑާލް ވަނީ ޖޮކޮވިޗް ހޯދި ކާމިޔާބީ އަށް މަރުހަބާ ކިޔައިފަ އެވެ. ފްރެންޗް އޯޕަން ތާރީހުގައި ނަޑާލް އަތުން އެއް ފަހަރަށް ވުރެ ގިނައިން މޮޅުވި ހަަމައެކަނި ކުޅުންތެރިއަކީ ޖޮކޮވިޗް އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ކުއާޓާ ފައިނަލުން ވެސް ނަޑާލް ބަލިކޮށްފަ އެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ނަޑާލާއި ރޮޖާ ފެޑެރާ އޮތީ އެއްވަރުވެފަ އެވެ. އެއީ ކޮންމެ ކުޅުންތެރިއަކު 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ވަނީ 18 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ޖޮކޮވިޗް މިހާތަނަށް ފްރެންޗް އޯޕަން ކާމިޔާބުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2016 ވަނަ އަހަރު އެވެ. އޭނާ ވަނީ ހަތަރު ފަހަރު ފައިނަލުން ބަލިވެފަ އެވެ.