Advertisement

އޭންޖީ: ދިވެހި ދަސްކުރަމުން އެހެން މީހުންނަށް ދަސްކޮށްދެނީ

10 ޖޫން 2021 - 12:06 4

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އޭންޖީ: ދިވެހި ދަސްކުރަމުން އެހެން މީހުންނަށް ދަސްކޮށްދެނީ

10 ޖޫން 2021 - 12:06 4

ދިވެހިންގެ ހިތްހެޔޮ ކަމާއި ކާނާ އާއި ފަސޭހަ ދިރިއުޅުމަށް ރާއްޖެއަށް އަންނަ އެތައް ބައެއްގެ ތައުރީފު އަބަދުވެސް ލިބެ އެވެ. އެކަމަކު މިފަހަރު މިއޮތީ ދިވެހި ބަސް އެނގެން ފެށި ހިސާބުން ބަހަށް ދެވުނު ހާއްސަ ލޯތްބާއެކު އެހެން މީހުންނަށް ވެސް ދިވެހި ދަސްކޮށްދޭން މަސައްކަތްކުރަމުން އަންނަ އިޓަލީގެ 22 އަހަރުގެ އެންޖެލިކާ (އޭންޖީ) ގެ ވާހަކަ އެވެ.

އޭންޖީ މަސައްކަތްކުރަނީ ރ އަތޮޅުގައި އޮންނަ ކުޑަފުށި ރިސޯޓުގެ ގެސްޓް ރިލޭޝަންސް ޓީމްގެ ޓީމް ލީޑަރުގެ ގޮތުގަ އެވެ. އޭނާ ރާއްޖެއަށް އައީ 2018 ވަނަ އަހަރު އޭ ލެވެލް ނިންމުމަށް ފަހު އެވެ. އެ އައި ގޮތަށް ރިސޯޓުގައި މަސައްކަތް ކުރަމުން ވަޒީފާގެ ކުރިއެރުން ލިބުނު އިރު ދިވެހި ރައްޓެހިން ލިބި ދިވެހި މާހައުލާއި ވަރަށް ބޮޑު ގުޅުމެއް އުފެދިފައިވާ ކަމަށް އޭންޖީ ބުންޏެވެ. އެހާ ހިސާބުން އޭނާ ބޭނުންވީ ދިވެހި ބަހުން ލިޔަން ކިޔަން ދަސްކުރުމަށެވެ.

"އަހަންނަކީ ތަފާތު ސަގާފަތްތަކާއި އާދަކާދަ އަދި ހާއްސަކޮށް ބަހަށް ލޯބިކުރާ މީހެއް. ރިސޯޓުން ވަޒީފާ ހޯދައިގެން މަސައްކަތަށް އައީ ވެސް ތަފާތު ސަގާފަތްތަކުގެ ތަފާތު މީހުންނާ ވާހަކަދައްކަން ލިބޭނެ ފުރުސަތަކަށް ވާނެތީ،" މިހާރު ވެސް ތަފާތު ހަތަރު ބަހަކުން ވާހަކަ ދައްކަން ދަންނަ އޭންޖީ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހާއްސަ ޝައުގުވެރިކަމަކާއެކު އޭންޖީ ދިވެހި ދަސްކުރަން ފެށީ އޭނާގެ ބައެއް ދިވެހި ރަހުމަތްތެރިގެ އެހީތެރިކަމާ އެކުގަ އެވެ. އެގޮތުން ތަފާތު ޑިކްޝަނަރީ ތަކާއި އޮންލައިންކޮށް ލިބެން ހުރި މައުލޫމާތެއް ވިއްޔާ ހުރިހާ އެއްޗެއް ހޯދި އެވެ. އެކަމަކު އެންމެ ފުރަތަމަ ސްޓޭޖުން ފަށައިގެން ދިވެހި ދަސްކުރަން ބޭނުންވާ ބޭރުގެ މީހަކަށް އެއީ ފަސޭހަ ކަމެއް ނޫންކަން އެހާ ހިސާބުން އޭނާ އަށް ގަބޫލުކުރެވުނެވެ.

