Advertisement

ބްރެޒިލް ސުޕްރީމް ކޯޓުން ނިންމީ ކޮޕަ އެމެރިކާ ބޭއްވޭނެ ކަމަށް

11 ޖޫން 2021 - 20:57 0

2019 ވަނަ އަހަރު ބްރެޒިލްގެ ކީޕަރު އެލިސަން ކޮޕަ އެމެރިކާ ތަށި ހިފައިގެން.


ބްރެޒިލް ސުޕްރީމް ކޯޓުން ނިންމީ ކޮޕަ އެމެރިކާ ބޭއްވޭނެ ކަމަށް

11 ޖޫން 2021 - 20:57 0

ރިއޯ ޑި ޖަނެއިރޯ (ޖޫން 11) - ކޮވިޑް-19ގެ ހާލަތު ބްރެޒިލްގައި ގޯސްވެފައިވީ ނަމަވެސް އަންނަ އާދިއްތަ ދުވަހު އެ ގައުމުގައި ފަށަން ތާވަލުކޮށްފައިވާ ކޮޕަ އެމެރިކާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބްރެޒިލް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

އާންމުންނާއި ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް ކޮޕާ އެމެރިކާއާ ދެކޮޅަށް އަޑުއުފުލާތީ ބްރެޒިލްގެ ސުޕްރީމް ކޯޓަށް ދެ ފަރާތަކުން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުން އިއްޔެ ބޭއްވި އިމަޖެންސީ ބައްދަލުވުންތަކަށް ފަހު ކަނޑައެޅީ މުބާރާތް ހުއްޓުވޭނެ ގޮތެއް ފެންނަން ނެތް ކަމަށާއި ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށްގެންދެވޭނެ ކަމަށެވެ.

މިއާ އެކު އަންނަ އާދިއްތަ ދުވަހު ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށް ގެންދެވޭނެ އެވެ. ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެޒިލް ސުޕްރީމް ކޯޓުން މުބާރާތް ކުރިއަށްގެންދަން ހުއްދަދިނީ މުބާރާތުގެ ސްޕޮންސަރުންގެ ޕްރެޝަރާ ހެދި އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ފުރުސަތު ލިބިފައި އޮތް އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން މި މަހުގެ ކުރީކޮޅުގައި ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކުރި އެވެ. އަދި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެ ނިންމުން ދިފާއުކުރައްވައި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ކޮޕަ އެމެރިކާ ބޭއްވުމާ މެދު ބްރެޒިލް ކުޅުންތެރިންގެ މެޖޯރިޓީ ހިތްހަމަނުޖެހެ އެވެ. ޝުއޫރު ފާޅުކޮށް ބްރެޒިލްގެ ކުޅުންތެރިން އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވަނީ ކޮޕަ އެމެރިކާ ހޯސްޓްކުރަން ބްރެޒިލް ސަރުކާރުން ނިންމިއިރު، މީގެ އާންމުން ދެކޭގޮތާއި ކުޅުންތެެރިންގެ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވާފައިނުވަނީ ކީއްވެތޯ ކުޅުންތެރިން ވަނީ ސުވާލުކޮށްފަ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ބްރެޒިލް އިން 475،000 މީހުން ވަނީ މަރުވެފަ އެވެ. އަދި މި މަހު ކޮވިޑްގެ އިތުރު ރާޅެއްގެ އިންޒާރު ބްރެޒިލްގެ ސިއްހީ މާހިރުން ވަނީ ދީފަ އެވެ.

ބްރެޒިލުން ވަނީ 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އާދިއްތަ ދުވަހު މި ފަހަރުގެ ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. ދެން އެ ގްރޫޕްގައި އޮތީ ކޮލަމްބިއާ އާއި އެކުއެޑޯ އަދި ޕެރޫ އެވެ. އަނެއް ގްރޫޕްގައި އޮތީ އާޖެންޓީނާ، ބޮލިވިއާ، އުރުގުއޭ، ޗިލީ އަދި ޕެރަގުއޭ އެވެ.

ކުރިން ފަހަރުތަކުގައި ކޮޕަ އެމެރިކާގައި ކުޅެން އެހެން ބައްރުތަކުގެ ދެ ޓީމަކަށް ޖާގަދެ އެވެ. މި ފަހަރު ފުރުސަތު ދިން އޮސްޓްރޭލިއާ އާއި ގަތަރަށް ބައިވެރިނުވެވުނީ އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މިހާރު ކުރިއަށްދާތީ އެވެ.