Advertisement

މިޔަންމާގެ އަންގް ސަން ސޫ ކީ އާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

އަންގް ސަން ސޫ ކީ މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް


މިޔަންމާގެ އަންގް ސަން ސޫ ކީ އާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

މިދިޔަ ފެބްރުއަރީ މަހު ހިންގި އަސްކަރީ ބަގާވާތަށް ފަހު ހައްޔަރުކޮށްފައި ހުންނެވި މިޔަންމާގެ ލީޑަރު އަންގް ސަން ސޫ ކީ އާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދައުވާ އުފުލާފައިވަނީ ދޯ ހިން ކީ ފައުންޑޭޝަނާ ގުޅުން ހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު އެވެ.

"މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަން ހިންގި ކަމަށް ތަހުގީގަށް ސާބިތުވޭ. އެހެންވެ، ދައުވާ އުފުލާފައިވަނީ އެންޓި ކޮރަޕްޝަން ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން،" މިޔަންމާގެ ދައުލަތުން ކޮންޓްރޯލް ކުރާ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާ ނޫހުގައި ލިޔެފައި ވެ އެވެ.

ތަހުގީގުން ނިންމި ގޮތުގައި ސޫ ކީ ވަނީ ޔެންގޯ ސަރަހައްދުގެ ކުރީގެ ޗީފް މިނިސްޓަރު ދެއްވި 600،000 ޑޮލަރާއި ރަން ނަގާފަ އެވެ.

އޭގެ އިތުރުން ސޫ ކީ ޗެއާޕާސަންކަން ކުރައްވާ ދޯ ހިން ކީ ފައުންޑޭޝަނަށް ބިމާއި ގެތައް ހޯދައިދިނުމަށް ގާނޫނާ ހިލާފަށް އަމަލު ކުރެއްވި ކަމަށް ވެސް ނިންމާފައި ވެ އެވެ.

ސޫ ކީ ގެ އިތުރުން އެހެން ބައެއް އޮފިޝަލުންނަށް ވެސް ވަނީ ބިމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދައުވާ އުފުލާފަ އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހުގެ ބަގާވާތަށް ފަހު ސޫ ކީ އާއި ސަރުކާރުގެ ވެރިން ތިބީ ސިފައިންގެ ބަންދުގަ އެވެ. މިހާރު ވެރިޔަކަށް ހުންނެވީ ސިފައިންގެ ޗީފް މިް އޯންގް ލެއިންގް އެވެ.

ބަގާވާތާ ގުޅިގެން މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުން ދާއިރު، މިޔަންމާ ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ. މުޒާހަރާތަކާ ގުޅިގެން 850 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ކޮރަޕްޝަން ދައުވާ އިތުރުން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލު ކުރުމާއި ކޮވިޑްގެ ފިޔަވަޅުތަކާ ހިލާފަށް އުޅުމާއި، ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ދައުވާ ސޫ ކީ އާ ދެކޮޅަށް މީގެ ކުރިން އުފުލާފައި ވެ އެވެ.