Advertisement

ފްރެންޗް އޯޕަން: ސެމީގައި ނަޑާލް އާއި ޖޮކޮވިޗް ގަދަހިފުމަކަށް

10 ޖޫން 2021 - 10:34 0

ނަޑާލާއި ޖޮކޮވިޗް މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގެ ތެރެއިން.-- ފޮޓޯ: އޭޓީޕީ


ފްރެންޗް އޯޕަން: ސެމީގައި ނަޑާލް އާއި ޖޮކޮވިޗް ގަދަހިފުމަކަށް

10 ޖޫން 2021 - 10:34 0

ޕެރިސް (ޖޫން 10) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ތަރި ރަފައެލް ނަޑާލާއި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ގަދަހިފުމަކަށް ދާން ޖެހިއްޖެ އެވެ.

މިިދިޔަ އަހަރުގެ ފައިނަލުގައި ނަޑާލް ވަނީ ޖޮކޮވިޗް ބަލިކޮށްފަ އެވެ. ނަޑާލް ވަނީ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދި ޖޮކޮވިޗް ފައިނަލުގައި ހަތަރު ފަހަރު ބަލިވެފައިވާއިރު، އޭގެ ތެރެއިން ތިން ފަހަރު ބަލިވީ ނަޑާލް އަތުންނެވެ.

ޖޮކޮވިޗް ސެމީން ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ރޭ އިޓަލީގެ މަޓެއޯ ބެރެޓީނީ އަތުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 6-3 6-2 6-7 (5-7) 7-5 އިންނެވެ. ރޭގެ މެޗު ފެށީ 5000 ސަޕޯޓަރުން ކުރިމަތީގަ އެވެ. އެކަމަކު މެޗުގެ މެދު ތެރެއިން ފްރާންސްގެ ކާފިއު ވަގުތު ފެށުމާ އެކީ ސަޕޯޓަރުން ސްޓޭޑިއަމުން ދާން ޖެހުނެވެ.

"އަހަންނަށް ސަޕޯޓަރުން ދިއުން އެހާ ބޮޑު ކަމަކަށް މި މެޗުގައި ނުވީ. ޕްރެޝަރު ކަނޑުވާލަން ހުސް ވަގުތުކޮޅެއް ލިބުނީމަ. އެކަމު ފައިނަލުގައި ސަޕޯޓަރުން މުހިއްމު ވާނެ،" ޖޮކޮވިޗް ބުންޏެވެ.

ނަޑާލް ސެމީ ފައިނަލުން ފުރުސަތު ހޯދީ ކުއާޓާގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން އަތުން މޮޅުވެގެންނެވެ. ފުރަތަމަ ފަހަރަށް މި ފަހަރުގެ ފްރެންޗް އޯޕަންގައި ނަޑާލް އަތުން ސެޓެއް ގެއްލުނު މި މެޗުގެ ސެޓުތައް ދިޔައީ 6-3 4-6 6-4 6-0 އިންނެވެ.

ނަޑާލް މި މުބާރާތުގައި މިދިޔަ 15 އަހަރު ތެރޭ ކުޅުނު 107 މެޗުގެ ތެރެއިން 105 މެޗުން ވަނީ މޮޅުވެފަ އެވެ.

"ތި ބުނާ ނަމްބަރުތައް ވަރަށް ފުރިހަމަ. އެކަަމަކު އެ އަށް ވިސްނާކަށް މިހާރު ވަގުތެއް ނެތް. ހިނގާ އަހަރެންގެ ކެރިއަރު ނިމުނީމަ ތި ވާހަކަތައް ދައްކާލަން. މި ވަގުތު އަހަރެންގެ ވިސްނުމަކީ ހަމަޖެހިލައިގެން އުފަލުން މެޗުތައް ކުޅެން. ބޭނުން ނުވާ ޕްރެޝަރެއްގައި އުޅެން ނެތިން،" އުމުރުން 35 އަހަރުގެ ނަޑާލް ބުންޏެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ނަޑާލާއި ރޮޖާ ފެޑެރާ އޮތީ އެއްވަރުވެފަ އެވެ. އެއީ ކޮންމެ ކުޅުންތެރިއަކު 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ވަނީ 18 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފެޑެރާ މުބާރާތުން ވަނީ ވަކިވެފަ އެވެ. އެއީ ހަތަރު ވަނަ ބުރުގެ ކުރިންނެވެ. ނަޑާލާއި ޖޮކޮވިޗް ކުޅޭ ސެމީން މޮޅުވާ ކުޅުންތެރިއަކަށް މި ފަހަރުގެ ފައިނަލުން މޮޅުވުމުގެ ފުުރުސަތު ބޮޑެވެ. ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.