Advertisement

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ކުޅަދާނަ ޑައިވަރު ޒޫނާ

9 ޖޫން 2021 - 18:30 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު: ޑައިވިން ދާއިރާގައި ހިދުމަތް ކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ -- ފޮޓޯ: ޕ


ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ކުޅަދާނަ ޑައިވަރު ޒޫނާ

9 ޖޫން 2021 - 18:30 0

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވާ ގިނަ ދުވަސްތަކެއް ވަންދަން ޑައިވިން ދާއިރާގައި ހަރަކާތްތެރިވެފައިވާ ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) ހަމަޖައްސައިފި އެވެ.

ޒޫނާ ވަނީ މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ހަރަކާތްތެރިވެފަ އެވެ. އަދި މި ދާއިރާއިން ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރަން ގިނަ މަސައްކަތްތަކެއް އޭނާ އަންނަނީ ކުރަމުންނެވެ.

ޑައިވިން އަދި މޫދު ކުޅިވަރުގެ ދާއިރާއިން ޒޫނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ އޭނާއަށް 2018 ވަނަ އަހަރު ރެހެންދި އެވޯޑް އަރުވާފަ އެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ "ކެއާ ފޯ ދި އޯޝަންސް"އަކީ ދިރާގުގެ ސީއެސްއާރުގެ އެންމެ މުހިއްމު އެއް ތަނބު ކަމަށެވެ. އަދި މި މަސައްކަތާ ޒޫނާ ގުޅުމަކީ ދިރާގުން ކަނޑުތައް ހިމާޔަތްކުރަން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމެއްކަމަށް ވިދާޅުވި އެވެ.

ޒޫނާ ޑައިވިން ދާއިރާއަށް ކުރި ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ރެހެންދި އެވޯޑް ލިބުނީ 2018 ވަނަ އަހަރު -- ފޮޓޯ: އައިލެންޑް ޗީފް


"ޒޫނާ ނަސީމް ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރެއް ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް. އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މިކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިހަށް ވުރެ ބާރަށް ކުރިއަށް ގެންދާނަން," އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުގެ އެމްބެސަޑަރަކަށް ވުމާ ގުޅިގެން ޒޫނާ ނަސީމް ވިދާޅުވީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުންކޮށް ކުރިއަށް އޮތް ޖީލުތަކަށް ކަނޑުތައް ރައްކާތެރިކުރަން ދިރާގާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"ދިރާގު ބްރޭންޑް އެމްބެސެޑަރ ގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރާނަން," ޒޫނާ ވިދާޅުވި އެވެ.

ދިރާގުން 2016 ވަނަ އަހަރު ފެށި ކެއާ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެ ކުންފުނިން އަންނަނީ ތިމާވެށި ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ކެމްޕެއިންގެ ތެރެއިން ދިރާގުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސްކޫލްތަކަށް ރީޔޫސަބަލް ކޮތަޅު ހަދިޔާކޮށްފަ އެވެ. އަދި ދިރާގުގެ މުވައްޒަފުން ގޮނޑޮދޮށާއި ފަރުތައް ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި އަމަލީ ގޮތުން ބައިވެރި ވެއެވެ.

އޭގެ އިތުރުން ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރަން ބޮޑު ކެމްޕެއިނެއް ފެށި ކުންފުންޏަކީވެސް ދިރާގެވެ. އަދި ސިއްހީ ގޮތުން ރައްކާތެރިވާން ގެންގުޅޭ އާލާތްތައް ނައްތާލުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އަހުލުވެރިކުރުމުގެ މަސައްކަތް ދިރާގުން އަންނަނީ ކުރަމުންނެވެ.

ދިރާގުން ބުނި ގޮތުގައި ޒޫނާއާ އެކީ ރާއްޖޭގެ ކަނޑުތަށް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ، އެ މަސައްކަތުގައި ކުރިއަށް އޮތް ތަނުގައިވެސް އަމަލީގޮތުން ޝާމިލުވެ ބައިވެރިވާން ދިރާގުން އޮތީ ތައްޔާރަށެވެ. ސަބަބަކީ މި ރާއްޖެއަކީ ކަނޑުތަކަށް ބަރޯސާވެފައިވާ ޤައުމެއް ކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ އެންމެންގެ ފަރުދީ ޒިންމާއަޖަށް ވާތީ ކަމަށް ދިރާގުން ބުންޏެވެ.