އޭންޖީ: އޭނާ ބޭނުންވަނީ ރާއްޖޭގައި ދިރިއުޅޭ ބޭރުގެ މީހުންނަށް ދިވެހި ދަސްކުރާނެ ފަސޭހަ ގޮތްތަކެއް ހޮދައިދޭން


"މިގޮތަށް ދަސްކުރަން ބަލާއިރު ލިބެން ހުންނަ މައުލޫމާތުތައް ވަރަށް މަދު. އަސްލު ފުރަތަމަ ފެށި އިރަކު ޕޭޖެއް ހެދުމުގެ ހިޔާލެއް ވެސް ނެތް. އެކަމަކު ހިތަށް އެރީ ޕޭޖެއް ހަދައިފި ނަމަ އަހަރެން ކަހަލަ ވަރަށް ގިނަ މީހުންނަށް އޭގެއިން ފަސޭހަތަކެއް ވެހެންދާނެ ކަމަށް،" އޭންޖީ ބުންޏެވެ.

އޭންޖީ ދިވެހި ދަސްކޮށްދޭ އިންސްޓާ ޕޭޖް ހެދި ފަހުން ކޮންމެ ދުވަހަކު ވެސް ދިވެހީގެ ކޮންމެވެސް ބަހެއް ފަސޭހައިން ދޭހަވާނެ ގޮތަށް ތަސްވީރާއި އެކު ނުވަތަ މަޖާ ވީޑިއޯ ކޮޅަކާ އެކު ހިއްސާކުރެ އެވެ. ބަސް ބޭނުންކުރާނެ އެކި ގޮތްތަކާއި ހާލަތްތައް ވެސް ބުނެދެ އެވެ.

އޭނާ ދެކޭގޮތުގައި އުޅޭ މާހައުލުގެ ބަސް އެނގުން މުހިއްމެވެ. މަސައްކަތުގެ ކޮލިޓީ އާއި ދިރިއުޅޭ މާހައުލުގެ މީހުންގެ އިހުސާސްތަކާއި ދިރިއުޅުން ބޮޑަށް ދެނެގަނެވޭނީ ބަސް އެނގިގެންނެވެ. އޭނާ ބަސް ދަސްކުރާ ސަބަބަކީ އެއީ އެވެ. މަަސއްކަތް ކުރަނީ އެހެން މީހުންނަސް އެ ފުރުސަތު ހޯދައިދޭށެވެ.

ދިވެހި ދަސްކުރަން ޓާގެޓްކޮށްގެން އޭންޖީ މިހާތަނަށް ކުރި މަސައްކަތުން، އާންމުކޮށް މަސައްކަތުގެ މާހައުލާއި ރައްޓެހިންގެ ތެރޭގައި ވެސް ދައްކަން ބޭނުންވާ ބައެއް ވާހަކަތައް ދައްކާލެވޭ ވަރު ވެއްޖެ އެވެ. އެކަމަކު އެވަރުން ފުއްދާލަން ބޭނުން ނުވާކަމަށް އޭންޖީ ބުންނެވެ.


ދިވެހި ބަސް ކިޔަވަން ފެށި ފަހުން އޭނާއަށް ދިވެހި ބަސް ދެކެ ގަޔާވެވިއްޖެ އެވެ. ދިވެހިން ލިޔަން ބޭޏުންކުރާ އަކުރުތައް ތަފާތުކަމުން ލިޔަން ދަސްކުރުމުގެ ހާއްސަ ޝައުގުވެރިކަމެއް އުފެދިއްޖެ އެވެ. ރީތިކޮށް ވާހަކަ ދައްކައި ލިޔެކިޔަން ދަސްކުރަން ބޭނުންވަނީ އެހެންވެގެން ކަމަށް ވެސް އޭންޖީ ބުންޏެވެ.

"މިހާރު ވެސް ފޮލޯކުރާ މީހުން ބުނޭ ވަރަށް ހިތްހަމަޖެހޭ ވާހަކަ އެެގޮތަށް ފަސޭހައިން ދެނެގަނެވޭ ކަހަލަ ގޮތަކަށް އަދި މީހުން ޝައުގުވެރި ވާ ގޮތަށް ކޮންޓެންޓް ލާތީ. އެހެންވީމަ ގަބޫލުކުރަނީ އެހެން މީހުންނަަށް އެހީތެރިކަމެއް އޭންޖީގެ ފަރާތުން ވެސް އެބަ ދެކޭ ކަމަށް،" އޭނާ ބުންޏެވެ.

އޭންޖީ މިހާރު ބޭނުންވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް ގިނަ މީހުން ދިވެއްސަށް ޝައުގުވެރިކުރުވުމަށެވެ.