Advertisement

އިންޑިއާ އެކަންޏެއް ނޫން، ޝާހިދުގެ ޓީމުގައި ހުރިހާ ސަރަހައްދެއް ތަމްސީލުވާނެ

10 ޖޫން 2021 - 10:43 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އދ. ގެ އާއްމު މަޖިލީހުގައި ޝާހިދާއެކު މަސައްކަތް ކުރަން އައްޔަނުކުރެއްވި ތިލްމީޒާ (ވ) އަދި ނާޖަރާޖް.


އިންޑިއާ އެކަންޏެއް ނޫން، ޝާހިދުގެ ޓީމުގައި ހުރިހާ ސަރަހައްދެއް ތަމްސީލުވާނެ

10 ޖޫން 2021 - 10:43 0

ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދާ އެކު މަސައްކަތް ކުރާނެ ޓީމު އެކުލަވާލައި ނިމޭއިރު، ދުނިޔޭގެ ގިނަ ސަރަހައްދުތަކެއް ހިމެނިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިހާބު ކުރީ ވަރަށް ތަނަވަސް އަގުލަބިއްޔަތާއެކު އެވެ.

އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާއްދަ ކުރައްވައި، އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގުނު ސިއްރު ވޯޓުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ތާއީދާ އެކު އެވެ.

ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

ސެޕްޓެމްބަރު މަހުގެ މެދު ތެރެއިން ފެށޭ އާއްމު މަޖިލީހުގެ އާ ދައުރާ އެކު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާއިރު، އޭނާއާއެކު މަސައްކަތް ކުރާނެ ޓީމު އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފައްޓަވައިފަ އެވެ.

އެގޮތުން، އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ޝާހިދު ވަނީ ރޭ ހަމަޖައްސަވައިފަ އެވެ.

މީގެ އިތުރުން ޝާހިދުގެ ޓީމުގައި އިސްކޮށް ހުންނަވާނެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާގެ ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

ނަގަރާޖް އަކީ މިވަގުތު އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބެވެ.

އިންޑިއާ ބޭފުޅަކު ޝާހިދުގެ ޓީމު ލީޑު ކުރަން އައްޔަނުކުރުމާއެކު ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.

އެއީ އާއްމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ގެންނަން އިންޑިއާއިން ކުރި ތާއީދުގެ ބަދަލެއްގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

އަދި އޭގެ ސަބަބުން އާއްމު މަޖިލީހުގެ ރިޔާސަތަށް އިންޑިއާއިން ނުފޫޒު ފޯރުވާނެކަމަށް ވެސް ދަނީ ބުނަމުންނެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު މިއަދު "އަދަދު"އަށް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ތަގުރީރުކުރައްވަމުން ވެސް އެކުގައި މަސައްކަތްކުރާ ޓީމު ވެގެންދާނީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމެއް ކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތައްވެސް ހިމެނޭނެކަމަށް ޝާހިދު ވިދާޅެފައިވާ ވާހަކަ މިއުވާން ފާހަގަކުރެއްވި އެވެ.

"ޓީމު އެކުލަވާލާ ނިމޭއިރު، ދުނިޔޭގެ ހުރިހާ ސަރަހައްދުތަކެއްހެން ތަމްސީލުވާ ގޮތަށް މަސައްކަތް ކުރެވެމުން އެ ގެންދަވަނީ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ހިނގަމުންދާ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރްގެ ޓީމުގައި އިސްކޮށް ހުންނެވީ އޮސްޓްރޭލިއާގެ ބޭފުޅެއް ކަމަށެވެ. ތުރުކީއަށް ނިސްބަތްވާ ބޮޒްކިރުގެ ޓީމުގައި ވެސް ގިނަ ގައުމުތަކެއް ތަމްސީލުކުރެވިފައިވާ ކަން މިއުވާން ފާހަގަކުރެއްވި އެވެ.

ބޮޒްކަންގެ ޓީމުގައި ވެސް އެކި ޑިޕާޓްމަންޓުތަކުގައި އޭޝިއާ، އެފްރިކާ، ޔޫރަޕު، އެމެރިކާ ފަދަ ސަރަހައްދުތަކުގެ ބޭފުޅުން ވެސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ބޮޒްކަންގެ ދައުރުގެ އިތުރުން އޭގެ ކުރިން އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅުން ވެސް ޓީމު އެކުލަވާލުމުގައި ދުނިޔޭގެ ގިނަ ސަރަހައްދުތަކެއް ތަމްސީލު ކުރުމަށް ވަނީ އިސްކަން ދީފަ އެވެ.