Advertisement

މަހްލޫފްގެ މެސެޖްތައް: އެސްއީޒެޑް ބިލްގައި އަމަލުކުރީ ވިޕަށް؟

10 ޖޫން 2021 - 20:35 3

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

މަހްލޫފް: އޭނާ ވިދާޅުވަނީ އެސްއީޒެޑް ބިލުގައި އޭނާ ވޯޓު ދިނީ ޕާޓީން ނެރުނު ވިޕްލައިނާ އެއްގޮތަށް ކަމަށް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


މަހްލޫފްގެ މެސެޖްތައް: އެސްއީޒެޑް ބިލްގައި އަމަލުކުރީ ވިޕަށް؟

10 ޖޫން 2021 - 20:35 3

"ޕީޖީ ވޯޓަށް މަހްލޫފަށް ފައިސާ ދިނިންތަ"؟

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުގެ މި ސުވާލަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވީ އާ އެނކޭ އެވެ. އޭރުގެ ސަރުކާރުގައި އެންމެ ބާރާއި ނުފޫޒު ގަދަ އަދީބު އަރިހުން، ޖުލައި، 7، 2014 ގައި ހުސެއިން ވަހީދު، އެ ސުވާލު އެއްސެވީ ބެލެވޭ ގޮތުގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މުހްތާޒް މުހްސިން އައްޔަންކުރަން މަޖިލީސް މެމްބަރުންގެ ތާއީދު ހޯދަމުން ދިޔަ ދުވަސްވަރެވެ.

މަހްލޫފަށް ފައިސާ ދިންކަމުގެ ޔަގީންކަން ދެއްވައި އޭނާ ޖުމްހޫރީ ޕާޓީއަށް ބަދަލުވާން ބޭނުންވިކަން ހުސެއިން ވަހީދު ގާތު އަދީބު ވިދާޅުވާކަން "އަދަދު"އަށް ލިބިފައިވާ މެސެޖްތަކެއްގައިވެ އެވެ.

ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ ފައިސާ އިން ހިންގި ބޮޑު ހިޔާނާތުގެ ލައްގަނޑެއް ޖެހިފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް އިއްޔެ ވަނީ ދައުވާކުރަން ފޮނުވައިފަ އެވެ.

ދިގުލައިގެން ގޮސްފައިވާ ހިޔާނާތް ތަހުގީގުކުރަން މި ވެރިކަމުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން އަދި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ފޮނުވީ ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ދައުވާ އުފުލައިދިނުމަށް އެދި އެވެ.

މަހްލޫފްގެ އެކައުންޓަށް އެސްއޯއެފްގެ ޗެކަކުން ޖަމާވެފައިވާ 33،000 ޑޮލަރު (508،806ރ.) އަކީ އޭނާ ވިދާޅުވަމުން ގެންދެވި ގޮތުގައި ޑޮލަރުގެ މުއާމަލާތެއް ހިންގެވި ފައިސާ އެވެ. އެކަމަކު ދައުވާކުރަން ފޮނުވައި އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހްލޫފް ޕީޕީއެމްގައި ދެމިހުރުމަށާއި ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން ވޯޓު ދިނުމުގެ މުގާބިލެއްގެ ގޮތުގައި އަދީބު ދިން ފައިސާކަން ތަހުގީގަށް އެނގެން އެބައޮތް ކަމަށެވެ.

އެކަން ސާފުވަނީ، އޭސީސީން ބުނެފައިވާ ގޮތުގައި، އެސްއީޒެޑް ބިލުގެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުންނެވެ.

"މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާ [33،000 ޑޮލަރަކީ] އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ،" -- އޭސީސީ

އެސްއީޒެޑް ބިލަށް މަހްލޫފް ވޯޓަށް ނުދީފާނެ ކަމުގެ ބިރު އޮތް!

ކުރީގެ ސަރުކާރުގައި އެސްއީޒެޑް ބިލް މަޖިލީހަށް ހުށަހަޅައި ޕްރޮމޯޓްކުރަމުން އައީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކޮށް، ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގެ ބިލެއްގެ ގޮތުގަ އެވެ. އެކަމަކު، ބިލް ހުށަހެޅި ހިސާބުން ވެސް އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ ހިމެނޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. ފާސްކުރަން ހެޔޮވާވަރުގެ ބިލެއް ނޫން ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އެ ބިލަށް 300 އިސްލާހު ހުށަހެޅި އެވެ.

އެ އިސްލާހުތަކާއި ދެކޮޅު ހެދުންތަކާ އެކު ބައެއް މެމްބަރުންގެ ވިސްނުން ބިލާ ދެކޮޅަށް އެނބުރިދާނެ ކަމުގެ ކަންބޮޑުވުން ޕީޕީއެމްގެ ތެރޭގައި އޮތެވެ. މި ކަންބޮޑުވުމުގެ ތެރޭގައި، މަހްލޫފާ ގުޅޭ ވާހަކަތަކެއް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޕީޕީއެމްގެ ގްރޫޕް ތެރޭގައި ދައްކަވައިފަ އެވެ.

