Advertisement

ހިސާންގެ ކިބައިން މާފަށް އެދެން ސުލޫކީ ކޮމިޓީން ސިޔާމަށް އަންގައިފި

9 ޖޫން 2021 - 16:30 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ހިސާންގެ ކިބައިން މާފަށް އެދެން ސުލޫކީ ކޮމިޓީން ސިޔާމަށް އަންގައިފި

9 ޖޫން 2021 - 16:30 1

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު "ދަންޖައްސަން ޖެހޭ ކަމަށް" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވި މައްސަލައިގައި އޭނާއަށް ނަސޭހަތް ދިނުމުގެ އިތުރުން، ހިސާންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ހިސާން "ދަންޖައްސަން ޖެހޭ ކަމަށް" ކަމަށް ބުނާ އަޑު އިވޭ އޯޑިއޯއަކީ އެނގިފައިވާ ގޮތުގައި, މެމްބަރު ސިޔާމް މަޖިލިހުގެ 241 ކޮމީޓިގެ ބައްދަލުވުމަކަށްފަހު އެ ކޮމިޓީން ބޭރުގައި ތިއްބެވި މެމްބަރުންތަކަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެކެވެ.

އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން "ދަންޖަންސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށެވެ.

އެ މައްސަލަ މަޖިލީހުން މިހާރު ވަނީ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އިމްތިޔާޒާ ސުލޫކު ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވީ މަޖިލީހުގެ މެމްބަރަކާ ދިމާއަށް އެފަދަ ވާހަކައެއް އެހެން މެމްބަރަކު ބުނުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ނަމަވެސް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ގަވައިދުގެ އިތުރުން ކޮމިޓީގެ ހިންގާ ގަވައިދުގައި ވެސް އެޅޭނެ މާބޮޑު ފިޔަވަޅެއް ނޯންނަ ކަމަށެވެ.

އެއާއެކު އޭނާ ހުށަހެޅުއްވީ ކުރިއަށްއޮތް ތަނުގައި އެކަހަލަ ކަމެއް ތަކުރާރު ސިޔާމަށް ނަސޭހަތް ދިނުމުގެ އިތުރުން މަޖިލީހުގެ ރައީސް މެދުވެރިކޮށް ކޮމިޓީގެ ފަރާތުން ހިސާންގެ ކިބައިން މާފަށް އެދުމަށް ސިޔާމަށް ދެންނެވުމަށެވެ.

އެ ހުށަހެޅުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ތާއީދުކުރެއްވުމުން، އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޔާމް ދެއްކެވި ވާހަކަތަކުގެ މަފްހޫމު އޮޅުވާލައިގެން, ނަފްރަތު އުފައްދަން އުޅޭ ކަމަށް މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީއެންއިން، އެ ޕާޓީގެ ލީޑަރު ދިފާއުކުރަމުން ބުނީ ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވާން ގޮވާލާނެ އަދި މީހަކަށް އަނިޔާއެއް ލިބެން އެދޭނެ މީހެއް ނޫން ކަމަށެވެ. އަދި އެޒާތުގެ ވާހަކަަތަކެއް ދެއްކެވި ކަމަށް ބުނެ ސިޔާމާ ދެކޮޅަށް ނަފްރަތު އުފައްދަން އުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.

އެމްޑީއެންއިން ބުނީ، މަޖިލިހުގެ ތަޅުމުގައި އާއި ކޮމިޓީޓަކުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ފުލުހަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށާއި ވާހަކަތަކުގެ މަފްހޫމް އޮޅުވާލައިގެން ހުށައެޅުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެމްޑީއޭގެ ބަޔާން ނިންމާލަމުން ބުނީ އެ ޕާޓީން މަޖިލިހުގައި ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށެވެ.