Advertisement

އެމްބިއުލާންސްގެ ހިދުމަތް ދޭން ސިފައިން ނުކުމެއްޖެ

10 ޖޫން 2021 - 17:08 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އައިޖީއެމްއެޗްގެ އެމްބިއުލާންސްއެއް: އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ސިފައިން ވަނީ ނިކުމެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


އެމްބިއުލާންސްގެ ހިދުމަތް ދޭން ސިފައިން ނުކުމެއްޖެ

10 ޖޫން 2021 - 17:08 2

އެމްއެންޑީއެފާއި ހެލްތު މިނިސްޓްރީ ގުޅިގެން އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި މިއަދު ފަށައިފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ހިދުމަތް ފެށީ އެމްބިއުލާންސްގެ ހިދުމަތަކީ ވަކިން ދެވޭ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.

މި ދުވަސްވަރު ފޯކަސް ކުރާނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ 100 ނަމްބަރާ އެވެ.

"ހިދުމަތް ބޭނުން ކުރަން ވާނީ އެމަޖެންސީ ހިދުމަތްތަކަށް އެކަނި. އެހެން މޫވްމަންޓް ހިދުމަތްތައް ހޯދުމުގައި އިތުރު ގޮތްތައް މިވަގުތު އެބަ ހުރޭ،" މަބްރޫކް ވިދާޅުވި އެވެ.

"އެގޮތުން 1676 މި ފޯން ނަންބަރު ބޭނުން ކޮށްގެން މެޑިކަލް އެހީތެރިކަން ހޯދުން. ހޮސްޕިޓަލްތަކުން ދެމުންދާ އޮންލައިން ކޮންސަލްޓޭޝަން މިފަދަ އެކިއެކި ގޮތްގޮތަށް ފަރުވާ ލިބެން ހުރޭ."

އެމްބިއުލާންސްގެ ހިދުމަތް މި ފުޅާ ކުރީ ކޮވިޑުގައި 10 އަހަރުގެ ކުއްޖަކަށް ފަރުވާ ދިނުން ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައި ވަނިކޮށެވެ.

ކޮވިޑްގައި ރާއްޖޭން މަރުވި ހަމައެކަނި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ބޮޑުވެގެން ގުޅުމުން އެމްބިޔުލަންސް ނުފޮނުވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވި އެވެ.

މިޝްކާގެ މަރާ ގުޅިގެން ކުއްލި ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުންތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާއިރު ހިދުމަތްތައް ރަނގަޅު ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.