Advertisement

ބެންޒެމާގެ އަނިޔާ ސީރިއަސް އެއް ނޫން: ޑެޝޯމްޕްސް

10 ޖޫން 2021 - 11:13 0

ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ (ކ) އާއި ޑެޝޯމްޕްސް.


ބެންޒެމާގެ އަނިޔާ ސީރިއަސް އެއް ނޫން: ޑެޝޯމްޕްސް

10 ޖޫން 2021 - 11:13 0

ޕެރިސް (ޖޫން 10) - އަންގާރަ ދުވަހުގެރޭ ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި މީޑިއާ އިން އެ ކަމުގެ ހަބަރުތައް ބޮޑު ކަމެއްގެ ގޮތުގައި ސިފަކުރާތީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެކަމާ ހިތްހަމަނުޖެހިއްޖެ އެވެ.

ފަސް އަހަރަށް ފަހު ދާދި ފަހުން ފްރާންސް ޓީމުން ފުރުސަތު ލިބުނު ބެންޒެމާގެ ކަކުލަށް އަނިޔާވީ ބަލްގޭރިއާ މެޗުގެ 37 ވަނަ މިނިޓްގަ އެެވެ. ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ބެންޒެމާ އަށް މި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މެޗެއް ގެއްލިދާނެ ކަމަށް ފުރަތަމަ ބެލެވުނެވެ. އެކަމަކު ފަހުން ހެދި ޓެސްޓްތަކުން އެނގުނީ އުމުރުން 33 އަހަރުގެ ބެންޒެމާގެ އަނިޔާ ސީރިއަސް ނޫން ކަމެވެ.

"އެއީ މާ ބޮޑު އަނިޔާއެއް ނޫން. ޓެސްޓްތަކުން ވެސް ރަނގަޅަށް ހުރީ. އަހަރެމެން އެބަޖެހޭ ބައެއް ކަންކަން ޔަގީންކުރަން އާންމުންނާ ހަމައަށް ދާއިރު. ބެންޒެމާގެ އަނިޔާގެ ވާހަކަ މީޑިއާގައި ބޮޑުކޮށް ދެއްކުން ރަނގަޅެއް ނޫން. ފުރަތަމަ މެޗުގައި އޭނާ އަށް ކުޅެވޭނެ،" ޑެޝޯމްޕްސް ބުންޏެވެ.

ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭނީ ޖަރުމަނާ އެކު އެވެ. އެ ގްރޫޕްގައި ދެން އޮތީ ހަންގޭރީ އާއި ޕޯޗުގަލް އެވެ.

ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން މި އަހަރު ޖެނުއަރީ މަހު ބަަލަން ފެށި އެވެ. އެކަމަކު ފަހުން އެ ވާހަކަ މީޑިއާގައި ނުދައްކަ އެވެ.

ބެންޒެމާ އަށް މި ފަހަރު ޔޫރޯ ސްކޮޑުން ފުރުސަތު ދޭން މި ނިންމިއިރު، އޭނާ އަކީ ޔޫރަޕްގައި މި ސީޒަނު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވާޑް އެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި ރެއާލަށް 45 މެޗުން 29 ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ފްރާންސަށް އެނބުރި އައި މެޗުގައި މިދިޔަ ހަފްތާގައި ވޭލްސްއާ ދެކޮޅަށް ބެންޒެމާ ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ.