Advertisement

ރޮނާލްޑޯ އާއި ފެނާންޑޭސްގެ ގޯލުތަކުން ޗެމްޕިއަން ޕޯޗުގަލް އިން އިޒްރޭލް ބަލިކޮށްފި

10 ޖޫން 2021 - 09:12 0

ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ރޮނާލްޑޯ އެ ޓީމުގެ ކުުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.


ރޮނާލްޑޯ އާއި ފެނާންޑޭސްގެ ގޯލުތަކުން ޗެމްޕިއަން ޕޯޗުގަލް އިން އިޒްރޭލް ބަލިކޮށްފި

10 ޖޫން 2021 - 09:12 0

ލިޒްބަން (ޖޫން 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން މި ފަހަރުގެ މުބާރާތަށް ތައްޔާރުވާން ކުޅުނު ފަހު މެޗުން 4-0 އިން އިޒްރޭލް ބަލިކޮށްފި އެވެ.

ޔޫރޯ އަށް ތައްޔާރުވާން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ސްޕެއިންއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖެހީ ބްރޫނޯ ފެނާންޑޭސް ދެ ގޯލާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޔާއޯ ކަންސޭލޯ އެވެ.

މެޗު ފަށައިގެން ގޯލެއް ޖަހަން ރޮނާލްޑޯ އާއި ޑިއޯގޯ ޖޮޓާ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ދެ ގޯލު ޖެހި އެވެ. އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 42 ވަނަ މިނިޓްގައި ކަންސޭލޯ ދިން ބޯޅައަކުން ފެނާންޑޭސް އެވެ. އޭރިއާތެރެއިން ފެނާންޑޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ރޭގެ މެޗުގެ ތެރެއިން ފެނާންޑޭސް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް


އޭގެ ދެ މިނިޓް ފަހުން ފެނާންޑޭސް ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 104 އަށް އަރައިފަ އެވެ. އީރާންގެ ފޯވާޑް އަލީ ދާއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ އަށް މަދުވަނީ ފަސް ގޯލެވެ.

ޕޯޗުގަލް އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލު ކަންސޭލޯ ޖެހީ 86 ވަނަ މިނިޓްގަ އެވެ. އޭރިއާތެެރެއިން ކަންސޭލޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އިތުރު ވަގުތުގައި ފަހު ގޯލު ޖެހީ ފެނާންޑޭސް އެވެ. ފެނާންޑޭސް މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންކާލޯ ގުއޭޑޭޝް ދިން ބޯޅައަކުންނެވެ.

ޕޯޗުގަލް އިން ޔޫރޯގައި ކުޅޭ ފުރަތަަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.