އަދީބާ އެކު މެމްބަރުންގެ ދެއްކެވި ވާހަކަތަކުގައި, އެސްއީޒެޑްގެ ބިލް ފާސްކުރުމުގެ ވޯޓުގައި މަހްލޫފް ބައިވެރިވެވަޑައިނުގެންފާނެ ކަމުގެ ބިރު އޮތް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

"އެމްޕީ އަހްމަދު މަހްލޫފް މިއަދުގެ ވޯޓަށް ނާންނަ ގޮތަށް މެލޭޝިއާއަށް ފޮނުވާލީ އަޅުގަނޑު ކަމަށް އެމްޕީ އަލީ ސަލީމް އަޅުގަނޑާ ދިމާލަށް ވިދާޅުވީތީ ވަރަށް ބޮޑަށް ހިތާމަކުރަން. އަދި މިކަން ބައްލަވައި ދިނުން ޕީޖީލީޑަރުގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު އެދެން،" އަބްދުއްރަހީމް، އޮގަސްޓް، 27 ގައި ޕީޕީއެމްގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖުގައިވެ އެވެ.

މަހްލޫފާއި އަދީބާ ދެމެދު ބަދަލުކުރެވުނު ބައެއް މެސެޖްތައް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


އަދުރޭ އެ މެސެޖް ފޮނުއްވުމާ އެކު ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވެސް ވިދާޅުވީ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް އެ ތުހުމަތު އޭނާއަށް ވެސް ކުރެއްވި ކަމަށެވެ. ހިތްހަމަނުޖެހިވަޑައިގެން ދެން ވިދާޅުވީ އަލީ ސަލީމް އުޅުއްވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ފަސާދަ އުފައްދަންތޯ ނުވަތަ ކަމެއް އިސްލާހު ކުރައްވަންތޯ ސުވާލު އުފެދޭ ކަމަށެވެ.

އެއަށް ޖަވާބުދެއްވަމުން ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ "ހުރިހާ އެމްޕީން އެކުވެރިންގެ ގޮތުގައި ލައްވާފާނދޭވެ،" އެވެ.

މެމްބަރުންގެ ވާހަކަތައް މި ހިސާބަށް ދިއުމުން، މަހްލޫފް ޖަވާބު ދެއްވަން ފެއްޓެވި އެވެ.

އޭނާ ވިދާޅުވީ މެލޭޝިއާއަށް ފުރާވަޑައިގަތީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުއްދައާ އެކު މިއަދު (ޖުލައި 27ގައި) މާލެ ވަޑައިގަންނަވާ ގޮތަށް އަލީ ސަލީމްގެ ހާޒިރުގައި ކަމަށެވެ.

"އެކަމަށް އަލީ ސަލީމް ހެކިވާނެ. މިހާރު އަޅުގަނޑު މިހުރީ އެއާޕޯޓުގައި. މަސީހް އެގޮތަށް ހުއްދަ ދެއްވީ މާދަމާއަށް ވޯޓަށް އަންނާނެ ކަމަށް އޭރު ގަބޫލުކުރެވިގެން ކަމަށް އަޅުގަނޑު ދެކެނީ،" މަހްލޫފްގެ މެސެޖުގައިވެ އެވެ.

އަލީ އާރިފް ވެސް އަބްދުއްރަހީމް ވެސް އަޅުގަނޑު ފުރުވައެއް ނުލާ. އަދި އެސްއީޒެޑް ބިލަށް އަޅުގަނޑު ވޯޓު ނުދޭން ޖެހޭ ސަބަބެއް ނޫނީ ފިލަން ޖެހޭ ސަބަބެއް ނެތް. -- މަހްލޫފް

މި ޔަގީންކަން މަހްލޫފް ދެއްވާފައި އޮތް ނަމަވެސް އަނެއްކާވެސް އޭނާ ވޯޓުގައި ބައިވެރިވެވަޑައިނުގެންފާނެ ކަމުގެ ކަންބޮޑުވުން ގްރޫޕްގައި ފާޅުކުރެއްވީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ފޮނުއްވި މެސެޖްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "ވަރަށް ޗިޕު ޖަހާ ކަމަށާއި މަހޭއެއް ނާދޭ" ކަމަށެވެ.

އެސްއީޒެޑް ބިލް ފާސްވިޔަ ނުދޭން ގާސިމް ގެންދެވީ އޭރު މަސައްކަތް ކުރައްވަމުންނެވެ.

