Advertisement

ތައްޔާރު މި ވަނީ ސާފް ޗެމްޕިއަންޝިޕަށް: ކޫޕްމަން

12 ޖޫން 2021 - 08:36 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ކޯޗު މާޓިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ތައްޔާރު މި ވަނީ ސާފް ޗެމްޕިއަންޝިޕަށް: ކޫޕްމަން

12 ޖޫން 2021 - 08:36 0

ހާލަތުގެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ބާކީ މެޗުތަކުގެ ބޭނުން ހިފަނީ މުސްތަގުބަލަށް ޓީމު ބައްޓަން ކުރުމަށް ކަމަށާއި މި ތިން މެޗުގެ އެހީގައި ތައްޔާރުވަނީ ސާފް ޗެމްޕިއަންޝިޕް (ސުޒުކީ ކަޕް) އަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.

ކޮލިފައިންގައި ރޭ ގްރޫޕް އޭ ގައި ފިލިޕީންސް އިން ވަނީ ގުއާމް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ މެޗުން ފިލިޕީންސް މޮޅުވެ، ޗައިނާ އަތުން ރާއްޖެ 5-0 އިން ބަލިވުމާ އެކު މި ފަހަރުގެ ކޮލިފައިން ގްރޫޕްގައި ރާއްޖެ ނިންމާލަން ޖެހުނީ ހަތަރު ވަނައިގަ އެވެ.

ގައުމީ ކޯޗު ކޫޕްމަން ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ބަލިވާ ގިނަ ފަހަރު މާޔޫސްވާނެ ކަމަށާާއި އެކަމަކު މި ވަގުތު މި އޮތީ އެ ފަދަ ހާލަތެއް ނޫން ކަމަށެވެ. އޭނާ ބުނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އޮތްގޮތުން މެޗުތަށް ކުޅެން ރާއްޖެ މި އައީ ވަރަށް އުނދަގޫ ވަގުތެއްގައި ކަމަށެވެ.

"މިއީ އެއް އަހަރާއި ހަތް މަސް ތެރޭ ކުޅުނު ދެ ވަނަ މެޗު. މި މެޗަށް ތައްޔާރުވުން ދިޔައީ ވެސް ދަށްކޮށް. ދަނޑެއް މަތީގައި 11 ޕްރެކްޓިސް ރަނގަޅަށް ކުރެވުނީ،" ކޫޕްމަން ބުންޏެވެ.

"މިހާރު އަހަރެމެން ހާލަތު އޮތްގޮތުން މި ތިން މެޗު މި ނަގަނީ މުސްތަގުބަލަށް ޖީލެއް ބިނާކުރަން. އަހަރެން މި ބޭނުންކުރަނީ ސެޕްޓެމްބަރަށް ސާފްގައި ކުޅެން ތައްޔާރު ވާން. އަހަރެން ދެކޭގޮތުގައި މި ފެންނަ ކުޅުމުގެ ސަބަބުން މި އަށް ވުރެ ރަނގަޅު ކަންކަން ހާސިލްކުރެވޭނެ. އެ ހިސާބުން އަހަރެން ކުޅުވަން މި އުޅޭ ނޫނީ ބޭނުންވާ ކުޅުން ފެންނާނީ،"

ރާއްޖޭން މި ފަހަރުގެ ކޮލިފައިން އަށް ނުކުތީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަަށް ކޮލިފައިވުމުގެ އަމާޒުގަ އެވެ. އެކަމަކު މިހާރު އޮތްގޮތުން ކޮލިފައިން މި ގްރޫޕުން އެކަން ހާސިލްނުވާނެ އެވެ. ޖެހޭނީ އެހެން ކޮލިފައިން ބުރެއް ކުޅެގެން އޭޝިއަން ކަޕަށް ކޮލިފައިވާށެވެ. އޭޝިއަން ކަޕަށް ކޮލިފައިވާން މިހާރު އޮތްގޮތުން ރާއްޖެ ދެން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގަ އެވެ. އެކަމަކު ފަހު މެޗުން ފިލިޕީންސް އަތުން މޮޅުވެގެން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަދެވޭނެ ގޮތްތަކެއް ރާއްޖެ އަށް އެބައޮތެވެ.

މިހާރު އޮތް ގޮތުން ސާފް ސުޒުކީ ކަޕް (ޗެމްޕިއަންޝިޕް) އޮތީ އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝް އެވެ. ރާއްޖެ އަކީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެެވެ. އެއީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ކޫޕްމަންގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރާއްޖެ ވަނީ ސީރިއާ އަތުން 4-0 އިން ބަލިވެފަ އެވެ. އެ މެޗާ އަޅާކިޔާއިރު ގައުމީ ޓީމުން ރޭ ޗައިނާއާ ދެކޮޅަށް ކުޅުން ރަނގަޅުކޮށް ކޮންމެ ވެސް ވަރަކަށް ކުޅެން މަސައްކަތްކުރި އެވެ.

ކުރިން ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް ކޯޗުކަން ކުރި ކޫޕްމަން ބުނީ އޭނާގެ ވިސްނުމަކީ އޯގަނައިޒްކޮށް ކުޅުން ކަމަށާއި މަތިން ބޯޅަ ޖަހާފައި ދުވެގެން ބޯޅަ ހޯދަން ކުޅެގެން ބޭނުންވާ ކަމެއް ހާސިލްނުކުރެވޭނެ ކަމަށެވެ.

