Advertisement

ބިގޭގެ ރައްދު: "ތުތިމަހަށް ކޮށައި ކާޅަށް ދިނަސް ހައްގު ބަސް ބުނާނަން"

10 ޖޫން 2021 - 17:54 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ބިގޭ: ކާޅަށް ދިނަސް، ހައްގު ބަސް ބުނުމުގައި ފަސް ނުޖެހޭނެ ކަމަށް ބުނެ ރައްދު ދެއްވި


ބިގޭގެ ރައްދު: "ތުތިމަހަށް ކޮށައި ކާޅަށް ދިނަސް ހައްގު ބަސް ބުނާނަން"

10 ޖޫން 2021 - 17:54 0

"ތުތި މަހަށް ކޮށައި ކާޅަށް ކާން ދިނަސް" ހައްގު ބަސް ބުނުމުގައި ފަސް ނުޖެހޭނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ތުތިމަހަކީ ހަތަރެސްކަނަށްވުރެން ކަންކުތިކޮށް ދިގުކޮށް، އަނެއް ދެކަން ކުރުކޮށް ހުންނައިރު ހުންނަގޮތެވެ. ތުތިމަހަށްކޮށުމަކީ، ތުތިމަސްވާގޮތަށް ކަންކުއްޗަށް ކޮށުމެވެ.

ބިގޭ މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އިންކުއަރީ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާއިރު އެއަަށް ހުރަސް އަޅަން ބިގޭ މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އެ ތުހުމަތު އީވާ ކުރެއްވީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ހޫނުވުމާއެކު އެވެ. ޒަމީލު ސިޓީއެއް ފޮނުވި މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް ނަޝީދު އެދިވަޑައިގަތުމަށް ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުން، ސިއްރު ބައްދަލުވުމެއް ބާއްވައި އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާއެކު ބޭރުކޮށްލި އެވެ.

އެ ރޭ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕްގައި އީވާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެންބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ.

އީވާގެ އެ މެސެޖުތައް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު، އާންމު މެންބަރުންގެ ފާޑުކިޔުންތައް ވެސް ބިގޭއަށް ވަރަށް ބޮޑަށް ލިބުނެވެ. އޭނާ އިންތިހާބުވެފައިވަނީ ނަޝީދުގެ ފޮޓޯ ބޭނުންކޮށްގެން ކަމާއި ނަމަވެސް، މިހާރު އެކަން ހަނދާން ނެތިފައިވާ ކަމަށް ބުނެ ރައީސް ނަޝީދުގެ އާއިލީ މީހުން ވެސް ބިގޭއަށް ފާޑުކިޔެ އެވެ.

"ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރައި އަބުރު ކަތިލަމުން ދިޔުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް،" މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖު ފައްޓަވަމުން އޭނާ ލިޔުއްވާފައިވެ އެވެ.

މެސެޖުގައި ބިގޭ ވިދާޅުވި ގޮތުގައި އޭނާއަކީ ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ މީހެއްކަން މާޒީގައި ދެއްކި ފަދައިން އުމުރުގެ ބާކީ އޮތް ތަނުގައި ވެސް ސާބިތުކަމާއެކު ދައްކާނެ އެވެ. އޭނާއަކީ އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބި މުޅި ގައުމަށްޓަކައި ޖާނާއި މާލުން ގުރުބާންވީ މީހެއް ކަމަށެވެ.

"ތުތި މަހަށް ކޮށައި ކާލަށް ކާން ދިނަސް، ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން، މާތްﷲ ހައްގަށް ނަސްރު ދެއްވައި އަޅުގަނޑަށް ރައްކާތެރިކަން ދެއްވާނެ،" ބިގޭ ވިދާޅުވި އެވެ.

ބިގޭ އިތުރަށް ވިދާޅުވި ގޮތުގައި، އޭނާއަކީ އަބުރުވެރިކަމާއެކު ހަލާލު މަސައްކަތުން ލިބޭ މިންވަރުން، އަނބި ދަރިންނާއެކު އުފަލުގައި ދިރިއުޅޭ މީހެއް ކަމާއި އޭނާގެ އަބުރު ކަތިލައި، ބަޔަކު ހިތުހުރި ގޮތެއް ހަދާ ތަން ބަލަން ބީރު ކަންފަތް ދީގެން، އެއްޗެއް ނުބުނެ ހުންނަން އުނދަގޫ ކަމަށެވެ.

"ބައްޕަ ކިޔާ ދަރިފުޅާ، އާއިލާ އަދި ހެޔޮ އެދޭ އެކުވެރިންނަށް ހިތްދަތިކަން ލިބެން ފެށީމަ އަޅުގަނޑުގެ ދިފާއުގައި ތާއަބަދަށް ނުހުންނާނެ،" ރުޅިވެރި އިމޯޖީއާއެކު ބިގޭގެ މެސެޖު ނިންމާލެއްވި އެވެ.

"ސިޔާސީ ހަލަބޮލިވާންވީ ވަގުތެއް ނޫން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިއަނު ބިގޭއަށް އަމާޒުވި ފާޑުކިޔުންތަކާއި އޭނާ އާއި ސަރުކާރާ ގުޅުވައި ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސްއާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ހަލަބޮލިކަމަކަށް ދާންވީ ވަގުތު ނޫން ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް މި ގައުމު ސަލާމަތް ކުރުމަށް، ސަރުކާރާއި މަޖިލީހާއި އެކީގައި މަސައްކަތް ކޮށްގެން ގައުމު ވެއްޓިފައި މިއޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ވަރަށް ބައިވަރު މަސައްކަތް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ އެކަމުން އަމާޒު ހިފައިގެން ހުރިހާ ބޭފުޅުން ކުރިއަށް ވަޑައިގެންނެވުން،"

ރައީސް ސޯލިހު ވަނީ އެމަނިކުފާނު، މަޖިލީހުގެ އިންކުއަރީއަށް ހުރަސް އަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އިންކުއަރީ އެންމެ ފުރިހަމައަށް ގެންދިއުމަށް ސަރުކާރުން ވެސް އެދޭ ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހުރަސް ނާޅާނެކަން، އެހެން އަދި ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އިންކުއަރީއާ ގުޅޭ ގޮތުން ޒަމީލުގެ މައްސަލަ ބަލައި، ތުހުމަތުތަކެއް އަމާޒުވުމުން 241 ކޮމިޓީގެ މުގައްރިއްރު މުހައްމަދު އަސްލަމް ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެގޮތުން، ކޮމިޓީގެ އިންކުއަރީއާ ގުޅިގެން ޒަމީލުގެ މައްސަލަ ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި، ސަރުކާރާއި ރައީސް ސޯލިހު ވެސް އިންކުއަރީއަށް ހުރަސް އަޅަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ސިފައިންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އަސްލަމް ވިދާޅުވެފައިވެ އެވެ.