މަހްލޫފް މެލޭޝިއާ އިން ރާއްޖެ ވަޑައިގަތް ކަމުގެ ޔަގީންކަން ދެއްވީ ބިލް ފާސްކުރަން އޮތް ދުވަހުގެ 14:58 ގަ އެވެ. މިކަމަށް އިޝާރާތްކޮށް ތަހުގީގީ އިދާރާތަކުން ބުނެފައި ވަނީ، އޮގަސްޓް 27 ގައި މެލޭޝިއާ އިން މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމަށެވެ.

ވޯޓަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މަހްލޫފް ދެއްވުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މަހްލޫފަށް ޝުކުރު އަދާކޮށް މެސެޖެއް ކުރެއްވި އެވެ. އެއިރު ބައެއް މެމްބަރުން ތިއްބެވީ ވޯޓު ގަޑިއަށް މަހްލޫފް ލަސްވެދާނެތީ ކަންބޮޑުވެފަ އެވެ. އެކަމަކު އެ ގަޑިއަށް މަހްލޫފް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން މެމްބަރުން ޝުކުރު އަދާކުރި އެވެ.

ވޯޓު ނިމުމުން، މަހްލޫފް އަމަލުކުރެއްވި ގޮތަށް ޕީޖީ ލީޑަރު، ނިހާން ޝުކުރުއަދާކުރެއްވި އެވެ.

މަހޭ އެ ދެއްކި މިސާލަށް ޝުކުރު ދަންނަވަން. ތްރީލައިން ވިޕް އެޅީމަ ކޮންމެ މެމްބަރަކު ވެސް އަމަލުކުރަންވާނީ އެހެން. -- ނިހާން

ވޯޓުގައި މަހްލޫފް ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގެ ކަންބޮޑުވުންތަކަށް އޭނާ ޖަވާބު ދެއްވީ މަޖިލީހުގައި އިންނެވި ސެލްފީއަކުންނެވެ. ދެން އެއްސެވީ އޭނާ މެލޭޝިއާގައި ހުންނެވި ކަމަށް ވިދާޅުވީ ކާކުތޯ އެވެ.

ނިހާން ޖަވާބު ދެއްވަމުން ވިދާޅުވީ "ހުރިހާ ކުދިން ވެސް ގަދަ" ކަމަށެވެ.

ތުހުމަތުތަކަކީ ދޮގެއް، އަމަލުކުރީ ޒާތީކޮށް: މަހްލޫފް

އެސްއީޒެޑް ވޯޓަށް ފަހު އަދީބާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާ ގުޅުވުމުން އެ ފައިސާއަކީ ރިޝްވަތުގެ ފައިސާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ބުނެފައިވާ ވާހަކަ މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭސީސީން އެ އިޝާރާތްކުރި މެސެޖްތަކާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން މަހްލޫފް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު" ކަމަށެވެ. މަހްލޫފް ވަނީ، ކޮމިޝަނުން އޭނާގެ މައްޗަށް ކުރި ތުހުމަތުތަކުގައި ދެކެވަޑައިގަންނަވާ ގޮތް ސޯޝަލްމީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

"އެ މީހުންނަށް ނުވިސްނެނީ އަޅުގަނޑު މި އުޅެނީ މަގާމުގައި ބަގުޑިބައްދައިގެން ހުންނަން ނޫން ކަން،" މަހްލޫފް ވިދާޅުވި އެވެ.

"ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތުކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް. ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް."

އޭނާ ދެން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ދައުވާކުރުމުގެ ގާނޫނީ ބާރެއް އޭސީސީއަށް ލިބިގެން ނުވެ އެވެ. އޭނާގެ މައްސަލަ ވެސް ގާނޫނީ އިމުގެ ތެރެއިން ތަފާތު ނުކޮށް ބަލަން މަހްލޫފް އެދިވަޑައިގަތެވެ. އާއްމުކޮށްފައިވާ ލިސްޓުގައި، ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހު އެކުލަވާލި 300 މީހުންގެ ލިސްޓަކުން ވެސް ތިން އަހަރުވި އިރު ކޮމިޝަނަށް ފެނުނީ އޭނާގެ ނަންތޯ ސުވާލު އުފެއްދެވި އެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށް ވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ."

އޭސީސީގެ ތަހުގީގަށް ފަހު، ދައުވާކުރަން ފޮނުވާފައިވިޔަސް މަހްލޫފް ވިދާޅުވަމުން ގެންދަވަނީ އެސްއީޒެޑް ބިލަށް އޭނާ ވޯޓު ދެއްވީ ޕާޓީގެ ވިޕްލައިނަށް ކަމެވެ. އެކަމަކު ތަހުގީގީ އިދާރާތަކުން ބުނަނީ މަހްލޫފާ ދެކޮޅަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށެވެ.