Advertisement

ދެކުނު ކޮރެއާގައި ބަހެއްގެ މައްޗަށް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

އިމާރާތް ވެއްޓެން ދިމާވި ސަބަބު އަދި ސާފެއް ނުވޭ.-- ފޮޓޯ: ރޮއިޓާޒް


ދެކުނު ކޮރެއާގައި ބަހެއްގެ މައްޗަށް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

ދެކުނު ކޮރެއާގައި ތަޅަމުން ދިޔަ ފަސް ބުރީގެ އިމާރާތެއް، ބަހެއްގެ މައްޗަށް ވެއްޓި ނުވަ މީހުން މަރުވެއްޖެ އެވެ.

ދެކުނު ގުވާންގްޖޫ ސިޓީގައި ހިނގި ހާދިސާގެ ސަބަބުން އިތުރު އަށް މީހަކަށް އަނިޔާވި އެވެ. ނޭޝަނަލް ފަޔާ އޭޖެންސީން ބުނީ ބަހުގައި 17 މީހުން ދަތުރު ކުރަމުން ދިޔަ ކަމަށެވެ.

އިމާރާތް ވެއްޓުނު ސަބަބު އަދި ސާފު ނުވާއިރު، އިމާރާތާއި ބަހުގެ ދަށުން އިތުރު މީހުން ފެނޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ފަޔާ އޮފިސަރު ކިމް ސޮކް ސުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ އިމާރާތް ވެއްޓުމުގެ ކުރިން އެ ތަނުގައި ތިބި ހުރިހާ މަސައްކަތު މީހުން ނުކުތް ކަމަށެވެ.

ބައެއް މަސައްކަތު މީހުން ފުލުހުންނަށް ބުނެފައި ވަނީ އިމާރާތް ވެއްޓުމުގެ ކުރިން އެ ތަނުގެ ކައިރީގައި މީހުން ހިނގަން އޮތް ސަރަހައްދު ވެސް ބަންދު ކުރި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތް ވެއްޓުނީ ސީދާ ބަސް މައްޗަށެވެ.

އިމާރާތް ވެއްޓުމުގެ އެންމެ ނުރައްކާތެރި އެއް ހާދިސާ ވެސް ހިނގާފައި ވަނީ ދެކުނު ކޮރެއާގަ އެވެ. އެގޮތުން ޖޫން 1995 ގައި ސޯލްގެ ސަމްޕޫންގް ޑިޕާޓްމަންޓް ސްޓޯރު ވެއްޓި 500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.