"އަހަރެމެން އެހެން (މަތިން ބޯޅަ ޖަހައިގެން) ކުޅުނީ ޗައިނާ އިން ރާއްޖެ އައިއިރު. ލޯންގް ބޯޅަ ޖަހައިގެން ހުރިހާ ބޯޅައެއް ގެއްލޭނީ. އަަހަރެމެން ބޭނުންވަނީ ފަހަތުން ފައްޓައިގެން ކުޅޭ ޕާސިން ގޭމެއް ކުޅެން ރާއްޖެ ލައްވައި. ގޯސް ހެދިގެން ކަންކަން ރަނގަޅު ކުރެވޭނީ. އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ މުސްތަގުބަލަށް. ޒުވާން ކުޅުންތެރިންނަށް މަސައްކަތްކުރަން ޖެހޭނީ،" ކޫޕްމަން ބުންޏެވެ.

އޭނާ ބުނީ މިއީ އެއްވެސް މީހަކު ބޮލުގައި ކަންކަމުގެ އިލްޒާމެއް އެޅުވޭނެ ވަގުތެއް ނޫން ކަމަށެވެ. މެޗު ރަނގަޅަށް ދިރާސާކުރާ ބަޔަކަށް ރާއްޖެ ބޯޅަ ކުޅެން މަސައްކަތްކުރާ މަންޒަރު ފެންނާނެ ކަމަށް ކޫޕްމަން ބުންޏެވެ.

ވަސީލަތްތައް ކުރިއަރުވަން ޖެހޭ، ފުޓްބޯޅަ ދަނޑު ވަރަށް މަދު: ކޫޕްމަން

ފަހަކަށް އައިސް ޗައިނާ ފުޓްބޯޅަ އަށް ބަލާއިރު ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ބިދޭސީ ކުޅުންތެރިންނާ ގުޅިގެން (ރަށްވެހިކަން ދޭ ކުޅުންތެރިންނާ އެކު) ޗައިނާ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށްދާ ކަމަށް ކޫޕްމަން ވަނީ ބުނެފަ އެވެ.

"ޗައިނާ ކޯޗު (ލީ ޓައި) ވަރަށް ރަނގަޅަށް ކުރި ބަދަލުތަކެއް ފެނުނު މި މެޗުން. އަހަރެން އޭނައާ މެދު އުފާކުރަން. އަހަރެން ޗައިނާގައި ދެ އަހަރު މަސައްކަތް ކުރިއިރު ވެސް އޭނައާ ބައްދަލުވި،" ގުއަންޒޫ ސިޓީ އަށް ދެ އަހަރު ކޯޗުކޮށްދިން ކޫޕްމަން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މަދުވަނީ ކޮން ކަންކަމެއްތޯ ޗައިނާ ނޫސްވެރިއަކު ސުވާލުކުރުމުން ކޫޕްމަން ބުނީ މިއީ ވަރަށް ފުޅާކޮށް ދެއްކިދާނެ ވާހަކައެއް ކަމަށެވެ. އެންމެ ބޮޑު ކަމަކަަށް ކޫޕްމަން ފާހަގަކުރީ ފެންވަރު ރަނގަޅު ވަސީލަތްތަކެއް މަދުވުމެވެ.

"ރާއްޖޭގައި ނެތް މާ ބައިވަރު ފެސިލިޓީއެއް. މާ ގިނަ ކްލަބެއް ވެސް ނެތް ވަރުގަދަކޮށް. މާ ގިނަ ދަނޑެއް ވެސް ނެތް. ކްލަބްތަކުން ޓްރެއިން ކުރަން ޖެހެނީ އެއް ދަނޑެއްގައި ދެ ޓީމު. އެއީ ކޮންމެ ޓީމެއް ކުރަނީ ހާފެއްގައި. އެހެން ބަލާއިރު ވެސް ކްލަބްތަކުގެ ފައުންޑޭޝަން މި އޮތީ ރަނގަޅު ލެވަލެއްގައެއް ނޫން. ދެން އެ ގޮތަށް ކުޅުންތެރިން ގައުމީ ޓީމަށް އައީމަ ފެންނަނީ މުޅިން އާ ކަންތައްތަކެއް،" ކޫޕްމަން ކިޔައިިދިނެވެ.

ކޫޕަމަންގެ ނަޒަރުގައި ހުރިހާ މައްސަލަތަކަށް ފުރަތަމަ ގެންނަން ޖެހޭ ހައްލަކީ ދަނޑު އިތުރުކުރުން ކަމަށެވެ.

"އަހަންނަށް އެނގޭ ފެޑެރޭޝަނުން (އެފްއޭއެމް) އިން ކުރެވެން ހުރި ހުރިހާ ކަމެއް އެބަކުރާކަން ދަނޑު އިތުރު ކުރަން. އެބައޮތް ސްޓެޓީޖިކް ޕްލޭނެއް. އެ މީހުން ހުރިހާ ކަމެއް އެބަކުރޭ މިކަން ފުޅާކުރަން،" ގައުމީ ޓީމާ އެކު މިދިޔަ ޖެނުއަރީ މަހު އިތުރު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ކޫޕްމަން ބުންޏެވެ.

"ހުރި އެއްޗެއް ނޫނީ ލިބޭ ފުރުސަތުތަކެއްގެ ބޭނުންކުރަން ޖެހޭ. އެހެންވެ އަހަރެން ބޭނުންވޭ ގިނަ ޓްރެއިނިން ކޭމްޕްތައް މިތަނުގައި (ޔޫއޭއީގައި) ނޫނީ އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދަން. އެއީ (މިހާރު) އެ ގޮތަށް އަހަރެމެންނަށް ދަސްކުރެވޭނީ. މި ދިމާވާ ހާލަތްތަކަށް ހޭނެން،"

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.