Advertisement

އަތޮޅުތެރެއަށް 96 އެމްބިއުލާންސް ގެންނަނީ

10 ޖޫން 2021 - 17:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްބިއުލާސް ގެނައުމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން: އެންމެ މަދުވެގެން 180 ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ހަވާލުކުރަންޖެހޭ --- ފޮޓޯ: އެސްޓީއޯ


އަތޮޅުތެރެއަށް 96 އެމްބިއުލާންސް ގެންނަނީ

10 ޖޫން 2021 - 17:45 0

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު މިނިސްޓްރީ އޮފް ހެލްތުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިއުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް އެ ރަސްމިއްޔާތުގައި ނަސީމް ވިދާޅުވި އެވެ.

"އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ހިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ،" ނަސީމް ވިދާޅުވި އެވެ.

އެސްޓީއޯގައި ބޭއްވި އެ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރެވެ.

އެއްބަސްވުމުގައިވާ ގޮތުން މަދުވެގެން 180 ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއަށް ހަވާލުކުރަން ޖެހެ އެވެ.

އެމްބިއުލާން ރަށްރަށް ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު، މި ފަހުން ވަނީ އެމްބިއުލާސްގެ މައްސަލަތަކެއް ދިމާވެ، ހާދިސާތަކެއް ހިނގާފައެވެ.

އެގޮތުން މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި 10 އަހަރުގެ ކުއްޖަކު، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން މަރުވި ކަމަށް ބުނާ ހާދިސާއަކާއި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު އެމްބިއުލާންސް ތެރެއަށް މަރުވި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.