10 ޖޫން 2021 - 10:52 0
ފާތިމަތު ސާޔާ އަހުމަދު
އައިއެސްއިން ބަޑި ޖެހުމުން އަނިޔާވި މީހަކަށް ފަރުވާ ދެނީ.-- ފޮޓޯ: އީޕީއޭ
10 ޖޫން 2021 - 10:52 0
އަފްގާނިސްތާނުގެ އުތުރު ބަގްލާން ޕްރޮވިންސްގެ ނުގޮވާ ހުރި މައިނުތައް ސާފުކުރަން މަސައްކަތް ކުރަމުން ދިޔަ 10 މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
އެ ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މަސައްކަތްތެރިން ތިބި ތަނަށް ވަދެގަނެ ވަދެގަނެ، އެ ތަނުގައި ތިބި ހަޒާރާ ދަރިކޮޅުގެ މީހުންނަކީ ކޮބައިތޯ ސާފުކޮށް، އެ މީހުންގެ ގަޔަށް ބަޑި ޖަހައިގެންނެވެ.
ހަޒާރާ ދަރިކޮޅުގެ މީހުންނަށް މީގެ ކުރިން ވެސް ހަމަލާތައް އަމާޒުވެފައި ވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ އެ މީހުންގެ ގިނަ މީހުންނަކީ ޝިއައީންނަށް ވާތީ އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އަފްގާން ސަރުކާރުން ތާލިބާނަށް ތުހުމަތު ކުރި ނަމަވެސް ތާލިބާނުން އެކަން ދޮގުކުރެ އެވެ.
އަފްގާން ސަރުކާރުން ތުހުމަތު ކުރި ގޮތާ ހިލާފަށް، ހަމަލާއަށް ފަހު ތާލިބާނުން ދިޔައީ އަނިޔާވި މީހުންނަށް އެހީވަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަރުވި މަސައްކަތްތެރިންނަކީ އިނގިރޭސި ވިލާތުގެ ހޭލޯ ޓްރަސްޓަށް މަސައްކަތް ކުރާ ބަޔެކެވެ. އެ ޓްރަސްޓަކީ ރަޝިއާ ސިފައިން ވަޅުލާފައި ހުރި މައިނުތައް ނަގައި ސާފު ކުރަން 1988 ގައި އުފެއްދި ޓްރަސްޓެކެވެ.
އައިއެސްއިން ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނީ ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ. އަފްގާނުން ބޭރުގެ ސިފައިން ފައިބާ މި ދަނޑިވަޅުގައި ހަމަނުޖެހުން ވަނީ އިތުރުވެފަ އެވެ.
ސެޕްޓެމްބަރު 11 ގެ ކުރިން ބޭރުގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިއުލާނު ކުރައްވާފަ އެވެ.
އަފްގާން ސަރުކާރާއެކު ސުލްހަ ގާއިމް ކުރަން ތާލިބާނުންނަށް ޕްރެޝަރް ކުރިމަތިވެ، ދާދި ފަހުން ވަނީ ބައްދަލުވުމެއް ބާއްވަފަ އެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ އުއްމީދު ކުޑަ އެވެ.
Comment