Advertisement

އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ޗަމްޕީ އިންތިހާބުކޮށްފި

10 ޖޫން 2021 - 16:51 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ޗަމްޕީ އިންތިހާބުކޮށްފި

10 ޖޫން 2021 - 16:51 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.

މިއަދު ބޭއްވި އިންތިހާބު ޗަމްޕީ ކާމިޔާބު ކުރެއްވީ 18 މެމްބަރު އެސޯސިއޭޝަނުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިއްޔެ ނަން ނަންގަވައިފަ އެވެ.

ޗަމްޕީ ވަނީ ސްވިމިންގެ އިންތިހާބު ކާމިޔާބުކޮށް މިދިޔަ އަހަރު އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަަކަށް އިންތިހާބުވެފަ އެވެ. އަދި އޭނާ އަކީ އެންމެ ފަހުން އޮތް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސްމެ އެވެ. ރާއްޖޭގެ ސްވިމިން އިން ބައިނަލްއަގުވާމީ ގޮތުން ފުރުސަތުތައް އިތުރުކޮށްދޭން ޗަމްޕީ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ.

އެންމެ ފަހުން ދެ ދައުރުގައި އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަވީދު މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަ އެވެ. ޗަމްޕީ އަކީ އޮލިމްޕިކް ކޮމިޓީގެ ތިން ވަނަ ރައީސް އެވެ. މީގެ ކުރިން ޝަވީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވީ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކެއްގައި މަސައްކަތްކުރެއްވި އިބްރާހިމް އިސްމާއިލް އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި އަހުމަދު އިސްމާއިލް (ކ) އާއި މުހައްމަދު ތޮލާލް.


އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އެވެ. ތޮލާލް އަށް 15 ވޯޓު ލިބުނުއިރު، އަހުމަދަށް ވަނީ 14 ވޯޓު ލިބިފަ އެވެ. ދެން ވާދަކުރެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އަށް ލިބުނީ ހަ ވޯޓެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވަން ނިންމެވި ނަމަވެސް އައްޔަ އާއި މޫސަ ވަނީ އިންތިހާބުގެ ކުރިން ނަން ނަންގަވައިފަ އެވެ.

ކޮމިޓީގެ ބާކީ މަގާމުތަކަށް ބަލާއިރު ހިމެނެނީ އޮލިމްޕިކް ކުޅިވަރުތަކުގެ ހަ ސްލޮޓަށް އިންތިހާބުވީ ބެޑްމިންޓަން އެސޯސިއޭޝަނާއި ބާސްކެޓް އެސޯސިއޭޝަނާއި ސާފިން އެސޯސިއޭޝަނާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އެވެ. މި ފަހަރު އެފްއޭއެމަށް މީގެއިން ސްލޮޓެއްގެ ފުރުސަތެއް ނެތެވެ.

ނޮން އޮލިމްޕިކް ކުޅިވަރުތަކުގެ ސްލޮޓު ކާމިޔާބުކުރެއްވީ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނާއި ނެޓްބޯލް އެސޯސިއޭޝަން އެވެ. އިތުރުން އަންހެން ދެ މެމްބަރުންގެ ސްލޮޓެވެ.

ހެންވޭރު ބޯޅަ ގޭގައި މިއަދު މެންދުރު ފަހު ކުރިއަށްދިޔަ އިންތިހާބު ބޭއްވީ އޮލިމްޕިކް ކޮމިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހެދި ހާއްސަ ގައިޑްލައިންތަކުގެ ތެރެއިން ހުއްދަ ލިބިގެންނެވެ. ގައިޑްލައިނުގައިވާ ގޮތުން ވޯޓުލާ އެންމެން ޕީސީއާރް ޓެސްޓް ހެދުމަށް ފަހު އެހެނިހެން ސިއްހީ ސަލާމަތީ ކަންކަމަށް ސަމާލުކަންދޭން ވަނީ އަންގައިފަ އެވެ.