Advertisement

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން ކޮމެޓީއެއް ނަގައިފި

11 ޖޫން 2021 - 01:26 4

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ގާތުން ބަލަން ކޮމެޓީއެއް މިރޭ ވަނީ ނަގައިފައި-- ފޮޓޯ: އެމްޑީޕީ


ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން ކޮމެޓީއެއް ނަގައިފި

11 ޖޫން 2021 - 01:26 4

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ ކަންކަން ހިނގައިދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ނަމުގައި ކޮމިޓީއެއް އުފައްދަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އޮންލައިންކޮށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ތާއީދު ކުރެއްވީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމެވެ.

ކޮމެޓީ ހެދުމަށް ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ މެމްބަރެއްވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ރައީސްގެ އެދިލެއްވުމުގެ މަތިން ފަހުން ވަނީ ރައީސްގެ މެމްބަރު އުނިކޮށް ކޮމެޓީއަށް މެމްބަރުން ކަނއަޅައިފަ އެވެ.

ކޮމެޓީގައި ހިމެނޭ މެމްބަރުން

  • ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރެއް
  • ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
  • ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

ގައުމީ މަޖިލީހުން އިގުރާރުވީ، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ތަހުގީގުތަކާ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ގާތުން ބަލައި ފާރަވެރިވުމަށެވެ.

އެ ގަރާރު ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާއިރު ވޯޓުގައި ބައިވެރިނުވާ އަށް މެމްބަރުން ތިއްބެވި އެވެ.

އެ ކޮމެޓީގެ މަސައްކަތްތައް ހާމަ ކުރުމަށް ކޮންމެ ހަފްތާއަކު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުޑަހުވަދޫ ދާއިރާގެ ރައީސް ސާތިރު އަބްދުލް ރަހުމާން ހުށަހެޅުން ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.

އެ އިސްލާހު ފާސްކުރުމާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮމެޓީން މައުލޫމާތު ދޭން ބޭނުން ވެގެން ގައުމީ މަޖިލިސް ބާއްވަން އެދޭ ކޮންމެ ފަހަރަކު ޖަލްސާ ބާއްވައި ދޭނެ ކަމަށެވެ.

ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި

މިރޭ 9:00 ޖެހިއިރު ފެށި ގައުމީ މަޖިލިސް ނިމުނީ 12:30 ކަންހާއިރު އެވެ. އެ ޖަލްސާގައި 111 މެމްބަރުން ބައިވެރިވިއިރު އޭގެ ތެރެއިން 47 މެމްބަރުން ވާހަކަ ދެއްކެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ އަނިޔާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ނަޝީދުގެ ފުރާނަ ސަލާމަތްވީ ﷲގެ ކުޅަދުންވަންތަކަންކަމުންކަން ހަނދާންކޮށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ނަޝީދަށް އިންސާފު ހޯދައި ދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: މަޖިލިސް


ނަޝީދަކީ އެންމެނަށް ޓަކައި މުޅި ހަޔާތް މަސައްކަތް ކުރި އަދި މަސައްކަތް ކުރާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގައި ފަހަތަކަށް ޖެހެވޭކަށް ނޯންނާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"މި ޕާޓީ މީހަކު ވިއްޔާ ނަޝީދުގެ އިންސާފަށްޓަކައި ވަކާލާތު ކުރާނެ. މިއީ ހަމައެކަމި ރައީސް ނަޝީދަށް ދިން ގެއްލުމެއް ނޫން. މުޅި ގައުމުގެ ސަލާމަތާ ގުޅުން ހުރި ކަމެއް. ނަޝީދަށް އިންސާފު ލިބެން ދެން މި ޕާޓީން ދުލެއް ނުދޭނެ،" އީވާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާގެ ބޮޑުމިނާއި ސީރިއަސް ކަމަށް ބަލާއިރު ދައުލަތުގެ ރިއެކްޝަން އެއާ ގާތްކުރާ މިންވަރަށް ވެސް ނުފެންނަ ކަމަށެވެ.

"ދައުލަތުގެ އެންމެ އިސް އެއް ވެރިޔާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވަނިކޮށް މިދެންނެވި މިހާ ކުޑަ މިންވަރެއްގެ ރިއެކްޝަންއެއް ފެންނަ، ފެނުނު ގައުމެއް އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑުގެ އުމުރުގައި ވެސް ނުދެކެން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އެކަށީގެންވާ ވަރާ ގާތަށް ވެސް ހަމަލާގެ ފަހުން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ހަރުކަށި އަމަލުތައް ހިންގާ މީހުންނަށް ހިތްވަރު ލިބޭތަން ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުކުރެވިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ނަޝީދު ހުށަހަޅުއްވާފައި ވަނިކޮށް އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އިންތި ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

"މި ޕާޓީގެ މެމްބަރުން އެތަނުގައި ތިއްބަވައިގެން އެކަން ކުރީ. އަޅުގަނޑު ބަލައެއް ނުގަންނަން. އަޅުގަނޑު އިންތިހާއަށް މިކަން ކުށްވެރި ކުރަން. އަޅުގަނޑު ލަދުގަނޭ އަޅުގަނޑު އެއް ޓީމެއްގެ އެއް ބައެއްގެ ގޮތުގައި އެއް ސިފައެއް ޖައްސައިގެން ތިބެން އަޅުގަނޑު ލަދު ގަނޭ،" އިންތި ވިދާޅުވި އެވެ.

ސްލޫކީ ކޮމެޓީން ޒަމީލްގެ މައްސަލަ ނުބަލަން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވިއިރު، އެ ހުށަހެޅުން ފާސް ކުރީ އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު އެވެ. އެއީ، ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.

ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ތަހުގީގެއްގެ މައުލޫމާތު ހާމަ ކުރެވޭނީ ވަކި މިންވަރަކަށް ކަމަށާއި އެ މިންވަރަށް ފުލުހުން މައުލޫމާތު ހާމަ ކުރަމުން އަންނަ ކަމަށެވެ. އަދި 241 ކޮމެޓީގެ މެމްބަރުންނަށް އިތުރު މައުލޫމާތު ވެސް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 241 ކޮމެޓީން ބަލަމުން އަންނަ އިންކުއަރީގެ ރިޕޯޓުން ސާފުކޮށް މައުލޫމާތުތައް އެނގޭނެ ކަމަށާއި މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ނިންމާނެ ކަމަށެވެ.

ތަހުގީގީ އިދާރާއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އަސްލަމް ވަނީ ހުރިހާ މެމްބަރުންގެ ފަރާތުން އެދިފަ އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ ދިރިއުޅުއްވާ ކެނެރީގެއިން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައިވެ އެވެ. އެއީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން އެ އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.